ފެނަކަ އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އުވާލަން ނިންމައިފި އެވެ.

މި ދެކުންފުނި އުވާލަން ނިންމިކަން ހާމަކުރެއްވީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ހޯމަ ދުވަހު ބޭއްވި ނޫސް ކޮންފަރެންސް އެއްގަ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ފެނަކައިގެ ދަށުން ދެމުންދިޔަ ޚިދުމަތްތައް ސްޓެލްކޯގެ ދަށުން ދިނުމަށާއި އާރުޑީސީން ކުރަމުންދިޔަ މަގު ހެދުމުގެ މަސައްކަތްތައް އެމްޓީސީސީ އަށް ބަދަލުކުރުމަށް ނިންމަވާފައިވާކަމަށެވެ.

ކުންފުނިތަކަށް ގެންނަ ބަދަލާއެކު ޚަރަދު ކުޑަކުރެވޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު، ގިނަ އަދަދެއްގެ މުވައްޒަފުންގެ ވަޒީފާ ގެއްލޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ސިޔާސީ މަގާމެއްގައި ހުރި މީހަކު ނޫނީ އެހެން އެއްވެސް މީހެއްގެ ވަޒީފާ ނުގެއްލޭނެ ކަމަށް ވެވަޑައިގެންނެވި ވައުދާއެކުގަ އެވެ.