ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުން މިހެން ބުނެފައިވަނީ ރާއްޖެޓީވީން ހުށަހެޅި އާރްޓީއައިއެއްގެ ޖަވާބުގައި އެވެ. އެގޮތުން ރާއްޖެޓީވީން ކުރި ސުވާލަކީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީގޭގައި އެމަނިކުފާނުގެ ހިދުމަތުގައި ކިތައް މީހުން ތިބޭތޯ އާއި ކިތައް ދިވެހީންނާއި ކިތައް ބިދޭސީންތޯ އާއި އަދި މަހެއްގެ މައްޗައް ކިހާވަރެއް ހަރަދުވޭތޯ އެވެ.
މިއީ ރާއްޖެޓީވީން 24 ޖޫން 2025 ގައި ރައީސް އޮފީހަށް ހުށަހެޅި އާރްޓީއައި އެކެވެ. އަދި މި ހުށަހެޅުމަށް އެއްވެސް ޖަވާބެއް ދީފައި ނުވާތީ 24 ޖެނުއަރީ 2026 ގައި އެކަމުގެ ޝަކުވާއެއް އިންފޮމޭޝަން ކޮމިޝަނަރަށް ރާއްޖެޓީވީން ހުށަހަޅާފައިވެ އެވެ.
ޝަކުވާ ހުށަހެޅުމުން ރައީސް އޮފީހުން ޖަވާބު ދީފައިވެ އެވެ. އެ ޖަވާބުގައި ބުނެފައި ވަނީ ހިލާލީގޭގައި 16 ބިދޭސީ މުވައްޒަފުންނާއި 11 ދިވެހި މުވައްޒަފުންނާއެކު މުޅި ޖުމްލަ 27 މުވައްޒަފުން ތިބޭ ކަމަށެވެ. އަދި މި މުވައްޒަފުންގެ މުސާރައާއި އިނާޔަތުގެ ގޮތުގައި މަހެއްގެ މައްޗައް 352،611.44 ރުފިޔާ ހަރަދުވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
ޖަވާބު ދިނުން ލަސްވި ސަބަބެއް ކަމަށް ރައީސް އޮފީހުން ބުނެފައިވަނީ މައުލޫމާތު ހޯދައި އެއްކުރުމަށް ވަގުތު ބޭނުންވާ ކަމަށާއި، ހުށަހެޅި ފަރާތުގެ ހުށަހެޅުމުގެ އިތުރުން އެހެން ފަރާތްތަކުގެ ހުށަހެޅުން ވެސް ގިނަ އަދަދަކަށް ހުށަހަޅާފައިވާތީ ކަމަށެވެ.
މީގެއިތުރުން، މައުލޫމާތަކަށް އެދި މި ގާނޫނުގެ ދަށުން ހުށަހެޅޭ ކޮންމެ ހުށަހެޅުމަކާމެދު ވެސް، ލަސްކުރުމެއްނެތި ފިޔަވަޅު އަޅައި، މި ގާނޫނުގެ ދަށުން ދޭންޖެހޭ މައުލޫމާތެއްނަމަ، އެ މައުލޫމާތަކަށް އެދުނު ފަރާތަކަށް ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި އެ މައުލޫމާތެއް ފޯރުކޮށްދޭން ވާނެ ކަމަށާއި އެއްވެސް ހާލަތެއްގައި 21 ދުވަހަށް އެ މުއްދަތު ދިގުވެގެން ނުވާނެ ކަމަށް ގާނޫނުގައި ބަޔާން ކޮށްފައިވީ ނަމަވެސް ރައީސް އޮފީހުން އެ ގާނޫނަށް އަމަލުކޮށްފައި ނުވާކަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ފާހަގަކޮށްފައިވެ އެވެ.