ތިނަދޫ ސިޓީގެ މޭޔަރު ސައުދު ޢަލީގެ މައްޗަށް ދަޢުލަތުން އުފުލާފައިވާ ދަޢުވާއަކީ ސިޔާސީ މަޤްޞަދެއް ޙާޞިލުކުރުމަށް ކޮށްފައިވާ ދަޢުވާއެއް ކަމަށާއި، އެފަދަ ދަޢުވާތަކުން ތިނަދޫގެ ތަރައްޤީ ނުހުއްޓުވޭނެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ތިނަދޫ ސިޓީގެ މޭޔަރު ސައުދު ޢަލީގެ މައްޗަށް ދަޢުލަތުން ދަޢުވާ އުފުލުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން ކުރެއްވި ޓުވީޓެއްގައެވެ.

ރައީސް ޞާލިޙު ފާހަގަކުރެއްވި ގޮތުގައި، މޭޔަރު ސައުދުގެ މައްޗަށް އުފުލާފައިވާ މި ދަޢުވާއަކީ އެއްވެސް ޙަޤީޤަތެއްގެ މައްޗަށް ބިނާނުކޮށް، ސިޔާސީ މަޤްޞަދެއް ޙާޞިލުކުރުމަށާއި ވަކި ބައެއްގެ ޒާތީ މަޞްލަޙަތުތަކެއް ޙިމާޔަތްކުރުމުގެ ބޭނުމުގައި ކޮށްފައިވާ ދަޢުވާއެކެވެ. އަދި މިއީ ސާފުކޮށް ޒާތީ ޙަސަދަވެރިކަން އިސްކޮށް، ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ހިންގާފައިވާ ނާތަހުޒީބު ޢަމަލެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް، މިފަދަ އެއްވެސް އަސާސެއް ނެތް ދަޢުވާތަކާއި ސިޔާސީ ގޮތުން ދޭ ދުއްތުރާ ތަކުގެ ސަބަބުން، މޭޔަރު ސައުދު ތިނަދޫ ސިޓީގެ ލޮބުވެތި ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވާ އަގުހުރި ޚިދުމަތްތަކަށާއި، އެ ސިޓީގެ ތަރައްޤީއަށްޓަކައި ކުރައްވަމުން ގެންދަވާ މިންނެތް މަސައްކަތްޕުޅުތަކަށް އެއްވެސް ހުއްޓުމެއް ނުގެނެވޭނެ ކަމުގެ ޔަޤީންކަން ރައީސް ޞާލިޙު ދެއްވިއެވެ.

 ރައްޔިތުންގެ ބާރު ނިގުޅައިގަނެ، އިންތިޚާބީ ވެރިންނަށް މިފަދަ ގޮތްގޮތަށް ފިއްތުންތައް ކުރިމަތިކުރުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.