އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަހުނިޔާ ފޮނުއްވައިފި އެވެ. 

އިންޑިއާގެ މިނިވަން ދުވަހަކީ 1947 ވަނަ އަހަރުގެ 15 އޯގަސްޓުގައި އިނގިރޭސިވިލާތުގެ އަތްދަށުން އިންޑިއާއަށް މިނިވަންކަން ލިބުނު ދުވަސް ފާހަގަކުރާ ގައުމީ ދުވަހެކެވެ.

މި ދުވަހާއި ގުޅިގެން ހޮނިހިރު ދުވަހު ރައީސް ސޯލިހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން އިންޑިއާގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ހޫނު މަރުހަބާއެއް ވިދާޅުވެފަ އެވެ.

ރައީސް ސޯލިހު ވިދާޅުވީ، 1947 ވަނަ އަހަރުން ފެށިގެން އިންޑިއާއިން ހޯދަމުންދާ ކުރިއެރުމަކީ، ދިމުގުރާތީ ހަމަތަކަށް ދަތުރުކުރަމުންދާ ދިވެހިރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ގައުމުތަކަށް ލިބޭ ބޮޑު ހިތްވަރެއް ކަމަށެވެ.

މީގެއިތުރުން، ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން ކުރިއަށް އޮތް ތަނުގައި ވެސް އިތުރަށް ބަދަހިވެގެން ދިއުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ސޯލިހުގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.

ރައީސް ސޯލިހުގެ ސަރުކާރުުގައި ރާއްޖެއާއި އިންޑިއާ ގުޅުން ވަރަށް ބޮޑަށް ބަދަހިވެގެން ދިޔަ އެވެ. އެގޮތުން ރާއްޖޭގެ ރައްޔިތުންނަށް އެ ގައުމުން ބޭސްފަރުވާ، ވިޔަފާރި، ތައުލީމީ، އަދި އެހެނިހެން ދާއިރާތަކުން ވެސް ޚިދުމަތް ހޯދުމާއި މަސައްކަތް ކުރުމަށް ގިނަ ލުއި ފަސޭހަތަކެއް ލިބިގެންދިޔަ އެވެ.

ނަމަވެސް އިންޑިއާ އައުޓް ކެންޕޭނާއެކު ވެރިކަމަށް ވަޑައިގަނެންވި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަސްވަރު އިންޑިއާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވުމާ ގުޅިގެން، ދެގައުމުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެގެން ދިޔަ އެވެ. އަދި އެހެން ގައުމަކުން ރާއްޖެއަށް މާ ބޮޑު އެހީތެރިކަމެއް ނުލިބުމުން އިންޑިއާގެ އެހީތެރިކަމަށް އެދިވަޑައިގެންނެވުމަށް ރައީސް މުއިއްޒަށް މަޖުބޫރުވެވަޑައިގެން ދިޔަ ކަމަށް ސިޔާސީ އެކި ފަރާތްތަކުން ބުނެފައިވެ އެވެ. އެއާއެކު ރައީސް މުއިއްޒު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ، ދެގައުމުގެ ހީނަރުވެފައިވާ ގުޅުން ރަނގަޅު ކުރެއްވުމުގެ މަސައްކަތް ފެއްޓެވި އެވެ. އަދި މިސަރުކާރުގެ ހާރިޖީ ސިޔާސަތަކީ ހުރިހާ ގައުމުތަކާއެކު ވެސް ގުޅުން ބަދަހި ކުރުން ކަމުގައި ވިދާޅުވެފައިވެ އެވެ.