ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު މި ކުރައްވަމުން ގެންދަވާ މަސައްކަތަކީ ރާއްޖެ ކޮމިއުނިޒަމްއާ ދިމާއަށް ގެންދިއުންކަމަށް
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް)
ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި މާޒް ސަލީމް ވިދާޅުވީ، ދިވެހިރާއްޖެ
މިހާރު މިދަނީ ކޮމިއުނިޒަމް އާ ދިމާލަށް ކަމަށެވެ. އަދި ކޮމިއުނިސްޓް ގައުމަކަށް
ބަދަލުކުރުމަށް މިހާރު ގާނޫނުތަކަށް ވަރަށް ހަރުކަށި ބަދަލުތައް ގެންނަމުންދާ
ކަމަށް މާޒް ސަލީމް ވިދާޅުވި އެވެ.

ދިވެހިރާއްޖެ މިދަނީ ކޮމިއުނިޒަމްއާ ދިމާލަށް. ކޮމިއުނިޒަމްއަކަށް
ބަދަލުކުރުމަށް ގާނޫނަށް ގެންނަންޖެހޭ ހަރުކަށި ބަދަލުތައް ކުއްލި ކުއްލިއަށް އެ
ގެންނަމުންދަނީ. ދައުލަތަށް ހުރިހާ ބިންތައްވެސް ނަގަނީ، ރިސޯޓުތައް ދައުލަތައް
ނަގަނީ. މިއިން މި ފެންނަނީ ކޮމިއުނިޒަމް ގައުމަކަށް މި ގައުމު ހެދުމަށްޓަކައި
މުއިއްޒު ކުރަމުންދާ މަސައްކަތް
އަހުމަދު ސަލީމް (މާޒް ސަލީމް)

ރާއްޖޭގެ ޒުވާނުންނަށް ވަޒީފާއެއް ލިބެނީ އެތައް އުނދަގޫ ތަކާއި
ކުރިމަތިލައިގެން ކަމަށް ފާހަގަކޮށް މާޒް ސަލީމް ވިދާޅުވީ، ވެރިންނަށް ތިބޭ މީހުން
އެ ކުދިން ލައްވައި ގާނޫނާއި ހިލާފު ކަންކަން ކޮށް އެކުދިން މިކަމުގެ ޒިންމާ ނަގަން
މަޖުބޫރު ކުރުމަކީ މުއައްޒަފުންގެ ހައްގުތަކާއި ހިލާފު ކަމެއް ކަމަށެވެ. އަދި
މިކަމަކީ 2028 އައުމުގެ ކުރިން ޕީއެންސީއަށް ދެ ލައްކަ މެންބަރުންގެ ސޮއި ހޯދުމަށް
ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ކެމްޕޭނެއް ކަމަށް މާޒް ސަލީމް ވިދާޅުވި އެވެ.

މާޒް ސަލީމް ވިދާޅުވީ ސަރުކާރުގެ މުއައްސަސާތަކުން ނުހައްގުން މުވައްޒަފުން
ވަކި ކުރަމުންދަނީ މި ކެމްޕޭނުގެ ދަށުން ކަމަށެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ޑީއެންއާރުގެ ޑޭޓާ ބޭސް ބޭނުންކޮށްގެން
ޕީއެންސީއަށް މީހުން ވެއްދި މައްސަލަ އެސީސީއަށް ހުށައަޅާފައިވާކަން ފާހަގަކޮށް
މާޒް ސަލީމް ވިދާޅުވީ އެ މައްސަލަ ގާނޫނާއި އެއްގޮތަށް ނުބަލާ ކަމަށާއި، އެ
މައްސަލަ ބެލި ނަމަ އަލީ އިހުސާން އެ މަގާމަކު ނުހުންނާނެ ކަމަށެވެ. އެއީ މިކަމަކީ
ގާނޫނުގައި އަދަބު ލިބެންޖެހޭ ކުށެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މާޒް ސަލީމް ވިދާޅުވީ މިއަދާ ހަމައަށް އޭސީސީއަށް 27 މައްސަލައެއް
ހުށައަޅާފައިވާއިރު އެއްވެސް މައްސަލައެއް އެ މުއައްސަސާއިން ބަލާފައި ނުވާ
ކަމަށެވެ. އަދި މި މައްސަލަތަށް ބަލާ ތަހުގީގު ކުރާ ނަމަ ދިވެހިރާއްޖޭގެ ހާލަތު
މިހާ ދަށަށް ވެއްޓިގެން ނުދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީ އަށް މެންބަރުން
އިތުރުކުރުމުގެ މަގުސަދުގައި، ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް
ވަޒީފާގެ ބިރުދައްކައި ގަދަބާރުން ޕާޓީއަށް ވައްދަމުންދާ ކަމަށް ބުނާ މައްސަލައެއް
އޭސީސީ އަށް އާދިއްތަ ދުވަހު މާޒް ސަލީމް ވަނީ ހުށަހަޅައިފަ އެވެ. އަދި އޭސީސީއިން
މި ޖަރީމާތައް ވަގުތުން ބަލައި ފިޔަވަޅު އެޅުމަށް މާޒް ސަލީމް ވަނީ ގޮވާލާފަ އެވެ