މަސައްކަތުގެ އަހުލާގަށް އަމާނާތްތެރިވުމަށާއި ތެދުވެރިވެ ޒިންމާދާރުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަންނަވައިފި އެވެ.
ހޮނިހިރު ދުވަހު ހއ. އުތީމުގައި ބޭއްވި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އޮފީހުގެ ވެރިންނާއި މުވައްޒަފުންނަށް މަސައްކަތު އަހުލާގު އަދާކުރެވޭ ނަމަ، ސަރުކާރުގެ އޮފިސްތަކަށް ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ހިތްހަމަޖެހުން ލިބި، މަސައްކަތުން ނެރެދޭ ނަތީޖާ އެތަށް ގުނައަކުން އިތުރުވެގެން ދާނެ ކަމަށެވެ.
އާއިލާއިން ފެށިގެން ގައުމީ މަސްއޫލިއްޔަތާއި ހަމަޔަށް އިހުތިރާމް އަދާކުރުމުގެ އަހުލާގު އަށަގަންނުވަން ޖެހޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އަދި ގައުމަށް ހަގީގީ މާނައިގައި ހަމަޖެހުމާއި ރައްކާތެރިކަމާއި އުމްރާނީ ގޮތުންނާއި އިގުތިސާދީ ގޮތުން އަދި އިޖުތިމާއީ ގޮތުން ތަރައްގީ އަންނާނީ އިހުތިރާމް އަދާކޮށްގެން ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
އޮފީހަށް ގަޑިއަށް ހާޒިރުވުމާއި އޮފީހުގައި މަސައްކަތުގައި ބުރަކޮށް ވަގުތު ހޭދަ ކުރުމާއި ސަލާން ބުނުމަކީ އާދައަކަށް ނުހެދުމާއި ތިމާއާ ހަވާލުވެފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ފަރުވާތެރިކަމާއެކު އަދާކުރެވޭނަމަ، އަދި މިގޮތުގައި އޮފިސް ނިމެންދެން މަސައްކަތް ކުރުމުގައި ހޭދަކުރެވޭނަމަ އެއީ ދައުލަތަށް ވެސް އެފަދަ މުވައްޒަފެއްގެ ފަރާތުން ލިބޭނެ ކިހާ ރީތި ނަމެއްތޯރައީސް މުއިއްޒު
ރައީސް ވަނީ ތަހުޒީބު ސިފަތައް އަށަގެންނެވުމާއި، އަހުލާގީ އަގުކުރުންތައް އާލާކުރުމުގެ އިތުރުން އެއްބަޔަކު އަނެއްބަޔަކަށް އިހުތިރާމް ކުރުމުގެ އަޒުމް ވަރުގަދަކުރުމަށް ގޮވާލައްވާފައި އެވެ.
މީގެއިތުރުން ޤައުމީ ދުވަހުގައި ދައްކައިދޭ ހަގީގީ މަންޒަރަކީ މަދު މީހަކު ގޯޅި އަޅައިގެން ދިޔަ ނަމަވެސް، ދިވެހީންނަކީ ތަފާތު އެކި ފެންވަރުގައި ގައުމީ ވިސްނުން އިސްކުރާ ބައެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އަދި ގައުމުގެ ހައްގުގައި ލެޔާއި ދާ އޮހުރުވާލުމަކީ ދިވެހި ގައުމީ ސިފައެއް ކަމަށާއި އެކަމުގައި ވަކި ފަންތިއެއް، ގިންތިއެއް ތަފާތެއް ނޯންނާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.