ޤަވާއިދާ ހިލާފަށް މާލެ ސަރަހައްދުގައި ދިރިއުޅެމުން ދިޔަ 13 ބިދޭސީއަކު
އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން އެކްސް ގައި ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، މި ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ބުރާސްފަތި ދުވަހު ހިންގި ޚާއްސަ ރެއިޑް އޮޕަރޭޝަނެއްގަ އެވެ.
މި އޮޕަރޭޝަންގައި ޖުމްލަ 426 ބިދޭސިން ބަލައި ފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަން
އިން ވަނީ ބުނެފަ އެވެ.
ގާނޫނާއި ގަވާއިދާއި ހިލާފަށް
ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީން ދެނެގަތުމަށް ހޯމް މިނިސްޓްރީ އިން
ދަނީ "އޮޕަރޭޝަން ކުރަނގި" ގެ ނަމުގައި ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި އޮޕަރޭޝަންގެ ތިންވަނަ ފިޔަވަހި ނިމިދިޔަ މެއި މަހު ވަނީ ފަށައިފަ އެވެ.
އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2023 ވަނަ އަހަރުގެ
ނޮވެންބަރުން 17 އިން 2026 ވަނަ އަހަރުގެ ޖޫން 13ގެ ނިޔަލަށް 12000 އަށް ވުރެ ގިނަ
ބިދޭސީން ވަނީ އަނބުރާ ގައުމަށް ފޮނުވާލައިފަ އެވެ.
ޤަވާއިދާ
ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް މިފަދަ އޮޕަރޭޝަންތައް
ހިންގަމުން ދިޔަ ނަމަވެސް، ރައީސް މުއިއްޒުގެ ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން
ރާއްޖޭގެ ކުދި ވިޔަފާރިތަކަށް ބިދޭސީން އަތްގަދަ ކުރަމުންދާ މައްސަލަ އާއި،
ހަމައެއް ލަމައެއް ނެތި އުޅޭ ބިދޭސީންގެ އަދަދު އިތުރު ވަމުންދާ ކަމަށް ބުނެ
އާންމުންގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.