ހައުސިންގ މިނިސްޓްރީ އަންދާލިކަމަށް ރައީސް ޔާމީން ވިދާޅުވުމުން މައްސަލަ ގޯސްވެ، އެކަން ތަހުގީގު ކުރަން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރ ފުލުހުންނަށް އަންގަވައިފި އެވެ.

އާދިއްތަ ދުވަހުގެ ރޭ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ މިނިސްޓަރ އަލީ އިހްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 5 ސެޕްޓެމްބަރ 2026 ގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމު ދައްކަވާފައިވާ ވާހަކަފުޅުގައި އެ އިމާރާތްތަކުގައި އަލިފާން ރޯކޮށްލާފައިވާ ކަމަށާއި އެކަން ކުރި މީހާވެސް ފުލުހުންނަށް އެނގޭކަމަށް މުތުލަގުކޮށް ވިދާޅުވެފައިވާ ކަމަށެވެ.

"މިމައްސަލާގައި އެމަނިކުފާނަށް އެނގިވަޑައިގަންނަވާ މަޢުލޫމާތު ސާފުކުރައްވައި، ތަހުޤީގުގައި އިތުރަށް ބައްލަވަންޖެހޭ ކަމެއްހުރިނަމަ އެކަން ބެއްލެވުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް އަޅުގަނޑުވާނީ ދަންނަވާފަ އެވެ. އަދި ހަމަ އެއާއެކު ދިވެހި ފުލުހުންގެ މައްޗަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތުހުމަތު ތަހުޤީގުކޮށް ދެއްވުމަށްއެދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށްވެސް އަޅުގަނޑުވާނީ ދަންނަވާފަ،" އިހްސާން ވިދާޅުވި އެވެ.

އެއާއެކު މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ 3 ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތްތައް އަނދައިގެން ގޮސްފައިވާ މައްސަލައާ ގުޅިގެން ދިވެހި ފުލުހުންނާއި އެކުވެރި ޤައުމުތަކުގެ މިފަދަ ކަންކަން ތަހުޤީގުކުރާ މާހިރުން ގުޅިގެން ކުރި ތަހުގީގުން ހޯދިފައިވަނީ އެ ހާދިސާ ހިނގާފައިވަނީ ކަރަންޓު ނަރުތަކުގައި ރޯވެގެންކަމަށާއި އަދި އެއްވެސް މީހަކަށް މިމައްސަލާގައި ޖިނާއީ ތުހުމަތެއް ކުރާނެ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައިނުވާކަމަށް ފުލުހުންވަނީ، އެމަނިކުފާނަށް މައުލޫމާތު ދެއްވާފައި ކަމުގަ އެވެ.

މިނިސްޓަރ އިހުސާން މިހެން ވިދާޅުވި އިރު، މި މައްސަލައިގެ ތަހުގީގާ ބެހޭ ގޮތުން މީގެ ކުރިން ކަމާ ބެހޭ ފަރާތްތަކުގައި ސުވާލުކުރުމުން އެކަމުގެ ތަހުގީގު ގޮސްފައިވާ ހިސާބަކާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.