ރައްޔިތުންގެ މަޖިލީހުގެ ރައީސް
އަބްދުއްރަހީމް އަބްދުﷲ މިއޮތްހާ ދުވަހު އުޅުއްވީ "ހަފޮޅުން ބޭރުގައި"
ކަމަށާއި، ފަލާހު އަކީ
ގަދަ ކަނޑަކަށް އެއްލާލާފައި އޮންނަ ބޮނބިގަނޑެއް ކަހަލަ މީހެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ހޫނު ރައްދުތަކެއް ދެއްވައިފި އެވެ.
ޕީޕަލްސް ނޭޝަނަލް
ފްރަންޓް (ޕީއެންއެފް) އިން އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު
ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މި ހުރިހާ ދުވަހު އަބްދުއްރަހީމް އުޅުއްވީ
"ހަފޮޅުން ބޭރުގައި" ކަމަށެވެ. އަދި އެމަނިކުފާނާ ދިމާލަށް އެއްޗެހި ގޮވަން
އަބްދުއްރަހީމް ނެރުއްވީ މުޝީރުންނާއި އިލްމުވެރިން ދެއްވި ލަފައާ އެއްގޮތަށް ކަމަށް
ވާއިރު، ރައީސް މުއިއްޒު އާއި އަބްދުއްރަހީމްއާ ދެމެދު އޮތް ގުޅުން ރަނގަޅު ކަމަށް
ހީކުރުމަކީ ކުށްހީއެއް ކަމަށެވެ. އަދި އަބްދުއްރަހީމްގެ "ޕްރިންސް" ވެސް
މިހާރު ހުރީ މަގާމުން ދުރުކޮށް އެއްފަރާތް ކޮށްފައި ކަމަށް ވިދާޅުވި އެވެ.
ކޮންމެ މީހަކު ވެސް ދެން ރަނގަޅު ވާނީ އެމީހެއްގެ ސައިޒު އެނގިގެން މަސައްކަތް ކުރިއްޔާ. ތިތާކު ނެތް އަޅުގަނޑުމެން ކައިރިއަށް އައިސް ގައުމުގެ ވާހަކަ ދެއްކޭ ފެންވަރުގެ މީހުންނެއް. އަނެއްކާ ސިޔާސީ ގޮތުން ހިސާބު ޖަހައިގެން ވެރިކަން ކުރެވޭ ވަރުގެ މީހަކު ވެސް ނެތްރައީސް ޔާމީން
ރައީސް ޑރ. މުހައްމަދު
މުއިއްޒު އަށް ރައްޔިތުންގެ އެއްވެސް ތާއީދެއް އޮތް ކަމެއް ނުކުރެއްވޭ ކަމަށާއި،
ކަންކަން ނުކުރެއްވިގެން އިސްކުރައްވާ ރުޅި، ޕޯޑިއަމްތަކަށް އަރައިވަޑައިގެން ކިތަންމެ ވަރަކަށް
ބޭލެއްވިޔަސް، އެކަން ބަދަލުނުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ރައީސް މުއިއްޒު ގޮވައިގެން 2028 ވަނަ
އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެކަން އެނގޭ ކަމަށާއި، މިހާރު
ނަގަމުންދާ ވޯޓުތަކުން އެކަން ސާފުވަމުންދާ ކަމަށް ވެސް ޔާމީން ފާހަގަކުރެއްވި އެވެ.
