މީގެ ކުރިން އެއްވެސް ސަރުކާރަކަށް 2 އަހަރުތެރޭގައި ނުލިބޭ ވަރަށް ޑޮލަރުން އާމްދަނީ މިސަރުކާރަށް ލިބިފައިވާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެރޭ އެމްޑީޕީ އިން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، މިހާތަނަށް އެއްވެސް ސަރުކާރަކުން ޑޮލަރުން ދަރަނި ނުދައްކާ ވަރަށް މިސަރުކާރުން ދަރަނި ދައްކާފައިވާ ކަމަށް ވިދާޅުވާއިރު، މިސަރުކާރަށް ދެ އަހަރާއި ބައިގެ ތެރޭގައި ޑޮލަރުން އާމްދަނީ އެހެން ސަރުކާރަކަށް ނުލިބޭ ވަރަށް ލިބިފައިވާ ކަމަށެވެ.

އެގޮތުން ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި ދެ އަހަރާއި ބައިގެ ތެރޭގައި ލިބުނީ 1.2 ބިލިއަން ޑޮލަރު ކަމަށާއި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކޮވިޑާއެކު ލިބުނީ 1.2 ބިލިއަން ޑޮލަރު ކަމަށް އަމީރު ވިދާޅުވި އެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް މިހާތަނަށް 3.5 ބިލިއަން ޑޮލަރު ލިބިފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ. 

އަދި ދަރަނި ދެއްކުމަށްފަހު ބާކީވި ޑޮލަރު ހުރީ ކޮންތާކުތޯ އަމީރު ވަނީ ސުވާލު އުފައްދަވާފަ އެވެ. 

އަދި ދަރަނި ދައްކާފައި ވެސް އެމީހުން އެ ބުނާ ގޮތަށް 1.3 ބިލިއަން ޑޮލަރު ދައްކާފައި ވެސް ގާތްގަނޑަކަށް 2 ބިލިއަނެއް ހާ ޑޮލަރު އެބައޮތް ބާކީ، މި 2 ބިލިއަން ޑޮލަރު ދިއައީ ކޮންތާކަށް، އަޅުގަނޑުމެންގެ އޭރު ސަރުކާރުތަކުން އާމްދަނީގެ ނިސްބަތުން ދަރަނި ދެއްކި އަދަދަށް ބަލާއިރު މި މީހުންގެ އަދަދު މާ މަދު މި މީހުން 24 އިންސައްތަ ކުރީ ސަރުކާރުތަކުން 30 އިންސައްތަ އަށް ވުރެ ވެސް އިތުރު
އިބްރާހީމް އަމީރު

މީގެއިތުރުން އަމީރު ވަނީ ސަރުކާރު ރިފޯމް ނުކޮށް، ވަޒީފާތަކުން މީހުން ނުކެނޑުމަށާއި ރިސޯޓުތަކުގައި ޑޮލަރުން ދޭ މުސާރަ ބަދަލުކޮށްގެން ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. 

އަދި 200 މިލިއަން ޑޮލަރު ރަސްމާލެ ހިއްކަން ހަރަދުކުރުމުން ކަޅުބާޒާރަށް އަސަރު ކުރާނެ ކަން ނޭނގޭނަމަ، ވަރިކަމާ ހަވާލުވުމުގެ  ކުފޫ ހަމަނުވާކަމަށް އަމީރު ވިދާޅުވި އެވެ. ހަމައެއާއެކު މިވަރުގެ "ކޮސް" ސަރުކާރެެއް ފާއިތުވި އަހަރުތަކުގެ ތެރޭގައި ވެސް ރާއްޖެއަށް ނާންނަ ކަމަށް އަމީރު ވިދާޅުވި އެވެ.