ދައުލަތުގެ ވެރިން ބޭނުންވަނީ ބާރުތައް ނުހައްގުން ހޯދައި, ރޫހާނީ ލީޑަރުންގެ
ގޮތުގައި ތިބެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ
މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝަމްހީދު
ވިދާޅުވީ, ބޭރު ފައިސާގެ ގާނޫނު ތަންފީޒު ކުރުމަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
(އެމްއެމްއޭ) ގެ ޒިންމާ އެއް ކަމަށާއި, އެއީ ހޯމް މިނިސްޓަރުގެ މެންޑޭޓުގައި އޮތް
ކަމެއް ނޫން ކަމަށެވެ.

ނަމަވެސް ބޭރު ފައިސާގެ ގާނޫނު ތަންފީޒު ކުރުމުގެ ބާރު ހޯމް މިނިސްޓަރުގެ
ދަށަށް ގެނައުމުން ރާއްޖޭގައި ޓޫރިޒަމް ވިޔަފާރި ކުރަމުންދާ ކުންފުންޏަކަށް
ނުހައްގުން މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމްގެ ދައުވާކޮށް، މުޅި ދުނިޔޭގައި އެ
ކުންފުނީގެ ނަން ބަދުނާމުކުރުމުން މުސްތަގުބަލުގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް
އެތައް ގެއްލުމެއް ލިބޭނެ ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި އެވެ. 

ބޭރު ފައިސާގެ ގާނޫނުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަންޖެހެނީ އެމްއެމްއޭ އިން. އެކަމު އިއްޔެ މި ފެނިގެންދިޔައީ ހޯމް މިނިސްޓަރު އިސްވެހުރެ، އެމަނިކުފާނަށް ބޮޑުބޭބެ ކިޔާ ކުއްޖަކު ލައްވާ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ރިސޯޓެއްގެ އޮފީހަށް ވަދެ އެ ރިސޯޓުގައި އެ ތަނުގައި މަނީ ލޯންޑްރިންގ އާއި، ޓެރަރިޒަމްއާ، ދުނިޔޭގަ ހުރިހާ ހުރި ކުށެއް ކުރާ ތަނެއް ކަމުގައި ދައްކާ ބައިނަލްއަގުވާމީ މީޑިއާއަށް އަދި ރާއްޖޭގެ ހުރިހާ މީޑިއާތަކަށް އެ މައުލޫމާތު ދިން. މިއީ އެއްވެސް ވަރަކަށް ހޯމް މިނިސްޓަރުގެ މެންޑޭޓުގައި އޮތް ކަމެއް ނޫން.
ޑރ. އަހުމަދު ޝަމްހީދު 

ސަރުކާރުން ކަނޑައަޅާފައިވާ ރޭޓަށްވުރެ ބޮޑުކޮށް ބޭރު ފައިސާގެ ވިޔަފާރި
ކުރުމަކީ ގާނޫނުގައި މަނާ ކަމެއްކަން ފާހަގަކޮށް ޝަމްހީދު ވިދާޅުވީ، މިކަމުގެ
ސަބަބުން އަޅަންޖެހޭ ފިޔަވަޅުތައް ގާނޫނުގެ 24 ވަނަ މާއްދާގައި ސާފުކޮށް
ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް
ދިވެހި ވިޔަފާރިތަކަށް ބިރު ދައްކަން، ހޯމް މިނިސްޓަރުގެ އާއިލާ މެންބަރެއް
އިސްވެހުރެ ފުލުހުންގެ އައު ޔުނިޓެއް ހެދުމަކީ ފުލުހުންގެ ގާނޫނާ ވެސް ހިލާފު
ކަމެއް ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި އެވެ. 

މެންބަރު ޝަމްހީދު ވިދާޅުވީ ހޯމް މިނިސްޓަރަށް ފުލުހުންގެ ޔުނިޓަކަށް
އިރުޝާދު ދިނުމުގެ ބާރެއް ނޯންނާނެ ކަމަށާއި، އެ ބާރު ލިބިފައިވަނީ ހަމައެކަނި
ކޮމިޝަނަރ އޮފް ޕޮލިސް އަށް ކަމަށެވެ. އަދި ދައުލަތުގެ ވެރިން ބޭނުންވަނީ ބާރުތައް
ނުހައްގުން ހޯދައި ރޫހާނީ ލީޑަރުންގެ ގޮތަގައި އެބޭފުޅުން ސިފަވާން ކަމަށް
މެންބަރު ޝަމްހީދު ވިދާޅުވި އެވެ.

ފުލުހުންގެ ގާނޫނުގެ ތެރޭގައި ހޯމް މިނިސްޓަރަށް އޮވޭތޯ ފުލުހުންގެ ޔުނިޓުތަކަށް ކޮމާންޑް ކުރެވެން؟ އަޅުގަނޑަކަށް ހިޔެއް ނުވޭ އެހެން އޮންނަހެން. ކޮމިޝަނަރ އޮފް ޕޮލިހުގެ ބޭނުމެއް ނެތް އިނގޭތޯ، މި ރާއްޖޭގައި މިހާރު މިހުރި ހޯމް މިނިސްޓަރުގެ ސަބަބުން. އަނެއްކާވެސް ތިމަންނެމެންނަކީ ރޫހާނީ ލީޑަރުންގެ ގޮތުގައި ސިފަވާން ބޭނުންވަނީ. ތިމަންނަ މެން އަތުގައި ބާރާއި އޮތޯރިޓީ އެބަ އޮތޭ. އެކަމު ގާނޫނީ އޮނިގަނޑުން ބޭރުންނޭ މިދެވެނީ.
ޑރ. އަހުމަދު ޝަމްހީދު 

ގާނޫނާއި
ގަވާއިދުތަކާ ޚިލާފަށް، ފުޅާ ދާއިރާއެއްގައި ބޭރު ފައިސާގެ މުއާމަލާތްތައް ހިންގާ
ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން އަންގާރަ ދުވަހު ރ.ފުރަވެރި
ރިސޯޓާއި ޕޭޖް ހާޑްވެއާ ހިންގާ، ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓުގެ
ބޭންކު އެކައުންޓުތައް ފްރީޒްކޮށް، އެ ކުންފުނީގެ އޮފީސް ވަނީ ބަލައި ފާސްކޮށްފައި އެވެ.