އެމްޑީޕީގެ ވެރިކަން ނިމުމާއެކު މުޅި ރާއްޖޭގެ ތަރައްގީ އަދި އިގްތިސާދު ބިލާހަކަށްވެ
ނެތިގޮސްފައިވާ ކަމަށް ރައްޔިތުންގެ
މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން
ނާޒިލް ވިދާޅުވީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން އައްޑޫ ސިޓީގައި ޖުމްލަ ފަސް
ބިލިއަން ރުފިޔާ ހަރަދުވި 78 މަޝްރޫއެއްގެ މަސައްކަތް ކުރަމުން ދިޔަ ކަމަށެވެ.
މީގެ ތެރެއިން ބައެއް މަސައްކަތްތައް ވަނީ ނިމިދިޔަ ސަރުކާރުގައި ނިމިފައިވާ ކަމަށް ނާޒިލް ވިދާޅުވި އެވެ.

މިގޮތުން ބިން ހިއްކުމާއި މަގު ހެދުމާއި، މަގު ހެދުމުގެ ފުރަތަމަ ފޭސް އަދި
ބަނދަރު ހެދުމުގެ ފުރަތަމަ ފޭސް އާއެކު، އިތުރު މަސައްކަތްތައް ވެސް ނިމިފައިވާ ކަމަށް ނާޒިލް ވިދާޅުވި އެވެ. އަދި ސްކޫލްތަކުގައި އިންފްރާސްޓްރަކްޗަރ ތަރައްގީކޮށް، އެ މަސައްކަތް ވެސް ނިންމާފައިވާ ކަމަށް މެންބަރު ވިދާޅުވި އެވެ.

އައްޑޫ ސިޓީގައި އަޅުގަނޑު ހަނދާންވާގޮތުގައި 78 މަޝްރޫއެއް، 5
ބިލިއަނަށްވުރެ ގިނަ މަޝްރޫއުތަކުގެ މަސައްކަތް ކުރެވެމުން އައީ، ބައެއް
މަސައްކަތްކޮށް ނިމިފައި އޮތީ. ހިއްކުމާއި މަގުހެދުމާއި މަގުހެދުމުގެ ފުރަތަމަ ފޭސްއާ
މިހެންގޮސް ބަނދަރު ހެދުމުގެ ފުރަތަމަ ފޭސް އަދި މިހެން ގޮސް ބައިވަރު ބައިވަރު
މަސައްކަތެއް ނިމިފައި އޮތީ
އިބްރާހީމް ނާޒިލް

ނާޒިލް ވިދާޅުވީ އައްޑޫގައި ނުނިމި ހުރި މަސައްކަތްތައް
އަދިވެސް ހުރީ ނުނިމި ކަމަށެވެ. ހޮސްޕިޓަލަށް ވެސް ކުރެވުނީ ކޮންކަމެއްތޯ އާއި މަގުތަކުގެ
ސެކަންޑް ފޭސް އަދި ލިންކް ރޯޑުގައި މި ސަރުކާރަށް ކުރެވުނީ ކޮންކަމެއްތޯ ނާޒިލް ވަނީ ސުވާލު ކުރައްވާފަ އެވެ. 

އެ ހުރިހާ މަސައްކަތްތަކުން ނުނިމި ހުރި މަސައްކަތްތައް އަދިވެސް ހުރީ
ނުނިމި. ހޮސްޕިޓަލަށް ކޮންކަމެއްތޯ ކޮއްދެވުނީ، މަގުތަކުގެ ސެކަންޑް ފޭސް އަށް
ކޮންކަމެއްތޯ ކޮށްދެވުނީ، ލިންކް ރޯޑަށް ކޮންކަމެއްތޯ ކޮށްދެވުނީ. މި ހާލަތު މުޅި
ރާއްޖޭގެ ހުރިހާ ރަށެއްގައި
އިބްރާހީމް ނާޒިލް

މީގެ އިތުރުން އައްޑޫ ސިޓީ އިން މިހާރު 83 މުވައްޒަފުން ވަޒިފާ އިން ވަކިކޮށްފައިވާ ކަމަށާއި މާދަމާ މި ލިސްޓު އިތުރުވާނެ ކަމުގެ ޚަބަރު ލިބިފައިވާ ކަމަށް ނާޒިލް ވިދާޅުވި އެވެ. ނާޒިލް ވިދާޅުވި ގޮތުގައި ގައުމުގެ އިގްތިސާދުގެ ހާލަތު މިހާރު އޮތްގޮތުގެ ސަބަބުން ރައްޔިތުންނަށް އަލުން ވަޒީފާ ހޯދަން ދަތިވެގެން ދާނެ އެވެ.
އަދި މިކަމުން ހާމަވަނީ ސަރުކާރުން އެއްވެސް ގޮތަކަށް ރައްޔިތުންގެ
މުސްތަގުބަލަށް ނުވިސްނާކަން ކަމަށް ނާޒިލް ވިދާޅުވި އެވެ.

ނާޒިލް ވިދާޅުވީ ރައީސް މުއިއްޒު
ވެރިކަމާ ހަވާލުވެވަޑައިގަތީ ވަޒީފާތައް ރައްޔިތުންނަށް ދޭން ވައުދުވެވަޑައިގެން، ރާއްޖެއަށް ބޭރު
ފައިސާ ގެންނަވާނެ ކަމުގެ ވައުދުފުޅުތަކާ އެކު ކަމަށެވެ.