އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑް، މޯލްޑިވްސް އިންޑަސްޓްރިއަލް
ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ސަބްސިޑަރީ ކުންފުންޏަކަށް
ބަދަލުކުރަން ނިންމައިފި އެވެ.

މިކަން ހާމަކުރެއްވީ ހޯމަ ދުވަހު ރައީސް ޑރ.މުޙައްމަދު
މުޢިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ރައީސް ވިދާޅުވީ އެބަދަލާއެކު އެގްރޯނެޓްގެ
ވިޔަފާރި ފުޅާކުރުމަށާއި، ކާބޯތަކެތީގެ ރައްކާތެރިކަމުގެ އަމާޒު
ހާސިލްކުރުމާއި، ދަނޑުވެރިކަމުގެ ސިނާޢަތް ފުޅާކުރުމަށްވެސް
ފަސޭހަވާނެކަމަށެވެ.   

ދަނޑުވެރިންނާއި މަސްވެރިންގެ އުފެއްދުންތައް
ވިއްކަން ޚާއްސަކޮށްގެން މާލޭގައި އަޅާ މާރުކޭޓް ބަލަހައްޓާނީ މިފްކޯއިން ކަމަށްވެސް ވަނީ ކަނޑައަޅާފަ އެވެ.

މިފްކޯ އާ މާރުކޭޓް ހަވާލުކުރާއިރު، 2027 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 10އަށް އެ އިމާރާތް ނިމޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ދަނޑުވެރިން ހައްދާ ތަކެއްޗަށް ހަމައަގު ހޯދައިދިނުމާއި ބާޒާރަށް ދަނޑުވެރިކަމުގެ ތަކެތި ނެރުމުގެ މަގްސަދުގައި ސައްތައިން ސައްތަ ސަރުކާރުގެ ކުންފުންޏެއްގެ ގޮތުގައި އެގްރޯނެޓް އުފެއްދީ 2020 ވަނަ އަހަރު އެވެ.

މި ސަރުކާރުން 2024 ވަނަ އަހަރު އެގްރޯނެޓް އުވާލަން ނިންމި ކަމަށް ވަނީ ހާމަކޮށްފަ އެވެ.

އޭރު ސަރުކާރުން ނިންމީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް
ލިމިޑެޓްގެ ދަށަށް ބަދަލު ކުރުމަށެވެ. ކުންފުނިން އޭރު ހާމަކޮށްފައިވަނީ، އެގްރޯނެޓްގެ
ޕޭރެންޓް ކުންފުނި ކަމަށްވާ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ
ލަފާގެ މަތިން ކުންފުނި ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.