ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތަކާއި ތަންތަން ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި އެ ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސުން ވަކިކުރަން ސަރުކާރުން ނިންމާ ހާލަތެއްގައި، އެ ތަންތަން ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ. 

ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ އެ ބިލު ދިރާސާކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީ އިންނެވެ. ކޮމިޓީ އިން އެ ބިލު ފާސްކޮށްފައި ވަނީ ބައެއް އިސްލާހުތަކާ އެކުގަ އެވެ. 

އެގޮތުން ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު އައިފާން ވަނީ، ކައުންސިލުތަކުގެ އިހުތިސާސުން ވަކިކުރެވޭ ބިންބިމުގައި ނުވަތަ ތަންތަނުގައި ގާނޫނު ހުއްދަކުރާ ގޮތުގެ މަތިން ކައުންސިލުން ނުވަތަ ތިންވަނަ ފަރާތަކުން އިންވެސްޓްމަންޓެއް ކޮށްފައިވާ ނަމަ، އެފަދަ އިންވެސްޓްމަންޓްތަކަށް ފިނޭންސް މިނިސްޓްރީން ކައުންސިލުތަކަށް ނުވަތަ ތިންވަނަ ފަރާތްތަކަށް އެކަށީގެންވާ ބަދަލެއް ދޭން ޖެހޭ ގޮތަށް އިސްލާހެއް ހުށަހަޅުއްވާފަ އެވެ. 

މެންބަރުގެ އެ ހުށަހެޅުއްވުން ކޮމިޓީގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާއިރު، އެ ހުށަހެޅުމާ ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރް އާއި ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދުގެ އިތުރުން އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހްމާން އެވެ.

މީގެ އިތުރުން އެ ގާނޫނުގެ 2-56 ގެ (ލ) ގެ ފަހަތަށް އަކުރެއް ވަނީ އިތުރުކޮށްފަ އެވެ. 

މި އިސްލާހުތައް ކޮމިޓީ އިން ފާސްކޮށް، ބިލު މަޖިލީހުގެ ތަޅުމަށް ފޮނުވިއިރު މީގެ ކުރިން ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި އެ ބިލާ ގުޅޭގޮތުން މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައި އެ ޕެޓިޝަނާ ގުޅޭގޮތުން ލާމަރުކަޒީ ކޮމިޓީގެ ޚިޔާލެއް ވެސް ހޯދަން ޕެޓިޝަން ކޮމިޓީން އެދިފައިވާކަން ފާހަގަ ކުރައްވާ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު ވަނީ އެފަދަ ޕެޓިޝަނެއް މަޖިލީހަށް ހުށަހެޅިފައި ވަނިކޮށް، އެއަށް ބެލުމެއްނެތި ބިލުގެ މަސައްކަތް ނިންމައިފި ނަމަ، ޕެޓިޝަންތައް މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު ދިނުމުގެ އެއްވެސް ބޭނުމެއް ނެތް ކަަމަށް ވިދާޅުވެފަ އެވެ.

އެއީ ހަމަޖެހޭކަމެއް ނޫން ކަމަށާއި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ. އެއާއެކު މެންބަރު ވަނީ ޕެޓިޝަނަށް ރިއާޔަތް ކުރުމަށްފަހު ބިލުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހުށަހަޅުއްވާފަ އެވެ. އެހެން ނަމަވެސް ޕީއެންސީގެ މެޖޯރިޓީ އޮތް އެ ކޮމިޓީ އިން އެ ހުށަހެޅުން ވަނީ ބޭރުކޮށްލާފަ އެވެ. 

ތުޅާދޫ ދާއިރާ މެންބަރު އަބްދުލް ހައްނާން އަބޫބަކުރު ސްޕޮންސަރ ކުރައްވާ ހުށަަހަޅުއްވާފައިވާ އެ ބިލަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އިސްލާހުތަކެއް ހުށަހެޅުއްވި އެވެ. 

އެހެން ނަމަވެސް އެއިން އެއްވެސް ކަމަކަށް ބެލުމެއްނެތި ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކޮމިޓީން ނިންމި ގޮތަށް ބިލު މަޖިލީހުން ފާސްކޮށްފައި ވަނީ 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 12 މެންބަރުންނެވެ.

މި ބިލު ހުށަހަޅާފައި ވަނީ، ކައުންސިލްތަކުގެ ބާރުތައް ހަނިކޮށް، އެ ކައުންސިލްގެ އިހްތިސާސްގައިވާ ބިމާއި ތަންތަން ސަރުކާރަށް ނެގުމުގެ ބާރު ދިނުމަށެވެ. އެހެން ކަމުން ބިލާ ގުޅިގެން އާންމުންނާއި ކައުންސިލްތަކުން ބޮޑެތި ކަންބޮޑުވުންތަކެއް ދަނީ ފާޅުކުރަމުންނެވެ. އެގޮތުން މަޖިލީހަށް ހުށަހެޅި ޕެޓިޝަންގައި ފާހަގަކޮށްފައިވާ ގޮތުގައި، މި އިސްލާހުގެ ސަބަބުން ރައްޔިތުންގެ ވޯޓުން ހޮވާފައިވާ ކައުންސިލަރުންގެ ބާރު ކެނޑި، އެ ބާރުތައް ވަޒީރުންގެ މަޖިލީހުގެ އަތްމައްޗަށް ފުރޮޅިގެންދާނެ އެވެ. އެއާއެކު މި އިސްލާހުތަކުން ވަޒީރުންގެ މަޖިލީހުން ނިންމާ ނިންމުންތަކާއި ދެކޮޅު ހަދާކަމަށް ނުވަތަ އެއްބާރުލުން ނުދޭ ކަމަށް ބުނެ ރައްޔިތުން ތަމްސީލު ކުރަން ވޯޓަކުން ހޮވާފައިވާ ކައުންސިލަރުންނަށް ފިޔަވަޅު އަޅަން ފުރުސަތު ވެސް ލިބޭނެކަން މި ޕެޓިޝަނުގައި ފާހަގަކޮށްފައިވެ އެވެ. 

މިކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެ އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލާ ބައެއް ކައުންސިލްތަކުން ބަޔާންތަކާއި ގަރާރުތައް ވެސް ނެރެފައިވެ އެވެ.