މަސްތުވާތަކެތީގެ މައްސަލެއްގައި ހުޅުމާލެ ފޭސް 1 އިން ދެ މީހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރު
ކޮށްފައިވަނީ ފ. މަގޫދޫއަށް ނިސްބަތްވާ 25 އަހަރުގެ އިސްމާއީލް އިޒްހާން އަދި
ލ. އިސްދޫއަށް ނިސްބަތްވާ 21 އަހަރުގެ އާމިނަތު ރުޝްދާ ކަމަށެވެ.
މި ދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތި
ކަމަށް ބެލެވޭ 140.03 ގުރާމުގެ ތަކެއްޗާއި މަސްތުވާތަކެތި ކަމަށް ބެލެވޭ
އެއްޗެއްހުރި ތިން ބިޑި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލައާ ގުޅިގެން އެ ދެމީހުންގެ
ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އިސްމާއީލް އިޒްހާން ވަނީ 15 ދުވަހަށް
އަދި އާމިނަތު ރުޝްދާ ވަނީ 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.
ފުލުހުން މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ހުޅުމާލެ ސްޕެޝަލް
އެންފޯސްމަންޓުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށް އެ އިދާރާއިން ބުނެ އެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު
ކުރަމުންނެވެ.