ރާއްޖޭގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީ ކަމުގައިވާ، އައްޑޫ ސިޓީއަށް އޮތީ ކޮން ޕްރޮޖެކްޓްތަކެއްތޯ ނޫސްވެރިއަކު ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ދެންނެވުމުން އަމަލީ ގޮތުން މާލަސްތަކެއްނުވެ ކަންކަން ފެނިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ދައުރުގެ 3 ވަނަ އަހަރުގެ ދުވަސްތައް ގުނަމުން ގެންދަވާ ރައީސް މުއިއްޒު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދާ "ދަ ޕަލްސް"
ޕޮޑްކާސްޓް ސިލްސިލާގެ ހަވަނަ އެޕިސޯޑުގައި މި ހިނގާ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު ވާހަކަފުޅު ދައްކަވަމުންނެވެ.

"އާދެ، ވަރަށް މުހިންމު ސުވާލެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ކުރީ ސަރުކާރުން އައްޑޫ ސިޓީގައި ފަށާފައިވާ ބޮޑެތި މަޝްރޫއުތައް މަޑުޖެހި އަދި މި ސަރުކާރުން އެ ސިޓީގެ ތަރައްގީއަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރާތީ އައްޑޫ ރައްޔިތުންގެ ޝަކުވާ އިންތިހާ އަށް ބޮޑުވެފައިވަނިކޮށް ރައީސް ވިދާޅުވީ ޙަޤީޤަތުގައިވެސް އައްޑޫ ސިޓީއަކީ މާލެ ނަގާފައި އެންމެ އާބާދީ ބޮޑު ސިޓީ ކަމަށާއި އައްޑޫ ސިޓީއަށް ވަޒީފާގެ ފުރުޞަތު އިތުރުވެގެންދާނެ ކަހަލަ ކަންތައްތައް ވެގެންދިޔުމަކީ ވަރަށް މުހިންމު ކަމެއް ކަމުގަ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ކަންތައްތައް ހުރީ ވަރަށް ފައިނަލް ސްޓޭޖުގައި ކަމަށެވެ.

"ކަރަންޓުގެ މައްސަލަ ޙައްލުވުން. މަގުތަކުގެ މައްސަލަ، މިކަހަލަ ކަންތައްތައް އެބަހުރި. މިހާރު މިގޮތުން ބަލާއިރުގައި، ޓުއަރިޒަމް ދާއިރާއިން އައްޑޫ ސިޓީ ތަރައްޤީކުރުމަށްޓަކައި ހަންކެޑަ ޕްރޮޖެކްޓާއި، އައްސޭރި ޓުއަރިޒަމް މަޝްރޫޢާއި، މިހެންގޮސް ގިނަ ކަންތައްތަކެއް އަޅުގަނޑުމެން ކުރިއަށް މިގެންދަނީ. ދެން އިރާދަކުރެއްވިއްޔާ ޢަމަލީގޮތުން މިކަންކަން ފެންނާނެ މާ ލަސްތަކެއްނުވެ. މިހާރު ވަރަށް ފައިނަލް ސްޓޭޖްގައި ކަންތައްތައް އެހެރީ."

މުއިއްޒު ވިދާޅުވީ، އައްޑޫސިޓީއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްޞަ، އިންވެސްޓްމެންޓްތަކަށް ފަހި ސިޓީއަކަށް ހެދުމުގެ ތިން އަހަރު ދުވަހުގެ ޚާއްޞަ މަޝްރޫޢެއް މި އަންނަ އަހަރުން ފެށިގެން ހިންގުމަށް ރިޔާސީ ބަޔާނުގައި އިޢުލާނުކުރައްވާފައިވާނެ ކަމަށެވެ. މުއިއްޒު ވިދާޅުވީ އެކަން ވެސް އެދަނީ ތައްޔާރުވަމުން ކަމަށެވެ.

މިކަން ތަންފީޒުކުރުމަށްޓަކައި ޤާނޫނީ، އިދާރީ އަދި ފަންނީ ގޮތުން
މަގުފަހިކޮށްދޭންޖެހޭ ކަންކަން މިއަހަރު ތެރޭގައި ހަމަޖައްސަވާނެ ކަމަށް މިއަހަރުގެ ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މި އަހަރުގެ ފެބްރުއަރީ 5 ވަނަ ދުވަހު ބޭއްވި، ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން
އެމަނިކުފާނު ވިދާޅުވި އެވެ. މީގެ ސަބަބުން، ކުދި އަދި މެދު ފަންތީގެ
ސިނާޢަތް ބޮޑަށް ފުޅާވެ ކުރިއަރާ، އެތައް ވަޒީފާއެއް އުފެދި، އައްޑު
އަތޮޅަށް، އަދި މުޅި ދިވެހި ރާއްޖެއަށް، އިޤްތިޞާދީގޮތުން ގިނަގުނަ ފައިދާ
ތައް ކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މި ފުރުސަތުގެ ބޭނުންކޮށް އައްޑު އަތޮޅަކީ ދިވެހި ރާއްޖޭގެ އައި.ޓީ.ހަބް
ގެ ގޮތުގައި ހެދުމަށް، އެކަމަށް ޝައުޤުވެރިކަން ހުރި އެންމެހާ
ފަރާތްތަކަށް، އެ ބަޔާނުގައި ރައީސް މުއިއްޒު ވަނީ ދަޢުވަތު ދެއްވާފަ އެވެ.