މީގެއިތުރުން، މި
ސަރުކާރުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް އަބްދުއްރަހީމްގެ
އަނބިކަނބަލުންނަށް މަޝްރޫއުތައް ހިންގުމަށް އެތައް ސަތޭކަ މިލިއަން ރުފިޔާއެއްގެ
ލޯނު ހަމަޖައްސައިދީފައިވާ ކަމަށް ތުހުމަތުކުރައްވައި ޔާމީން ވިދާޅުވީ،
އެމަނިކުފާނުގެ ވެރިކަމުގައި އަނބިކަނބަލުންނަށް ވެސް އަދި ދަރިންނަށް ވެސް ލޯނު
ނަންގަވައިދެއްވާފައި ނުވާނެ ކަމަށެވެ. އަދި އަނބިދަށުވެގެން އުޅޭ ވާހަކަ
ދައްކަވާއިރު، ކޮންމެ މީހަކު ވެސް އެމީހެއްގެ ހަންކަހާލައިގެން އަޑީގައި އޮތީ
ކޯއްޗެއްތޯ ބަލައިލުން ރަނގަޅުވާނެ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ރައްޔިތުންގެ
މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން
ސިފަކުރެއްވީ އޭނާއަކީ "ގަދަ ކަނޑަކަށް އެއްލާލާފައި އޮންނަ
ބޮނބިގަނޑެއް" ފަދަ ބޭފުޅެއްގެ ގޮތުގަ އެވެ. އަދި ފަލާހަކީ އޮޔާއި ވަޔާއި
ރާޅާއެކު ކޮޅުކޮޅަށް ދާނެ މީހެއް ކަމަށާއި، ޕީޕީއެމް، ޖުމްހޫރީ ޕާޓީ އަދި ޕީއެންސީ
ފަދަ އެކި ޕާޓީތަކަށް ބަދަލުވަމުންދާ ބޭފުޅެއް ކަމަށް ޔާމީން ވިދާޅުވި އެވެ. ފަލާހަކީ އެއް އިރެއްގައި ވެސް އެމަނިކުފާނާއެކު އިޚްލާސްތެރިކަމާއެކު އުޅުއްވި ބޭފުޅެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
އަތުގައި ލާރި ހުރީމަ އިންތިޚާބަކުން ކާމިޔާބުވެގެން މަޖިލިސް ގޮނޑިއަށް އައިސްދާނެ. މަޖިލިސް ގޮނޑިއަށް އައީމަ މި ފެންނަނީ ފަލާހުގެ އިލްމީ ގާބިލުކަން ހުރި މިންވަރު. މީނަ މިތާ ހުރެގެން ރައީސް މުއިއްޒަށް ހުޝާމަދު ކުރަން އުޅުމުގެ ތެރޭގައި އެ ކުރެވެނީ މަލާމާތްރައީސް ޔާމީން
ޕީއެންސީ އިން ބޭއްވި ޖަލްސާއެއްގައި ފަލާހު ވަނީ، ރައީސް މުއިއްޒުގެ ނަންފުޅު ގެނެސްފި ނަމަ، އެމަނިކުފާނުގެ ސަޕޯޓަރުން އަތްޖަހަނީ ވަރަށް ލޯބިން ކަމަށާއި އެއީ އުތުރު ކޮރެއާގެ ރައްޔިތުން އަތްޖަހާ ގޮތް ކަމަށް ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ، ކުރީގެ ރައީސް ޔާމީނުގެ ސަޕޯޓަރުން އަތްޖަހާ ގޮތަކަށް ރައީސް މުއިއްޒުގެ ސަޕޯޓަރުން އަތް ނުޖަހާ ކަމަށެވެ. ރައީސް ޔާމީނުގެ ވެރިކަން ފާޑުވިދާޅުވަމުން ފަލާހު އިތުރަށް ވިދާޅުވީ، އެ ވެރިކަމުގައި މަޖިލިސް މެންބަރުން އުޅުނީ ޕެނަޑޯލް ބަންދުކުރުމާއި އީދު ބޮނޑިއާއި ހިކިމަސް ފަދަ ތަކެތި ބަންދު ކުރުމާއި ކުދިން ހިތާނުކުރުން ފަދަ ކަންކަމުގައި ކަމަށެވެ.
މީގެއިތުރުން އަބްދުއްރަހީމް ވެސް ރައީސް ޔާމީން އަށް ވަނީ ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަން ނިމިގެން ދިޔައީ ބޮޑާކަމާއި ކިބުރުވެރިކަމާއި ނުލަފާކަމުގެ އިތުރުން ރައްޔިތުންނާއި ހެޔޮލަފާ މީހުން ދެއްކި ވާހަކަ އަޑުނުއައްސަވައި، ބަސްނޭހުމުގެ ސަބަބުން ކަމަށާއި އަދި ވެރިކަން ނިމުނީ އަނބިދަށުވުމުން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.