ހުދުމުހުތާރު ވެރިކަމެއް ކުރެއްވުމުގެ ހުރިހާ ސިފަފުޅުތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކިބައިގައި އެބަހުރި ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހީމް ދީދީ (ޑީޑީ) ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑީޑީ ވިދާޅުވީ ރައީސް މުއިއްޒުގެ ވިސްނުންފުޅުގައި މުޅިން ވެސް ހުންނަވަނީ ރަސްކަމެއްގެ ތެރޭގައި ހުންނަ ފަދަ ހުދުމުހުތާރު ސިފަފުޅުތަކެއް ކަމަށެވެ. 

ރައީސް މުއިއްޒުގެ އަތްޕުޅަށް އެންމެހައި ބާރުތައް ނަންގަވަމުންގެންދަވާކަން ފާހަގަކުރައްވާ ޑީޑީ ވިދާޅުވީ އެންމެ ފުރަތަމަ ނެންގެވީ ރައްޔިތުންގެ މަޖިލީހުގެ ބާރު ކަމަށާއި އެއަށްފަހު ޖުޑިޝަރީގެ ކޮންޓްރޯލް ނަންގަވަން ސުޕްރީމް ކޯޓު ބަދަލުކޮށްލެއްވީ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ވަކި ކުރެއްވި ފަނޑިޔާރުންނަށް މިއަދާ ހަމައަށް ވެސް ތުހުމަތު ކުރެވުނު ކަންތައްތަކާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސުވާލު ނުކުރާ ކަމަށް ޑީޑީ ވިދާޅުވި އެވެ. 

މުސްކުޅިން ބުނެ އުޅޭ ދެއްތޯ ކައްޗަށް އަޅާ ބިންގާ ކެއްޗާ ހަމައަށް ދިޔަސް ހުންނާނީ ކައްޗަށޭ، އެހެންވީމަ ހުރިހާ ފިޔަވަޅުތަކެއް ކައްޗަށް އެޅެމުން އެދަނީ އެނގޭތޯ، ބައްލަވާ ވެރިކަމަށް ވަޑައިގެންނެވީ ވެސް ފިޔާތޮށި ކުލައިގެ ހުސް ގޮނޑިއެއް ދައްކަވައިގެން، އެ ގޮނޑި ނިސްބަތް ވެވަޑައިގެންނަވާ ޕީޕީއެމްގެ މެންބަރުންނަށް ވެސް އޮޅުވާލައިގެން ހޯދުނު ގޮތަކަށް ޓިކެޓް ވެސް ހޯދައްވައިގެން އަބްދުއްރަހީމް އާ ދެބޭފުޅުން ކުރެއްވި ކަމެއް ކުރައްވައިގެން 
ޑރ. އިބްރާހީމް ދީދީ (ޑީޑީ)

ޑީޑީ ވިދާޅުވީ ރައީސް މުއިއްޒު އަދިވެސް ގެންދަވަނީ ނިމިދިޔަ އިންތިޚާބުގައި ސަރުކާރަށް ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިވުމުން އެކަމުގެ ރުޅި ދިވެހި ރައްޔިތުންނަށް ބާލައްވަމުން ކަމަށެވެ. އަދި ރައީސް އޮފީހުގެ ތެރެއިން ނޫން ގޮތަކަށް ކައުންސިލްތަކަށް އެއްވެސް ބާރުވެރިކަމެއް ނުދެއްވުމަށް ގާނޫނުތަކަށް ބަދަލު ގެންނަވަމުން ގެންދަވާކަން ވެސް ޑީޑީ ފާހަގަކުރެއްވި އެވެ. 

ނަމަވެސް ކިތަންމެ ވަރަކަށް ބާރުތައް މުށުތެރެއަށް ލެއްވި ނަމަވެސް ނުވަތަ ސަރުކާރުގެ މުވައްޒަފުންނަށް މަޖުބޫރުކުރައްވައިގެން ޕީއެންސީއަށް ސޮއިކުރަން މަސައްކަތް ކުރެއްވި ނަމަވެސް، 2028 ގެ ރިޔާސީ އިންތިޚާބު ރައީސް މުއިއްޒުއަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް ޑީޑީ ވިދާޅުވި އެވެ. 

މީގެ އިތުރުން ޑީޑީ ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތުތައް ހުންނަނީ ދެކޮޅު ނުޖެހޭ ގޮތަށް ކަމަށާއި ރައްޔިތުންނަށް އޮޅުވާލުމާއި ދޮގުހެދުން ނޫން ކަމެއް މިސަރުކާރުން ނުކުރާ ކަމަށެވެ.