އުފަންވުމާއެކު ދައުލަތަށް ކުއްޖަކު ނެގުމުގައި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާގެ ޖެންޑަރ އެފެއާޒް ޑިޕާޓްމަންޓުން އަމަލުކުރި ގޮތް ހޯދުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން އެ މިނިސްޓްރީއަށް ވަދެއްޖެ އެވެ. 

އެޗްއާރްސީއެމުން އެ މިނިސްޓްރީއަށް ވަދެފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި އެޗްއާރްސީއެމުން ހުޅުމާލޭގައި ހުންނަ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑިޕާޓްމަންޓަށް ވަދެފައިވަނީ ބަލާ ފާސްކުރުމުގެ އަމުރަކާއެކު އެވެ.

މި އަމުރު ހޯދާފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 9:00ން ހޯމަ ދުވަހުގެ ރޭ 11:59 އަށެވެ. 

މި މައްސަލައާ ގުޅޭގޮތުން އެކޮމިޝަންގެ މެންބަރު އިސްމާއީލް ހަބީބް ވިދާޅުވީ، އުފަންވުމާއެކު ދައުލަތަށް ނެގި ކުއްޖާގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި، މި ތަހުގީގަށް މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށެވެ. އަދި މި މައްސަލަައިގައި މިނިސްޓްރީން އަމަލުކޮށްފައިވާ ގޮތް ގާތުން ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

މި މައްސަލަ ސޯޝަލް މީޑިއާގައި ފެންމަތިވެގެން ދިޔައީ އެ ކުއްޖާ ވިހެއި މަންމަގެ އާއިލާއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ. 

އެ ކުއްޖާގެ މަންމަ ބުނެފައިވަނީ ނަފްސާނީ މައްސަލައެއް ހުންނާތީ އެކަން ސަބަބަކަށް ދައްކައި، ދަރިފުޅު ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔައީ ކަމަށެވެ. އަދި ކުއްޖާ ގެންދިޔައީ ވިހޭތާ ތިން ވަނަ އަށްވީ ދުވަހު އޭނާގެ ނުރުހުމުގަ އެވެ.

25 އަހަރުގެ އެ ޒުވާނާ ބުނީ، ދަރިފުޅު ގޮވައިގެން އުޅުމުގެ ފުރުސަތު ދިނުމަށް އާދޭސް ކުރި ނަމަވެސް އެންމެފަހު ވަގުތު ދަރިފުޅު މާލެ ގެންދިޔައީ އޮޅުވާލައިގެން ލޮލަށް ނުވެސް ދައްކާ ކަމަށެވެ.

އެ ކުއްޖާ މަންމަގެ މިތުހުމަތުތަކާއެކު ގިނަ ބައެއްގެ ފާޑު ކިޔުން ފެމިލީ މިނިސްޓްރީއަށް ވަނީ އަމާޒުވެފަ އެވެ. 

މި މައްސަލައާ ގުޅިގެން ފެމިލީ މިނިސްޓްރީން ބުނީ، އެކުއްޖާ ދައުލަތަށް ނެގުމުގައި އަމަލުކޮށްފައި ވާނީ ގާނޫނާ އެއްގޮތަށް ކަމަށާއި، ކުއްޖަކު އެގޮތަށް ނަގާނީ އާއިލާ އިން ރައްކާތެރިކަން ކަށަވަރުނުވާ ހާލަތުގައި އެކަނި ކަމަށެވެ.

އެ ކުއްޖާ ދައުލަތަށް ނެގި ސަބަބުތައް ބަޔާންކޮށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަނުން އާއިލާ އަށް ފޮނުވި ސިޓީގައި ވެސް ގިނަ ކަންބޮޑުވުންތަކެއް ފާހަގަކޮށްފައިވެ އެވެ.

އެގޮތުން އެ ކުއްޖާގެ މަންމަ ދިރިއުޅޭ މާހައުލާއި ނަފްސާނީ ހާލަތާއި އަތުގެ ނުކުޅެދުންތެރިކަމާއި އާއިލާ އިން ވެސް އަޅާލާނެ ބަޔަކު ނެތުމަކީ ދައުލަތަށް ކުއްޖާ ނަގަން ޖެހުނު ސަބަބުތައް ކަމަށް އެ ސިޓީގައިވެ އެވެ.