ކުރީގެ ރައީސް
އަބްދުﷲ ޔާމީން އަކީ ސިހުރު ހާހޫރައާ ނިކަން ދޯޅު ބޭފުޅެއް ކަމަށާއި، އެމަނިކުފާނުގެ ގެކޮޅާ
ދިމާއަށް ބަލާއިރު ވެސް އާޔަތުލް ކުރުސި ކިޔައިގެން ނޫނީ ބަލަން ނުވާނެ ކަމަށް ވިދާޅުވެ
ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވަރުގަދަ
ތުހުމަތުތަކެއް ކުރައްވައިފި އެވެ.

ފަލާހު މިހެން
ވިދާޅުވީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަ
ދައްކަވަމުންނެވެ.

އެ ޖަލްސާގައި
ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ރައީސް
ޔާމީން އަށް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެން، ވެރިކަން ގެއްލުނު ހިސާބުން ފެށިގެން އެމަނިކުފާނު
ގެންދެވީ ސިހުރުގެ އަމަލުތައް ހިންގަވަމުން ކަމަށެވެ. އަދި ރައީސް ޔާމީން އަކީ ސިހުރު
ހާހޫރަ ހެދުމުގައި ނިކަން ދޯޅު ބޭފުޅެއްގެ ގޮތުގައި ފަލާހު ސިފަކުރެއްވި އެވެ.

މިކަމާ ގުޅޭ
އިތުރު ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، ރައީސް ޔާމީނުގެ ވެރިކަމުގައި އެމަނިކުފާނުގެ
އަރިސް ބޭފުޅަކު މިފަދަ ކަންކަމާ ގުޅޭގޮތުން ސުވާލު ކުރެއްވުމުން، އެކަންކަމާ ސުވާލު
ކުރެވޭނީ ގިޔާމަތް ދުވަހުން ކަމަށް ރައީސް ޔާމީނު ވިދާޅުވި ކަމަށެވެ. މީގެ އިތުރުން،
އެ ދުވަސްވަރު ރާއްޖޭގައި ހުރި ހުރިހާ ރަތް ހާލެއް ހުންނަނީ ރައީސް ޔާމީނުގެ ބެއްލެވުމުގެ ދަށުގައި ކަމަށް ވެސް ފަލާހު ތުހުމަތު ކުރެއްވި އެވެ.

ސިހުރު ހެދުމުގެ
ތެރޭގައި ހިންގާފައިވާ ކަންކަމަށް އަލިއަޅުއްވާލައްވަމުން ފަލާހު ވިދާޅުވީ، ސިހުރު
ހެދުމުގެ ބޭނުމުގައި އެކަމުގައި އުޅުނު މީހާ ބަރަހަނާކޮށް، ރާޅުގަނޑު ސަރަހައްދުން
މޫދަށް ބާލައިގެން ކަންތައްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި ރައީސް ޔާމީން އަކީ އަމިއްލަފުޅު އެދުމަށްޓަކައި ނުކުރައްވާނެ އެއްވެސް ނުބައި ކަމެއް ނެތް ބޭފުޅެއްގެ ގޮތުގައި ފަލާހު
ވަނީ ސިފަކުރައްވާފަ އެވެ.

ފަލާހު މިފަދަ
ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައި މިވަނީ، ކުރީގެ ރައީސް ޔާމީން އާއި މިހާރުގެ ސަރުކާރާ
ދެމެދު ސިޔާސީ ގޮތުން ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދި، ބަހުގެ ހަމަލާތައް ބަދަލުކުރަމުންދާ
ދަނޑިވަޅެއްގަ އެވެ. މީގެ ކުރިން ވެސް ރައީސް ޔާމީނުގެ ވެރިކަމުގައި ސިހުރުގެ އަމަލުތައް
ހިންގާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ތަފާތު ތުހުމަތުތައް ކޮށްފައިވެ އެވެ. ނަމަވެސް އޭރު ފަލާހު ވަނީ އެ ކަންކަން ދޮގުކުރައްވައި ވާހަކަ ދައްކަވާފަ
އެވެ.

ކުރީގެ
ރައީސް އަބްދުﷲ ޔާމީން 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވުމަށްޓަކައި
ސްރީލަންކާގެ ސިހުރު ހަދާ މީހެއް ކަމަށްވާ އަސޭލާ ވިކްރަމަސިންހަ އާ ދެމެދު
ކުރެވިފައިވާ މުއާމަލާތްތަކާއި ގުޅޭ ގޮތުން "ރާއްޖެޓީވީ" އިން
ތައްޔާރުކުރި "ސިހުރުގެ ވެރިކަން" ޑޮކިއުމަންޓްރީގައި ހުރި ވާހަކަތަކާ
ގުޅޭގޮތުން އޭރު ސަރުކާރުގެ ބޭފުޅުން ވަނީ ރާއްޖެޓީވީއަށް ވަރަށް ބޮޑަށް ފާޑުކިޔާފަ
އެވެ. ނަމަވެސް މިހާރު އެ ސަރުކާރު ނިސްބަތްވި ޕާޓީގެ އެންމެ އިސްކޮށް އުޅުއްވި
މެންބަރު ވެސް މި ދައްކަވަނީ އެ ޒާތުގެ ވާހަކަކަން ފާހަގަކޮށްލެވެ އެވެ.   

ރާއްޖެޓީވީ އިން އެ ޑޮކިއުމެންޓްރީ ދެއްކުމާއެކު، ސަރުކާރުގެ އިދާރާއަކުން، އެ ޑޮކިއުމެންޓްރީގައި އިސްލާމް ދީނުގެ އަސްލަކާއި ޚިލާފު އަދި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމަށް ގެއްލުންވާފަދަ ކޮންޓެންޓް އެ ޑޮކިއުމެންޓްރީގައި ހުރިކަމަށް ބުނުމުން، ބްރޯޑްކާސްޓަރުން ރެގިއުލޭޓްކޮށް، މޮނީޓަރ ކުރުމުގެ ޤާނޫނީ ޒިންމާ އޮތް، ބްރޯޑްކޮމްއިން އެ ޑޮކިއުމެންޓްރީގައި ހިމެނޭ ކަމަށް އެބުނާ އެފަދަ ކަންކަން ތަހުޤީޤު ކުރުމަކާ ނުލާ، ރާއްޖެޓީވީއާ މެދު ވަނީ ފިޔަވަޅު އަޅާފަ އެވެ.