ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް
ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މެންބަރުން އިތުރުކުރުމުގެ މަގުސަދުގައި، ސަރުކާރުގެ
ކުންފުނިތަކުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކައި ގަދަބާރުން ޕާޓީއަށް ވައްދަމުންދާ
ކަމަށް ބުނާ މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

އަމިއްލަ ފަރާތެއް ކަމަށްވާ އަހުމަދު
ސަލީމް (މާޒް ސަލީމް) އޭސީސީގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލަށް އެޑްރެސްކޮށް ހުށަހެޅި
މި މައްސަލައިގައި ބުނެފައިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް
ކޮންމެ މުވައްޒަފަކު ފަސް މެންބަރުން އިތުރުކުރުމުގެ ކެމްޕޭނެއް ފަށާފައިވާ ކަމަށާއި،
މީގެ ތެރެއިން ގާނޫނާ ހިލާފަށް މުވައްޒަފުންނަށް ބިރުދައްކަމުންދާ ކަމަށެވެ.

މި މައްސަލައިގައި ފާހަގަކޮށްފައިވާ ގޮތުގައި،
ރަށްރަށުގައި ހުރި ފެނަކަ އޮފީސްތަކުގައި މަސައްކަތްކުރާ އެމްޑީޕީގެ މުވައްޒަފުންނާއި
ވަކި ޕާޓީއަކަށް ނިސްބަތްނުވާ މުވައްޒަފުންނަށް، ވަޒީފާގައި ދެމިތިބެވޭނީ ޕީއެންސީއަށް
ސޮއިކޮށްގެން ކަމަށް ބުނެ ދަނީ މަޖުބޫރުކުރަމުންނެވެ.

އެގޮތުން ހއ. ބާރަށު ފެނަކަ ބްރާންޗުގެ މެނޭޖަރު
މުވައްޒަފުންނާ ވަކިވަކިން ބައްދަލުކޮށް، މިއީ ހެޑް އޮފީހުން އަންގައިގެން ކުރާ ކަމެއް
ކަމަށް ބުނެ، އީފާސް މެދުވެރިކޮށް ޕާޓީއަށް ވަނުމަށް އަންގާފައިވާ ކަމަށް ވެސް މައްސަލައިގައި
ބުނެފައިވެ އެވެ. އަދި މި އެންގުންތަކަށް ތަބާނުވާ ގިނަ އަދަދެއްގެ
މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ ކަމުގެ ތުހުމަތު ވަނީ ކޮށްފަ އެވެ.

މީގެ އިތުރުން، ސްޓެލްކޯ އާއި ފެނަކަ
ބްރާންޗްތަކުގެ ވެރިން މުވައްޒަފުންގެ ފޯނަށް މެސެޖު ފޮނުވައި، ވަޒީފާ ހިމާޔަތްކުރުމަށްޓަކައި
ޕީއެންސީއަށް ވަނުމަކީ މުހިންމު ކަމެއް ކަމަށް ބުނެ ބިރުދައްކަމުންދާ ކަމަށް ސަލީމް
ހުށަހެޅި މައްސަލައިގައިވެ
އެވެ.

މިކަންކަން ކުރަނީ ކުންފުނިތަކުގެ އެޗްއާރު
ސެކްޝަންތަކުގެ ރަސްމީ މަސައްކަތެއްގެ ގޮތުގައި ކަމަށާއި، ދާދިފަހުން ރާއްޖެ ޓީވީގެ
"ފަށާއިރު" ޕްރޮގްރާމުން ސްޓެލްކޯގެ އެޗްއާރު ސެކްޝަނަށް ގުޅުމުން، ޕީއެންސީއަށް
ވަނުމަށްފަހު އަމަލުކުރަންޖެހޭ ގޮތް އެ ތަނުގެ މުވައްޒަފަކު ކިޔައިދީފައިވާކަން ވެސް
ވަނީ ފާހަގަކޮށްފަ
އެވެ. ނަމަވެސް އެކަން ބޭޒާރުވުމުން،
ސްޓެލްކޯގެ ވެރިން އެކަން ދޮގުކޮށް، އެ ފޯނަށް ޖަވާބުދިން މުވައްޒަފު ކުށްވެރިކޮށް
ވަޒީފާއިން ވަކިކުރުމަށް ނޯޓިސް ދީފައިވާ ކަމަށް ބުނެފައިވެ އެވެ.

މި މައްސަލައިގައި އިތުރަށް ބުނެފައިވަނީ،
ސަރުކާރުގެ ކުންފުނިތައް "ރައިޓް ސައިޒް" ކުރުމުގެ ނަމުގައި އެމްޑީޕީއަށް
ނިސްބަތްވާ މުވައްޒަފުންނަށް ނޯޓިސް ދިނުމެއްނެތި ވަޒީފާއިން ވަކިކުރަމުންދާ ކަމަށެވެ.
އަދި މިއީ ރާއްޖެ ކޮމިއުނިޒަމާ ދިމާލަށް ގެންދިއުމުގެ ނިޝާނެއް ކަމަށާއި، ކޮމިއުނިސްޓް
ގައުމުތަކުގައި އޮންނަ ފަދައިން މައި ޕާޓީއަށް ވަނުން މަޖުބޫރުކުރަމުންދާ ކަމަށް ސަލީމް
ތުހުމަތުކުރެ އެވެ.

މީގެ ކުރިން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު
އަލީ އިހުސާން އިސްވެ ހުންނަވައިގެން ޑީއެންއާރުގެ ޑޭޓާބޭސް ބޭނުންކުރައްވައިގެން ޕީއެންސީއަށް
މެންބަރުން އިތުރުކުރެއްވި މައްސަލަ ވެސް އޭސީސީއަށް ހުށަހަޅާފައިވާނެ ކަމަށާއި، ނަމަވެސް
އެ މައްސަލައިގައި އެދެވޭ ފިޔަވަޅެއް އަޅާފައިނުވާ ކަމަށް އޭނާ ބުނެފައިވެ އެވެ.

މިފަދަ ގާނޫނާ ހިލާފު ކަންކަން ސަރުކާރުން
ފާޅުގައި ކުރަމުންދާއިރު، މިނިވަން މުއައްސަސާތަކުން މިކަންކަން ތަހުގީގު ނުކުރުމަކީ
އެ މުއައްސަސާތައް ގާނޫނީ ގޮތުން ފެއިލްވެފައިވާ ކަމުގެ ހެއްކެއް ކަމަށް ސަލީމްގެ ސިޓީގައި
ބުނެފައިވެ އެވެ. އެހެންކަމުން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން
ރައްޔިތުންނަށް ބިރުދައްކައިގެން ހިންގާ މި ޖަރީމާތައް ވަގުތުން ބަލައި ފިޔަވަޅު އެޅުމަށް
އޭސީސީއަށް ވަނީ ގޮވާލާފަ
އެވެ.