ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ތިނަދޫގެ ރަޖިސްޓްރީގައި ނުތިބޭ ކަމަށް ބެލެވޭ ފަރާތްތަކުގެ ލިސްޓުގައި
އުމުރުން 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިއްސާކުރި މައްސަލަ ތަހުގީގު
ކުރުމަށް ތިނަދޫ ސިޓީ ކައުންސިލް އިން ފުލުހުގައި އެދިއްޖެ އެވެ.
ބުދަ ދުވަހު ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު އަށް އެޑްރެސްކޮށް
ފޮނުވާފައިވާ ސިޓީގައި މޭޔަރު ސައުދު އަލީ ވިދާޅުވީ، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ
ހިލްމީ ފޭސްބުކް މެދުވެރިކޮށް ހިއްސާކޮށްފައިވާ ލިސްޓުގައި 18 އަހަރު ނުފުރޭ
ކުޑަކުދިންގެ ޒާތީ މައުލޫމާތު ހާމަކޮށްފައިވާ ކަމަށެވެ. އަދި އެ ލިސްޓަކީ ލޯކަލް
ގަވަރަންމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ހިއްސާކޮށްފައިވާ ލިސްޓެއް ކަމަށް މޭޔަރު
ސައުދު ވިދާޅުވި އެވެ.
ކުޑަކުދިންގެ ޒާތީ މައުލޫމާތުތަކަކީ ކޯޓު އަމުރެއްގެ ދަށުން ދޫކުރެވޭ
މައުލޫމާތުތަކެއް ކަމަށް ފާހަގަކޮށް މޭޔަރު ސައުދު ވިދާޅުވީ، އެލްޖީއޭ އިން ކޮށްފައި
މިވަނީ ޤާނޫނީ ކުށެއް ކަމަށެވެ. އަދި މި މައްސަލަ ތަހުގީގުކޮށް އެފަދަ ލިސްޓެއް
މެންބަރު ސައުދުﷲ ހިލްމީ އަށް ލިބުނު ގޮތާއި، ލިސްޓު ދިން ފަރާތްތައް ހޯދުމަށްޓަކައި
ޖިނާއީ ތަހުގީގެއް ކުރިއަށް ގެންދިޔުމަށް މޭޔަރު ސައުދު ވަނީ ފުލުހުންގެ ފަރާތުން
އެދިވަޑައިގެން ފައެވެ.
މި މައްސަލައަކީ ރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަަމަށް ފާހަގަކޮށް
މޭޔަރު ސައުދު ވަނީ، މި މައްސަލައިގައި އިހުމާލެވަފައިވާ އިދާރާގެ މުވައްޒަފުންނާއި،
ވެރިން އަދި މެންބަރު ސައުދުﷲ އަށް ޖިނާއީ ތަހުގީގު ހިންގައި ދައުވާ ކުރުމަށް
ފުލުހުންގެ ފަރާތުން އެދިވަޑައިގެން ފައެވެ.
ތިނަދޫ ސިޓީގެ އާބަދީއާ ގުޅޭ ގޮތުން ސައްހަ ނޫން މައުލޫމާތު ދައުލަތުގެ
އިދާރާތަކަށް ހުށަހެޅިކަމުގެ ތުހުމަތުގައި ތިނަދޫ ސިޓީގެ މޭޔަރު ސައުދުގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ވަނީ ދެ ދައުވާއެއް އުފުލާފައި އެވެ.
މީގެ ކުރިން
ވެސް ތިނަދޫ ސިޓީއަކަށް ބަދަލުކުރީ އާބާދީ އޮޅުވާލައިގެން ކަމަށް ބުނެ، ތިނަދޫ
ސިޓީގެ ދަރަޖަ ބާތިލުކޮށްދިނުމަށް އެދި ހައިކޯޓަށް ދުސްތޫރީ މައްސަލައެއް
ހުށަހަޅާފައިވެ އެވެ. އަދި ތިނަދޫ އަށް
ސިޓީގެ ދަރަޖަ ދިނީ ލާމަރުކަޒީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެ މައްސަލަ
ބަލައި ދިނުމަށް އެދި މެންބަރު ސައުދުﷲ ވަނީ އެ މައްސަލަ މަޖިލީހަށް ވެސް ހުށަހަޅައިފަ އެވެ.