އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު އައްޔަނުކުރުމަށް މަޖިލީހުން ރުހުންދީފި އެވެ.

އޭނާ އެ މަގާމަށް އައްޔަނު ނުކުރުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އާއި އެތައް ބަޔަކު ގޮވާލައި، އެ ނަން އަނބުރާ ގެންދެއްވުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވެސް ހުށަހަޅުއްވާފައި ވަނިކޮށް، އެއިން އެއްވެސް ކަމަކަށް ބެލުމެއް ނެތި، ޕީއެންސީގެ ސުޕަރ މެޖޯރިޓީ އޮންނަ މަޖިލީހުން އޭނާ އަށް ރުހުން ދީފައިވަނީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ. 

އެ މައްސަލަ ދިރާސާ ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އިންނެވެ. އެ ކޮމިޓީ ރިޕޯޓު ބުދަ ދުވަހުގެ ޖަލްސާއަށް ހުށަހަޅާފައިވާއިރު އެ ކޮމިޓީ ރިޕޯޓަށް ވޯޓަށް ވެސް ވަނީ އަހާފަ އެވެ. އަބްދުލްއަޒީޒް އެ މަގާމަށް އައްޔަނު ކުރުމަށް ރުހުން ދިނީ 47 މެންބަރުގެ އަޣުލަބިއްޔަތުންނެވެ. އޭނާ އެ މަގާމަށް އައްޔަނު ކުރުމަށް ނުފެންނަ ކަމަށް 12 މެންބަރުން ވޯޓު ދެއްވި އެވެ. 

2026 އޮގަސްޓް 23 ގައި ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު ހުސެއިން ރިޒާ އާދަމް އަށް އެޑްރެސްކޮށް ސިޓީ އެއް ވެސް ފޮނުވާފަ އެވެ. އެ ސިޓީގައި ވަނީ ކޮމިޝަނަރެއްގެ މަގާމުގައި އަބްދުލްއަޒީޒް ކުރިން ހުންނެވި އިރު އޭނާ އަށް ގާނޫނު ފުރިހަމަ އަށް ތަންފީޒު ނުކުރެއްވޭ ކަމަށް ބުނެފަ އެވެ.

ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބުނީ އަބްދުލްއަޒީޒްގެ ދައުރުގައި ފަރުމާކުރެވުނު މައުލޫމާތު ހޯދުމުގެ ފޯމު އެ ހައްގަށް ހުރަސްއެޅޭ ފަދަ ގޮތަކަށް ފަރުމާ ކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ކަންބޮޑުވުންތައް ހައްލު ކުރުމަށް ކުރި މަސައްކަތްތަކަށް ބެލުމެއް ނެތި އެ މައްސަލަތައް ދޫކޮށްލާފައިވާ ކަމަށެވެ.

ޤާނޫނުގައި ލާޒިމު ކޮށްފައިވާ އާންމު އަޑުއެހުން އިންފޮމޭޝަން ކޮމިޝަނުން ފުރަތަމަ ފަހަރު ބޭއްވީ އެ މަގާމުން އަބްދުލްއަޒީޒް ވަކިވެވަޑައިގެން، ދެވަނަ އިންފޮމޭޝަން ކޮމިޝަނަރަކު އައްޔަނު ކުރުމަށް ފަހު ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ވަނީ ބުނެފައި އެވެ.

މިހެންކަމުން އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒް އަކީ އެންމެ ގާބިލް ފަރާތެއް ނޫން ކަމަށާއި، މި މިގާމަށް އަލުން ނަން ހުށަހަޅަން މަޖިލީހުން ހުޅުވާލުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ވަނީ އެދިފައި އެވެ.

އޭގެ ފަހުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ނެރުއްވި ނޫސް ބަޔާނެއްގައި ބުނެފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަކީ ދައުލަތުގެ މާލިއްޔާތު ހަރަދު ކުރާ ގޮތާއި މުހިއްމު ނިންމުންތައް ނިންމާ ގޮތް ބަލައި، ވެރިކަން ހިންގުމުގެ ނިޒާމު ޒިންމާދާރު ކުރުވުމަށް ރައްޔިތުންނަށް ލިބިދޭ އެންމެ އަސާސީ ބާރު ކަމަށާއި މި ހައްގު ފުރިހަމައަށް ނުލިބޭނަމަ ކޮރަޕްޝަން އިތުރުވެ، ދައުލަތުގެ މުއައްސަސާތައް ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު ހަނިވެގެން ދާނެ ކަމަށެވެ.

އެހެންކަމުން އަލުން ކުރިން އޮތް ސިއްރުވެރި އުސޫލުތައް ގެންނާނެ ކަމަށް ވިދާޅުވާ ބޭފުޅަކު އިންފޮމޭޝަން ކޮމިޝަނަރު ކަމަށް އައްޔަނު ކުރުމަކީ މުޅި ނިޒާމު ފަހަތައް ސޮއްސާލައި، މައުލޫމާތު ހޯދުމުގެ ހައްގު ހަނިވެގެން ދާނެ ކަމަށް ވިދާޅުވެ، މެންބަރު ކުޑޫ ވަނީ އަބްދުލްއަޒީޒު ނަން އަނބުރާ ގެންދިއުމަށް ގޮވާލައްވާފައި އެވެ.