ރައްޔިތުންގެ ފުރިހަމަ އިތުބާރު ލިބިފައިވާ ކައުންސިލްތަކުން ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅުމަކީ ސީދާ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު ދެރައެއް ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން ކައުންސިލްތަކަށް ކުރާ އިތުބާރު އެންމެ ފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުން ވެސް ވަރަށް ސާފުކޮށް ފެނިގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ސިޓީތަކާއި ގިނަ ކައުންސިލްތަކުގެ މެޖޯރިޓީ ބޮޑު ތަފާތަކުން އެމްޑީޕީއަށް ރައްޔިތުން ދީފައިވަނީ މިހާރު މިއޮތް ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އާތިފް ވިދާޅުވީ، އޭރު ނެގި ފެންނަ ނުފެންނަ ވޯޓުން ވެސް  ލިބުނީ 30 އިންސައްތަ ވަރު ކަމަށާއި، މިހާރު އެފަދަ ވޯޓެއް ނަގައިފިނަމަ ސަރުކާރަށް ލިބޭނީ ގާތްގަނޑަކަށް 20 އިންސައްތަ ކަމަށެވެ. އަދި ދުވަހެއް ދުވަހަކަށް ސަރުކާރުން ދަނީ ގޯސްތައް ހަދަމުން ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ރައްޔިތުން މިހާރު ކައުންސިލްތަކަށް ވަރަށް ބޮޑަށް އިތުބާރު ކުރޭ. ކަންކަން ހިނގާގޮތް ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭ. ރައްޔިތުންނާ އެންމެ ގާތުން މަސައްކަތް ކުރަނީ ކައުންސިލަރުންކަން އެ ރައްޔިތުން ދަނޭ. އަދި ސަރުކާރުން ކަމެއް ނުކޮށްދީގެން ކައުންސިލުން ކުރާ މަސައްކަތްތަކާއި ސަރުކާރުގެ އެއްވެސް ޕްރޮޖެކްޓަކަށް ކައުންސިލްތަކުން ހުރަސް ނާޅާކަން ވެސް ރައްޔިތުންނަށް ވަރަށް ސާފު
މުހައްމަދު އާތިފް

މީގެއިތުރުން، ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ނަމުގައި ލާމަރުކަޒީ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހަށް ފާޑުވިދާޅުވަމުން އާތިފް ވިދާޅުވީ، އެ އިސްލާހުގެ ދަށުން ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ ބިންތައް ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ދީފައިވާ ކަމަށެވެ. ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭންތައް ހަދަނީ ރައްޔިތުންނާ މަޝްވަރާކޮށް، ފަންނީ މާހިރުންގެ އެހީތެރިކަމާއެކު ރައްޔިތުން އެދޭ ގޮތަށް ކަން ފާހަގަކުރައްވަމުން، ރަށާ އެއްވެސް ގުޅުމެއް ނެތް ވަޒީރުންތަކަކަށް ރައްޔިތުންގެ ބިންތަކުގެ ބާރު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އާތިފް ވިދާޅުވީ، މިއަދު ފެންނަމުން މިދަނީ ރަށްތައް ނިކަމެތިކޮށް، ލާމަރުކަޒީ ނިޒާމުން ރައްޔިތުންނަށް ލިބިދީފައިވާ ބާރުތައް ކަނޑުވާލުމަށް ސަރުކާރުން ދުވަހެއް ދުވަހަކަށް މަސައްކަތް ކުރަމުންދާ ހިތާމަވެރި މަންޒަރު ކަމަށެވެ.