"އެކަންވެސް އެދަނީ ތައްޔާރުވަމުން. އޭރުން ތިން އަހަރު ދުވަހަށް އެކިކަހަލަ ލުއިތައް، އެއީ މިސާލަކަށް، ބިމުކުލި، ނޫނީވިއްޔާ ދައްކަންޖެހޭ އެކިކަހަލަ، ސަރުކާރަށް ދައްކަންޖެހޭ އެކިކަހަލަ ޕޭމަންޓްތައް، މިކަހަލަ އެއްޗެހިން ލުއިތައް ދިނުމާއި، މިކަހަލަ ވަރަށް ގިނަ ލުއިތަކާ އެކީގައި، ތިން އަހަރު ދުވަހަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްޞަ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅައިގެން އެކަންވެސް ފެށިގެންދާނެ." 

ދައުރުގެ ބޮޑުބައި ނިމިގެންދާއިރު އައްޑޫ ސިޓީ އަށް ކަންކަން ފެށިގެންދާނެ ކަމަށާއި، ކަންކަން އޮތީ ފައިނަލް ސްޓޭޖުގައި ކަމަށާއި، ކަންކަން ގެންދަން ނިންމާފައި އޮތް ކަމަށާއި، ކަންކަން ފެށިގެންދާނެ ކަމަށް ތަކުރާރުކޮށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އެހެންވީމާ، ޓޫރިޒަމް ސެކްޓަރގެ ތެރެއިންނާއި، ވިޔަފާރީގެ ސެކްޓަރގެ ތެރެއިންނާއި އަދި މަސްވެރިކަމުގެ ތެރެއިންނާއި، އައްޑޫ ސިޓީގެ ޕޯޓުގެ ސަރަޙައްދުގައި އެކަމާ ގުޅޭ ޚާއްޞަ މަޝްރޫޢެއް ގެންދަން ނިންމާފައި މިއޮތީ،" މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މިކަހަލަ ވަރަށް ގިނަ ކަންކަން އައްޑޫ ސިޓީ އަށް އެބަހުރި ކަމަށެވެ.

"ދެން ކަރަންޓުގެ މައްސަލަ ޙައްލުކުރުމަށް ކުރެވޭ ކަންތައް، ބޮޑު މަޝްރޫޢެއް. ދެން އޭގެ އިތުރަށް، މަގުތައް ހެދުން. މިހާރު ލިންކް ރޯޑުގެ މަސައްކަތާއި، ޖުމްލަކޮށް މަގުހެދުމުގެ މަޝްރޫޢު އެވަނީ ފެށިފައި. އެހެންވީމާ، މިކަހަލަ ގިނަ ކަންތައްތަކެއް އެބަ ހިނގާ އިނގޭތޯ އައްޑޫ ސިޓީގެ ތަރައްޤީއަށްޓަކައި. އައްޑުއަތޮޅުގެ ތަރައްޤީއަށްޓަކައި. އެހެންވީމާ، މާލެ ނަގާފައި އާބާދީ އެންމެ ބޮޑު ސަރަޙައްދަށް ދޭންޖެހޭ ސަމާލުކަންދީގެން، ވަރަށް ގިނަ މަޝްރޫޢުތައް ކުރިއަށްދާނެ،" ރައީސް ވިދާޅުވި އެވެ.

އައްޑޫ ސިޓީގައި ކަންކަން ހުރީ ރޭވިފައިވާ ކަމަށް އަނެއްކާ ވެސް ރައީސް މުއިއްޒު ވިދާޅުވި  އިރު ހުސްވި އަހަރުގެ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު އެ ސިޓީގެ ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންނާ އެކު އައްޑޫ ސިޓީގައި ރައީސް ބޭއްވެވި ބައްދަލުވުމުގައި ވެސް ކަންކަން އަވަސް ކޮށްދެއްވުމަށް ރައީސް އަށް ވަނީ ދަންނަވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ވަނީ ރަށުގެ
ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ހިއްސާކުރައްވާފަ އެވެ. އެގޮތުން
ހުރިހާ ކައުންސިލް މެމްބަރުން ވަނީ އަތޮޅަށް ދިމާވެފައިވާ ކަރަންޓުގެ
މައްސަލަ ފާހަގަކުރައްވައި އެކަމަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުމަށް
އެދިވަޑައިގެންފަ އެވެ. މީގެ އިތުރުން ސިޓީގެ ބައެއް ސަރަހައްދުތަކަށް
ކަރަންޓު ގުޅައި ދިނުމާއި ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމާއި އެ ޚިދުމަތް
ދިނުމުގައި މިހާރު ރައްޔިތުންނަށް ދިމާވަމުންދާ މައްސަލަތައް
ހައްލުކޮށްދެއްވުމަށް ވެސް ވަނީ އެދިވަޑައިގެންފަ އެވެ. އެގޮތުން ފޭދޫގައި
މިހާރު ތަރައްޤީ ކުރަމުން އަންނަ ޓޫރިޒަމް ޒޯނާއި، ހިއްކި ސަރަހައްދުން
ދޫކޮށްފައިވާ ގޯތިތަކަށް ވެސް ފެނާއި، ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް
ޤާއިމްކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވި އެވެ.

