ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނަންފުޅު ގެނެސްފި ނަމަ، އެމަނިކުފާނުގެ ސަޕޯޓަރުން އަތްޖަހަނީ އުތުރު
ކޮރެއާގެ ރައްޔިތުން އަތްޖަހާ ގޮތަށްކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީގެ)
ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.

ޕީއެންސީ އިން
ބޭއްވި ޖަލްސާއެއްގައި ފަލާހު ވިދާޅުވީ، ރައީސް މުއިއްޒުގެ ނަންފުޅު ގެނެސްފި ނަމަ، އެމަނިކުފާނުގެ ސަޕޯޓަރުން
އަތްޖަހަނީ ވަރަށް ލޯބިން ކަމަށާއި އެއީ އުތުރު ކޮރެއާގެ ރައްޔިތުން އަތްޖަހާ
ގޮތް ކަމަށެވެ. އަދި ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަޕޯޓަރުން އަތްޖަހާ ގޮތަކަށް ރައީސް މުއިއްޒުގެ ސަޕޯޓަރުން އަތް ނުޖަހާ ކަމަށެވެ.

ރައީސް ޔާމީނުގެ
ވެރިކަން ފާޑުވިދާޅުވަމުން ފަލާހު ވިދާޅުވީ، އެ ވެރިކަމުގައި މަޖިލިސް މެންބަރުން އުޅުނީ
ޕެނަޑޯލް ބަންދުކުރުމާއި އީދު ބޮނޑިއާއި ހިކިމަސް ފަދަ ތަކެތި ބަންދު ކުރުމާއި ކުދިން
ހިތާނުކުރުން ފަދަ ކަންކަމުގައި ކަމަށެވެ. ނަމަވެސް މިއަދު ރައީސް މުއިއްޒު މެންބަރުންނަށް
ނުފޫޒު ފޯރުއްވަން އެއްވެސް ކަމެއް ނުކުރައްވާ ކަމަށް ފަލާހު ވިދާޅުވި އެވެ.

ފަލާހު އަކީ ރައީސް ޔާމީނުގެ ވެރިކަމުގައި އެންމެ ބޮޑަށް އެ ވެރިކަން ދިފާއު ކުރެއްވި އެއް ބޭފުޅާ އެވެ.
އޭރު މަޖިލިސް މެންބަރަކަށް ހުންނަވައި ރައީސް ޔާމީނު ޕްރޮމޯޓު ކުރެއްވުމުގައި ވެސް
ފަލާހު އުޅުއްވި އެވެ. ނަމަވެސް މިއަދު ރައީސް މުއިއްޒު ޕްރޮމޯޓު ކުރެއްވުމަށް ފަލާހު ގެންދަވަނީ
ރޭގަނޑާއި ދުވާލު މަސައްކަތް ކުރައްވަމުންނެވެ.

ރައީސް މުއިއްޒު
މަޖިލިސް މެންބަރުން ކޮންޓްރޯލް ކުރައްވަނީ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި
ގެއްލޭ އިސްލާހާއެކު ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެ އެވެ. މި އިސްލާހަކީ މިހާރު ރައްޔިތުންގެ
މަޖިލީހުން ފާސްކޮށް ރައީސް މުއިއްޒު ތަސްދީގު ކުރައްވައިގެން އަމަލު ކުރަމުން އަންނަ
އިސްލާހެކެވެ.