ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތްހޯލްޑިން ޓެކްސް އިތުރުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެފި އެވެ. 

ހޯމަ ދުވަހުގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ބިލު ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލު ބަލައިގަތުމާ ދެކޮޅަށް 1 މެންބަރަކު ވޯޓު ދެއްވި އެވެ. އެއާއެކު އެ ބިލު ދިރާސާ ކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީ އަށް ވަނީ ފޮނުވާފަ އެވެ. 

އާމްދަނީ އިން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނީ މި އިސްލާހަކީ މިހާރު ނަގަމުންދާ ޓެކްސް 5 އިންސައްތަ އިން 10 އިންސައްތަ އަށް އިތުރުކުރުމަށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ.

މި ބިލު ސަރުކާރުން ހުށަޅާފައިވާ އިތުރު މަގްސަދުތަކުގެ ތެރޭގައި ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގައި ބޭރުގެ ކޮންޓްރެކްޓަރުންނާއި ދިވެހި ކޮންޓްރެކްޓަރުންނާ ދެމެދު ވާދަވެރި މާހައުލެއް ގާއިމު ކުރުން ހިމެނެ އެވެ. އަދި މި އިސްލާހުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިވެރިންނަށް މަސައްކަތްތައް ލިބުމުގެ ފުރުސަތު އިތުރުވެގެން ދާނެކަމަށް ވަނީ ބުނެފަ އެވެ.

ނަމަވެސް، ވިތްހޯލްޑިން ޓެކްސް ހަމައެކަނި 5 އިންސައްތަ އިން 10 އިންސައްތަ އަށް މަތިކުރުމުން ރާއްޖޭގެ ވިޔަފާރިތަކަށް މަޝްރޫއުތައް ކުރިޔަށް ގެންދިއުމުގެ އިތުރު ފުރުސަތެއް ލިބިގެން ނުދާނެކަމަށް އިދިކޮޅު އެމްޑީޕީގެ މެންބަރުން ވިދާޅުވެ އެވެ.

މި ބިލަށް ބަހުސްކުރައްވަމުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވީ، ވިދާޅުވީ މި ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށް ބުނެފައި ވަނީ ދިވެހިންނަށް ފުރުސަތު ދިނުން ކަމަށެވެ. އަދި މިވަގުތު ރާއްޖޭގައި ހިނގާ އެންމެ ބޮޑު ޕްރޮޖެކްޓަކީ ފުށިދިއްގަރު ޕްރޮޖެކްޓް ކަމަށްވާއިރު، އެ ބިން ހިއްކާ ކަމަށް ބުނަނީ އެމްއޭސީއެލް ނަމަވެސް، ހުރިހާ މަސައްކަތެއް ކުރަނީ ބޭރުގެ ފަރާތްތައް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. ހަމައެއާއެކު ރަށްރަށުގެ ޒުވާނުންގެ މަރުކަޒުގެ މަސައްކަތްތަ ވެސް ސަރުކާރުން މިހާރު ހަވާލުކުރަމުންދަނީ ޗައިނާގެ ކުންފުނިތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މަޝްރޫއުތަކުގެ ސަބް ކޮންޓްރެކްޓް ދިވެހި ކުންފުނިތަކަށް ނުލިބޭކަމުގެ ކަންބޮޑުވުން ފާޅުކުރައްމުން ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވީ ބޭރު ކުންފުނިތަކުގެ މަޝްރޫއުތަކުގައި ދިވެހި ކޮންޓްރެކްޓަރުންނަށް 30 އިންސައްތަގެ ސަބް ކޮންޓްރެކްޓެއް ދިނުމުގެ އިސްލާހެއް ހުށަހަޅައިފި ނަމަ ދިވެހި ކުންފުނިތަކަށް ލިބޭ މަސައްކަތްތައް އިތުރުވެގެން ދާނެކަމަށެވެ.

މެންބަރު ޝަމްހީދު ވިދާޅުވީ، ސަރުކާރުން ބޭރު ކުންފުނިތަކުން ގެންނަ އެކްސްކަވޭޓަރު އަދި އިތުރު މެޝިނަރީތަކުން ޑިއުޓީ ނުނަގާ ކަމަށެވެ. ނަމަވެސް ރާއްޖޭއަށް ނިސްބަތްވާ ކުންފުނިތަކުން މިފަދަ މެޝިނަރީތަކުން ޑިއުޓީ ނަގަމުންދާކަމަށް މެންބަރު ވިދާޅުވި އެވެ.

ސަރުކާރުން ލަފާކޮށްފައިވާ ގޮތުގައި ޓެކްސް އިތުރު ކުރުމުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް 251 މިލިއަން ރުފިޔާ އިތުރުވާނެ އެވެ. ނަމަވެސް މި ގާނޫނަށް މި ގެންނަ ބަދަލުތަކުގެ ހެޔޮ ނަތީޖާ ފެނިގެންދާނީ މީގެ ތިން އަހަރު ނުވަތަ ހަތަރު އަހަރު ފަހުން ކަމަށް ސަރުކާރަށް ނިސްބަތްވާ އިހަވަންދޫ ދާއިރާގެ މެންބަރު އަހްމަދު ނަސީރު ވަނީ ވިދާޅުވެފަ އެވެ.