އައްޑޫ ސިޓީގެ ބައެއް މަގުތައް ހަދާނިމުނުއިރު ބައެއް މަގުތަކުގައި
ލައިޓް ނެތުމާއި، މަގުގެ ބައެއް ސަރަހައްދުގައި ފެންބޮޑުވާ މައްސަލަވެސް
ކައުންސިލުން ފާހަގަކުރެއްވި އެވެ. މީގެ އިތުރުން އައްޑޫގައި ހުންނަ
އެސްޓީއޯގެ ފިހާރައިން މާލެއާއި އެއްއަގެއްގައި ހިލަ، ހިލަވެލި، ޕެޓްރޯލް
އަދި ޑީސެލް ލިބޭނެގޮތް ހައްދަވައިދެއްވުމަށްވެސް ކައުންސިލުން
އެދިވަޑައިގެންނެވިއެވެ. ރަށްރަށުގެ އާބާދީގެ ނިސްބަތަށް ބަލާއިރު،
ރަށްރަށުގައި ފުލުހުން ހަރަކާތެރިވާ މިންވަރު މަދުކަން ފާހަގަކުރައްވައި،
ފުލުހުން ހަރަކާތްތެރިވާ އަދަދު އިތުރުކޮށްދެއްވުމަށް ކައުންސިލުން
އެދިވަޑައިގެންނެވި އެވެ.

އައްޑޫ ސިޓީގައި ކެތު ލެބް ޤާއިމްކުރެވިފައި ހުރިނަމަވެސް އެ ޚިދުމަތް
ހޮސްޕިޓަލުން ނުލިބޭތީ އާސަންދައިން ގިނަ އަދަދެއްގެ ޕޭޝަންޓުން މާލެއަށް
ޚިދުމަތް ހޯދަން ފޮނުވަންޖެހޭކަން ފާހަގަކުރައްވައި އެ ޚިދުމަތް އައްޑޫ
އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ވީހާވެސް އަވަހަށް ދޭންފެށުމަށް
ކައުންސިލުން އެދިވަޑައިގެންނެވި އެވެ.

މީގެ އިތުރުންވެސް ސިޓީގައި ހިމެނޭ ވަކި ވަކި ރަށްރަށް ތަމްސީލްކުރައްވާ
ކައުންސިލް މެމްބަރުން ވަނީ އެރަށްރަށަށް ބޭނުންވާ ކަންކަން
ހައްލުކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ. އެގޮތުން ފްލެޓް
އަޅައިދެއްވުމަށާއި، ލިންކްރޯޑް މަރާމާތުކޮށްދެއްވުމުގެ އިތުރުން
ކޮންޓްރެކްޓް މުވައްޒަފުންގެ މައްސަލަ ހައްލުކޮށްދެއްވުމަށް ވަނީ
އެދިވަޑައިގެންފަ އެވެ.

މީގެ އިތުރުން ކައުންސިލުން ވަނީ ގަމުގެ އެއާޕޯޓަށް ބައިނަލްއަގުވާމީ
އެކި މަންޒިލުތަކުން ފްލައިޓްތައް ގެނެވޭނެ އިންތިޒާމް
ހަމަޖައްސަވައިދެއްވުމަށްވެސް އެދިވަޑައިގެންފަ އެވެ.

ހުޅުދޫ އަދި މީދޫގައި މިހާރު ހިއްކާ ތަރައްޤީ ކުރުމަށް ނިންމާފައިވާ 5
ހެކްޓަރުގެ ދެ ރަށުގެ ތެރެއިން އެއް ރަށުގެ ބަދަލުގައި އެދެ ރަށުގެ
ރައްޔިތުން ބޭނުންކުރުމަށާއި ފަތުރުވެރިންނަށް ޚާއްޞަ ބީޗެއް
ހައްދަވައިދެއްވުމަށް ވެސް ކައުންސިލުން އެދިވަޑައިގެންނެވި އެވެ.

މިކަންކަމާ ބެހޭ ގޮތުން ވެސް ރައީސް ވިދާޅުވީ ކައުންސިލުން އެދުނު ކަންކަން ބައްލަވާނެކަމުގަ އެވެ.