ގއ. މާމެންދޫ އަށް ގިނަ އަދަދަކަށް
މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި މި އޮޕަރޭޝަނުގައި
ވަގުތީ ބަރުދަނުގައި 17.7 ކިލޯގެ މަސްތުވާތަކެތިކަމަށް ޝައްކުރެވޭ އެއްޗެހި ފެނިފައިވެ
އެވެ.

މި އޮޕަރޭޝަން ހިންގީ މި މަހުގެ 2 ވަނަ ދުވަހު
އަޕަރ ސައުތު ޕޮލިސްގެ ގއ. އަތޮޅު ޕޮލިސް އާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް
އަދި ޑްރަގް އެންފޯސްމެންޓް ގުޅިގެންނެވެ. މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން
މާމެންދޫގެ ދެ ގެއެއް ބަލައި ފާސްކޮށްފައިވެ އެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނި
ގޮތުގައި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫ ފިޔާތޮށިވިލާގެ އަޒުހަދު
ނަސީމް އާއި ގއ. މާމެންދޫ ރޯޝަނީގެ ރިޝްފާން ރާމިޒު އެވެ. މި ދެ މީހުންނަކީ ވެސް 29
އަހަރުގެ ފިރިހެނުންނެވެ.

ފުލުހުން ބުނީ މި ދެ މީހުންނަކީ ވެސް މި ނެޓްވޯކްގައި
އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ ދެ މީހުން ކަމަށެވެ. އެމީހުންގެ ބަންދާމެދު
ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ
އެވެ.

މި އޮޕަރޭޝަން ހިންގީ މަސްތުވާތަކެތި އެތެރެކުރުމާއި
އެތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށްޓަކައި 2026 ޖުލައި މަހުން ފެށިގެން ކުރަމުންދާ
މަސައްކަތުގެ ތެރެއިންނެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައިވާ
ގޮތުން މި އޮޕަރޭޝަނުގައި އިތުރު ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އަދި މި މައްސަލަ އަޕަރ ސައުތު ޕޮލޮސްއާއި ޑްރަގް އެންފޯސްމެންޓް ގުޅިގެން ދަނީ ތަހުގީގުކުރަމުންނެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ދުވަހުން
ދުވަހަށް އިތުރުވަމުންދާއިރު، މިފަދަ ބޮޑެތި އޮޕަރޭޝަންތައް ހިންގުމަކީ މަސްތުވާތަކެތީގެ
ވިޔަފާރި ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.