ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 70 އިންސައްތަ މަސައްކަތް ނިންމާފައިވާ ދ. މާއެނބޫދޫ ފެނުގެ ހިދުމަތުގެ މަޝްރޫއު ކުރިއަށް ނުދާތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ. 

ދ. މާއެނބޫދޫ ކައުންސިލްގެ ރައީސާ ނޫމާ މުހައްމަދު މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ދ. މާއެނބޫދޫ ފެނުގެ ހިދުމަތުގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ 2021 ވަނަ އަހަރު ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ކަމަށާއި، މިއަދާއި ހަމައަށް ވެސް އަދިވެސް ހިދުމަތް ލިބެން ނުފަށާ ކަމަށެވެ. 

މި މަޝްރޫއު ނުނިމި ލަސްވެގެން މިދަނީ މަސައްކަތް ހިނގައިގަތުމަށްޓަކައި ކުރަން ޖެހޭ އެއްވެސް މަސައްކަތެއް ނުނިމޭތީ ކަމަށް ނޫމާ ވިދާޅުވި އެވެ. އެގޮތުން އެންމެ ފަހު ސެގްމެންޓުގެ މަސައްކަތްތައް ނުނިމި ހުރިކަން ފާހަގަކުރައްވައި، ނޫމާ ވިދާޅުވީ ކޮންޓެއިނަރުތައް އިންސްޓޯލްކޮށް ބޭނުންކުރެވޭ ހާލަތަށް ގެނެވިފައި ހުރި ނަމަވެސް، ފެން ޕްލާންޓުގެ އިމާރާތުގެ އިދާރީ ހިންގުމަށް ބޭނުންވާ އެއްވެސް ވަސީލަތެއް ނެތް ކަމަށެވެ. 

މާއެނބޫދޫ ރައްޔިތުންނަށް ފެނުގެ ހިދުމަތް މިހާރު ނުލިބި ހުރީ އިމާރާތުގެ މަސައްކަތް ނުނިމޭތީ ކަމަށާއި، ގޭގެޔަށް ޑިސްޓްރިބިއުޝަން ކަނެކްޝަންގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށް ނޫމާ ވިދާޅުވި އެވެ. އަދި މިވަގުތު އެއްވެސް ވަރަކަށް މަަސައްކަތް ނުހިނގާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.  

އަޅުގަނޑަށް ސީދާ އެހެން ކިހާ ދުވަހެއް ކަމެއް ދަންނަވާކަށް ނޭނގެ އެހެން ނަމަވެސް 2021 ވަނަ އަހަރު ފެށުނު ޕްރޮޖެކްޓަކާއި ބަލާފަ މިހާރު ވަރަށް ބޮޑުތަން ލަސްވެގެން ދެއްތޯ މިދިޔައީ، އެއީ ފެށުނީސުރެ އަޅުގަނޑުމެން ނަޖިސް ފެން ބޭނުން ކުރަމުން މި އަންނަނީ އަންނަ އިރުގައި މިހާރު އަދި ބިން ހިއްކުމުގެ މަޝްރޫއު ފެށުމާއި ގުޅިގެން ފެނަށް މި އަންނަމުންދާ ބަދަލާ އެކީގައި ހަމަ ރައްޔިތުން ވަރަށް ހާލުގައި މި އުޅެނީ 
ނޫމާ މުހައްމަދު

މި މަޝްރޫއުއާއި ގުޅޭގޮތުން ހައުސިންގ މިނިސްޓްރީގެ ފަރާތުން އެންމެ ފަހުން ދިން މައުލޫމާތަކީ މާއެނބޫދޫ ފެނުގެ މަޝްރޫއުއަކީ މި އަހަރަށް ޝެޑިއުލް ކުރެވިފައިވާ މަސައްކަތެއް ނަމަވެސް ބަޖެޓުގެ ކަންތަައްތަކެއް ހަމަނުޖެހުމާ ގުޅިގެން ހުއްޓިފައިވާ ކަމަށް ނޫމާ ވިދާޅުވި އެވެ. 

މީގެ އިތުރުން، މި މަޝްރޫއުގެ 70 އިންސައްތަ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ނިމިފައިވާކަން ނޫމާ ފާހަގަކުރެއްވި އެވެ. އަދި މި ހިދުމަތް ފެށުމަށްޓަކައި، ބާކީ ހުރި މަަސައްކަތްތައް ނިންމަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.