ހދ. ނެއްލައިދޫއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ދެ ވައުދުފުޅު ކަމަށްވާ، މަގު ހެދުމުގެ މަޝްރޫއާއި ހައުސިންގެ މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާކަން ހާމަވެއްޖެ އެވެ. 

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވަނީ ނެއްލައިދޫގައި ސަރުކާރުން ވެފައިވާ މައިގަނޑު ވައުދުތަކުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅުކުރާއްވާފަ އެވެ.

އެގޮތުން ނެއްލައިދޫގެ މަގުހެދުމާއި ހައުސިންގ މަޝްރޫއު ފަދަ މުހިންމު ކަންކަން ހުއްޓިފައިވާކަމަށް އޭނާ ވިދާޅުވި އެވެ. 

ނެއްލައިދޫގައި މިހާރު ފެންނަން ހުރި ތަރައްގީގެ ގިނަ މަޝްރޫއުތަކަކީ އެމްޑީޕީގެ ސަރުކާރުގައި ނިންމާފައިވާ މަޝްރޫއުތައްކަން ފާހަގަކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ، ބަނދަރުގެ މަޝްރޫއު ނިންމައި ޑިންގީ އަޅަން ޖެޓީއެއް ހެދުމަށް އެމްޓީސީސީއާ ހަވާލުކުރި ކަމަށެވެ. ނަމަވެސް މި ސަރުކާރުގައި އެ މަސައްކަތް ކުރިއަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ބަނދަރު ހަދާފައި، ބަނދަރު އެތެރޭގައި ޖަހަން މި ޑިންގީ އަޅަންވެގެން ޖެޓީއެއް ހަދަން އޮންނާނެ. އޭރުގައި އެއްޗެހި ވެސް އެރުވި އެމްޓީސީސީ. އެހެންނަމަވެސް އެ ބާލައިގެން ގެންގޮސްފި މިއަދާ ހަމައަށް އައި އިރު އޭގެ އެއްވެސް މަސައްކަތެއް ނެއްލާދޫގައި ނުހިނގާ. ނެއްލާދޫގައި ހަމަ އިންތިޚާބަށް މިސްކިތެއް އަޅަންވެގެން ފެނަކައަށް މުވައްޒަފުން ނަގައިގެން ވަޅެއްކޮނެފައި ހުރި ގޮތަށް ވަޅަބުރިއެއް އެޅި. އެ ހުރި ގޮތަށް އެ ނެއްލާދޫ މަސައްކަތެއްވެސް ކުރިއަކަށް ނުދޭ
ހުސައިން ޒިޔާދު 

މީގެ އިތުރުން ސަރުކާރުގެ ވައުދު ފޮތުގައި ހުރި ގިނަ ކަންކަން ނުހިނގާކަން ފާހަގަކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ، ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމާއި، ބަޖެޓު ކުރެވިފައިވާ އައު ސްކޫލް އެޅުމާއި ސްކޫލް ތަޅާލުމުގެ މަސައްކަތް ވެސް ނުހިނގާ ކަމަށެވެ. އަދި ފުޓްސަލް ދަނޑު އެޅުމުގެ މަސައްކަތް ނުފެށި ތިން އަހަރު ވެފައިވާ ކަމަށާއި، މަޖިލިސް އަދި ކައުންސިލް އިންތިޚާބުގައި ވައުދުވި ދަނޑުގައި ލައިޓު ޖެހުމުގެ މަސައްކަތްތައް ވެސް ކުރިއަށް ނުދާ ކަމަށް މެންބަރު ޒިޔާދު ވިދާޅުވި އެވެ.