ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ޕެޓިޝަންތަކުގެ ތެރެއިން ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ހުށަހެޅޭ ޕެޓިޝަންތައް ބާރުކަނޑުވާލައި، އެ ޕެޓިޝަންތަކަށް އޮތް ތާއީދު ފަނޑުކޮށްލުމަށް ސަރުކާރުން މަސައްކަތް ފަށައިފި އެވެ.

މިކަން ކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ބޮޑު ބަދަލެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހް ޔޫނުސް ވަނީ ހުށަހަޅުއްވައިފަ އެވެ.

މިހާރު އަމަލުކުރަމުންދާ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މަޖިލީހަށް ހުށަހެޅޭ ޕެޓިޝަނެއްގައި ހިމެނޭ ކަމަކާ ގުޅުންހުރި ކަމެއް އަލުން ހުށަނޭޅޭނެ އެވެ. ނަމަވެސް، މި ޝަރުތު އުނިކުރުމަށް މަމްދޫހް ހުށަހެޅުއްވީ، ސަރުކާރަށް ފައިދާވާ ގޮތަށް ސަރުކާރުގެ ތާއީދު އޮތް މީހުން ލައްވައި، ހަމަ އެ މައުޟޫއެއްގައި "ދެކޮޅު ޕެޓިޝަނެއް" ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށެވެ.

މިއީ ރައްޔިތުންގެ އަޑު އިއްވަން ހުށަހަޅާ ޕެޓިޝަންތަކުގެ ބާރު ގެއްލުވާލައި، އެއް މައުޟޫއެއްގައި ދެ ޕެޓިޝަން އޮތުމުން އެކަންކަން މަޖިލީހުގެ ތެރޭގައި "ގަޑުބަޑު" ކޮށް، ޕެޓިޝަންތައް ފެއިލް ކޮށްލުމަށް ސަރުކާރުން ރާވައިގެން ކުރާ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

މި ހަލަބޮލިކަން އުފެދިފައިވަނީ ކައުންސިލުތަކުގެ ބެލުމުގެ ދަށުގައިވާ ބިންތައް ވަކިކުރުމުގެ ބާރު ސަރުކާރަށް ދޭ ގޮތަށް, ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލަކާ ގުޅިގެންނެވެ. މި ބިލާ ދެކޮޅަށް ރައްޔިތުންގެ ބޮޑު ތާއީދަކާ އެކު ޕެޓިޝަނެއް ހުށަހެޅި އެވެ. އެ ޕެޓިޝަންގައި ގޮވާލާފައިވަނީ އެ ބިލު އަނބުރާ ގެންދިއުމަށެވެ.

ބިލު އަނބުރާ ގެންދިއުމަށް ގޮވަލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އީ - ޕެޓިޝަނަށް 2140 އަށް ވުރެ ގިނަ މީހުންގެ ސޮއި ހަމަކޮށްފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ އުސޫލުަތައް ބުނާ ގޮތުން މިއީ ތްރެޝްހޯލްޑް 2 ގެ ޕެޓިޝަނެކެވެ. މި ތްރެޝްހޯލްޑް ހަމަވަނީ ދިވެހީންގެ އާބާދީގެ 0.5 ޕަސެންޓާ އެއްވަރަށް ސޮއި ހަމަވުމުންނެވެ. 

މިއާއެކު މި ޕެޓިޝަން ވެގެން ގޮސްފައި ވަނީ ހާއްސަ ޕެޓިޝަނަކަށެވެ. މިއީ މަޖިލީހުގެ ތަޅުމުގައި ބަހުސްކުރަން މަޖުބޫރުވާ ވަރަށް ސޮއި ހަމަކޮށް ހުށައެޅި ފުރަތަމަ ޕެޓިޝަނަކަށް ވުމުގެ އިތުރުން މަޖިލިހުގައި ބަހުސް ކުރަންޖެހޭނެ މިފަދަ ފުރަތަމަ ޕެޓިޝަނަށް ވެސް ވެގެންދިޔައީއެވެ. 

މި ޕެޓިޝަން ޕެޓިޝަން ކޮމިޓީން ބަލައިގަނެ، ތަޅުމަށް އެޖެންޑާ ކުރަން ނިންމާފައި ވަނިކޮށް، ސަރުކާރުގެ ފަރާތުން ހަމަ އެ މައުޟޫއުގައި ދެވަނަ ޕެޓިޝަނެއް ހުށަހެޅީ އެވެ. ޕީއެންސީގެ ސަޕޯޓަރުން ހުށަހެޅި މި ދެވަނަ ޕެޓިޝަނުގައި ވަނީ، އެ ބިލަކީ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިކުރާ ބިލެއް ކަމަށް ބުނެ، އެ ބިލު ފާސްކޮށްދިނުމަށް ގޮވާލައިފަ އެވެ.

ރައްޔިތުންގެ އަޑު އުފުލަން އޮތް ޕެޓިޝަންގެ ނިޒާމުގެ ތެރެއަށް ސަރުކާރުން މިގޮތަށް އަތްގަދަކުރުމުން، ޕެޓިޝަންތަކުގެ އަސްލު ބޭނުން މިހާރު މިވަނީ ގެއްލިފަ އެވެ. 850 އަށް ވުރެ ގިނަ ސޮއި ހަމަކޮށް، ސަރުކާރުން ވެއްދި މި ޕެޓިޝަނަކީ ރައްޔިތުންގެ ޕެޓިޝަނަށް އޮތް ތާއީދު ކުޑަކުރުމަށް ސަރުކާރުން ހިންގި "ސިޔާސީ ކުޅިގަނޑެއް" ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ. 

މި ބަދަލު ގެނައުމުން، ކުރިއަށް އޮތް ތަނުގައި ސަރުކާރާ ދެކޮޅަށް ކޮންމެ ޕެޓިޝަނެއް ހުށަހެޅިޔަސް، ހަމަ އެހިނދުން ހަމަ އެ މައުޟޫއެއްގައި ސަރުކާރުން ޕެޓިޝަނެއް ހުށަހަޅައި، އެ ޕެޓިޝަންތައް "ބޮލްކް" ކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެ އެވެ. މަޖިލީހުގެ އާންމު ކޮމިޓީގައި މިކަން ދިރާސާކުރާއިރު، މި ބަދަލު ފާސްކޮށްފިނަމަ ޕެޓިޝަން ހުށަހެޅުމުގެ ހައްގު މުޅިން ހަނިވެގެންދާނެ އެވެ.