ދައުލަތަށް ލިބޭ އާމްދަނީ އާއި ޑޮލަރު ވަންނަ މިންވަރު އިތުރުވަމުން ދިޔަ ނަމަވެސް، ރައްޔިތުންނަށް ޑޮލަރު ލިބުމުގައި ދަތިތައް ކުރިމަތިވަނީ ސަރުކާރުގެ މިސްމެނޭޖްމަންޓާއި ބޭކާރު ޚަރަދުތަކުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ޒިޔާދު ވިދާޅުވީ، އެއަރޕޯޓް ބޮޑުކުރުމާ ގުޅިގެންނާއި މީރާގެ ތަފާސްހިސާބުތަކުން އަދި ރިސޯޓުތަކުން ވެސް ރާއްޖެއަށް ވަންނަ އާމްދަނީ އިތުރުވެފައިވާކަން ފެންނަން އެބައޮތް ކަމަށެވެ. އަދި ރިސޯޓުތަކުން ކޮންމެ ގެސްޓެއްގެ އަތުން ނަގާ 100 ޑޮލަރުގެ ތެރެއިން 40 ޑޮލަރު ދައުލަތަށް ނަގާއިރު ވެސް ރައްޔިތުންނަށް އޭގެ ފައިދާ ނުލިބި ޑޮލަރަށް ޖެހިފައިވާ ސަބަބާމެދު އޭނާ ސުވާލު އުފެއްދެވި އެވެ.

ބޭކާރު ގޮތުގައި ކުރެވޭ ޚަރަދުތަކާއި އެމްބަސީތަކަށާއި ގިނަ އަދަދެއްގެ އެސްއޯއީތަކަށް ޑޮލަރު ދޭންޖެހުމަކީ މައްސަލައެއްކަން ފާހަގަކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ، އެމްއޭސީއެލްގެ އޮފީހަށް ނުގޮސް ޑޮލަރުން މުސާރަ ލިބޭ މީހުން ތިބިކަން މަޖިލީހުގެ ބަހުސްތަކުން ހާމަވެފައިވާ ކަމަށެވެ. އަދި ފުށިދިއްގަރު ހިއްކުމުގެ މަޝްރޫއަށް އެމްއޭސީއެލްއަށް ލިބޭ ޑޮލަރު ޚަރަދުކުރަމުންދާ ކަމަށް ވެސް މެންބަރު ޒިޔާދު ވިދާޅުވި އެވެ.

މީގެ އިތުރުން މެންބަރު ޒިޔާދު ވިދާޅުވީ، ޑޮލަރާ ގުޅޭ ގާނޫނުތަކަށާއި ބޭރު ފައިސާއާ ބެހޭ ގާނޫނުތަކަށް އިސްލާހު ގެނައި ނަމަވެސް، މެނޭޖްކުރުމުގެ މައްސަލަތަކަށް ހައްލެއް ނުގެނެސް، ޓެކްސް އިތުރުކޮށް ބޮޑުކުރިޔަސް ރައްޔިތުންނަށް އެދެވޭ ލުޔެއް ނުލިބޭނެ ކަމަށެވެ. 


އާމްދަނީ އިތުރު. އެހެންނަމަވެސް، ޑޮލަރަށް ދަތިވަނީ މިއީ ކީއްވެތޯ؟ މިއީ އަސްލުގައި ރައްޔިތުން ކުރާ ސުވާލަކީ. ލިބުމުގައި މައްސަލައެއް ނެތް އިއްޒަތްތެރި ރައީސް. މިހާރުވެސް ލިބޭ ވަރަށް ލިބޭ، އަހަރުން އަހަރަށް ލިބޭ އާމްދަނީ އިތުރުވޭ. އެހެންނަމަވެސް، ރައްޔިތު މީހާއަށް މީތި ދިޔުމުގައި މި އޮންނަނީ ސަރުކާރުގެ މިސް މެނޭޖްމެންޓު ކަމުގައި އަޅުގަނޑަށް ފެންނަނީ. އެ ކަންކަމަށް ހައްލެއް ނުގެނެސް އަދި ކިތަންމެ ޓެކްސެއް އަޅުގަނޑުމެން ތައާރަފުކުރިޔަސް މި ލުއި ހޯދަން މި އުޅޭ ލުޔެއް ފެންނަ ތަނެއް އަޅުގަނޑަކަށް ހަމަގައިމުވެސް މި ގާނޫނަކުން ވެސް ނުފެނޭ. އަދި ސަރުކާރުން މި ގެންނަ ސިޔާސަތުތަކަކުން ވެސް ނުފެނޭ. ނުފެންނަކަމުގެ ނަތީޖާއަކީ ތިން އަހަރު ވިއިރުވެސް ދުވަހެއް ދުވަހެއް އަޅުގަނޑުމެން މި ދަނީ ފަހަތައް
ހުސައިން ޒިޔާދު

ޑޮލަރު މާރުކުރުމުގެ ސިޔާސަތުތަކަށް ސަރުކާރުން ގެންނަ ބަދަލުތަކުގެ ސަބަބުން ޓޫރިޒަމަށް ލިބޭނެ ގެއްލުމާއި ދައުލަތަށް ވާނެ ފައިދާއާމެދު ސުވާލު އުފެދޭ ކަމަށް ވެސް މެންބަރު ޒިޔާދު ވިދާޅުވި އެވެ. އަދި ވިދާޅުވީ މިހާތަނަށް މިގެނެސްފައިވާ ބަދަލުތަކާ ގުޅިގެން ރައްޔިތުންނާއި ގައުމަށް ކުރިއެރުމެއް ލިބިފައިނުވާ ކަމަށެވެ.