މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ
ސަބަބުން ވިޔަފާރިތަކަށް ޓެންޝަން އިތުރުވެގެންދާނެ ކަމަށް ރައްޔިތުންގެ
މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހަށް ބަހުސް ކުރައްވަމުން މެންބަރު މައުރޫފް ވިދާޅުވީ، އިގްތިސާދަށް އަންނަމުންދާ ބަދަލުތަކާ އެކު ޓެކްސްގެ ނިޒާމަށް ރަނގަޅު ބަދަލުތަކެއް ގެންނަންޖެހޭ ކަމަށާއި، ޓެކުހުން މަކަރު ހެދުމާއި ޓެކުހުން ރެކުމަށް ބައެއް ފަރާތްތަކުން ކުރާ މަސައްކަތް ހުއްޓުވަންޖެހޭ ކަމަށެވެ. 

ނަމަވެސް މި އިސްލާހު ފާސްކުރުމުގެ ސަބަބުން ނުކުންނާނެ ކަންބޮޑުވުންތަކާއި ވިސްނަންޖެހޭ ކަންކަން ފާހަގަކުރަށްވައި މެންބަރު މައުރޫފް ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިފަދަ ކުއްލި ބަދަލުތަކުގެ ސަބަބުން ނޭނގި ކުރެވޭ ކަންކަމުން، ޖޫރިމަނާ ފަދަ ގެއްލުންތަކާއި ކުރިމަތިލާންޖެހޭ ހާލަތު ވަރަށް ގިނަ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ވިޔަފާރިތަކުގައި ޓެންޝަން އިތުރުވެގެންދާ ކަމަށް މެންބަރު މައުރޫފް ވިދާޅުވި އެވެ.

ބޮޑެތި ބަދަލުތަކެއް ގެންނައިރު އެ ބަދަލުތަކުގެ ސަބަބުން އަސަރުކުރާނީ ކޮން ފަރާތްތަކަކަށް ކަން، ކޮން ވިޔަފާރިތަކަކަށް ކަން އެ ވިޔަފާރިތަކަށް އެނގެންޖެހޭ. އެ ވިޔަފާރިތަކަށް އެކަން ނޭނގޭ ކަމުގައި ވާނަމަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ނޭނގި ކުރެވޭ ކަންތައްތަކުގެ ސަބަބުން އޭގެ ޖޫރިމަނާ އަދި އޭގެ ގެއްލުންތަކާ ކުރިމަތިލާންޖެހޭ ހާލަތްތައް ވަރަށް ގިނަ ފަހަރު އާދޭ
މައުރޫފް ޒާކިރު

މެންބަރު މައުރޫފް ވިދާޅުވި ގޮތުގައި މި ބިލުގައި ގެނެސްފައިވާ އިސްލާހުތަކުގެ ސާފުކަން ކުޑަވުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

ވިޔަފާރިތަކަށް މި ގެނެވިގެންދަނީ ކޮން ބަދަލުތަކެއްތޯ އެ ފަރާތްތަކަށް ސާފުވާންޖެހޭނެކަން ހާމަކުރައްވައި މެންބަރު މައުރޫފް ވިދާޅުވީ، އަލުން ރަޖިސްޓަރ ވާންޖެހޭނީ ކޮން ބައެއްކަމާއި، ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ޖީއެސްޓީ ދައްކަންޖެހޭ ބްރެކެޓަށް އަންނަނީ ކޮން ބަދަލުތަކެއްތޯ ވިޔަފާރިތަކަށް ސާފުވާންޖެހޭ ކަމަށެވެ.

ހަމައެއާއެކު މި އިސްލާހުގެ ސަބަބުން ތަކެތީގެ އަގަށް އަންނާނެ ބަދަލުތަކާ މެދު ވިސްނަންޖެހޭ ކަމަށާއި، ޓުއަރިޒަމްއަށް މި ޓެކްސްގެ ބަދަލުތައް ގެންނައިރު ކަމާބެހޭ ސްޓޭކްހޯލްޑަރުންނާ މަޝްވަރާ ކުރުން މުހިއްމު ކަމަށް މެންބަރު މައުރޫފް ވިދާޅުވި އެވެ.

މެންބަރު މައުރޫފް ވިދާޅުވީ، ވިޔަފާރިވެރިންނަށް މި އިސްލާހާ ބެހޭ މައުލޫމާތު އަންގައިދިނުމަކީ މަޖިލީހުގެ ފަރާތުން އަދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ފަރާތުން ކުރަންޖެހޭ މުހިންމު ކަމެއް ކަމަށެވެ. 

މީގެ އިތުރަށް މައުރޫފް ވިދާޅުވީ އިތުރަށް ޓެކްސް ނަގައިގެން އިގްތިސާދު ހަމަޖެހޭ ކަމަށް ވިސްނާ ވިސްނުމަކީ ކުއްހީއެއް ކަމަށެވެ. އަދި ކޮމިޓީ މަރުހަލާގައި ކަމާ ބެހޭ ފަރާތްތަކާއެކު މި އިސްލާހާމެދު މަޝްވަރާކޮށް އާންމު ފަރާތްތަކަށް މި ބަދަލުގެ ސަބަބުން އަންނާނެ ބަދަލު އޮޅުންފިލުވުން މުހިންމު ކަމަށް މެންބަރު މައުރޫފް ވިދާޅުވި އެވެ.