ފޯޅަވަހީގެ ސިޔާދަތީ މިލްކުވެރުކަމާބެހޭ މައްސަލައިގައި މަޝްވަރާ ކުރެއްވުމަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު އެންޑީ ބާންހަމް އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދައުވަތު ދެއްވައިފި އެވެ.
ރައީސް އޮފީހުން އަންގާރަ ދުވަހު
ނެރެފައިވާ ނޫސްބަޔާނުގައި ބުނީ ރައީސް މުއިއްޒު މި ދައުވަތު އަރުއްވާފައި ވަނީ
ފޯޅަވަހީގެ ސިޔާދަތު މޮރިޝަސްއާ ހަވާލުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ
މައްސަލައިގެ ކަންބޮޑުވުން ފާޅުކުރައްވައި އިނގިރޭސިވިލާތުގެ ބޮޑު ވަޒީރަށް
ފޮނުއްވި ސިޓީފުޅެއްގައި ކަމަށެވެ.
ރައީސް މުއިއްޒު ފޮނުއްވި ސިޓީފުޅުގައި ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ތަނެއް ކަމުގައި ތާރީހީ ގޮތުން ވެސް ފެންނަން އޮތްކަމާއި، އަދި
ޖިއޮގްރަފީ ގޮތުންވެސް ފޯޅަވައްސަކީ ދިވެހިރާއްޖެއާ މާގާތުގައި އޮތް ރަށެއްކަމަށް
ވަނީ ފާހަގަކުރައްވައިފަ އެވެ. އަދި ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލު ކުރެއްވުމަށް
ކުރައްވާ މަސައްކަތްތައް ކުރިއަށް ގެންދަވާތީ އެކަމުގެ ކަންބޮޑުވުން ރައީސް
މުއިއްޒު ވަނީ ފާޅުކުރައްވާފަ އެވެ.
މި ސިޓީފުޅުގައި ރައީސް މުއިއްޒު ވަނީ
އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އޮންނަ ޒަމާނީ ގުޅުން އިތުރަށް ކުރިއަށް
ގެންދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފަ އެވެ. އަދި ދިވެހި ދައުލަތާއި
ރައްޔިތުންގެ ހައްޤުތައް ރައްކާތެރިކުރެވޭނޭ ފަދައިން، ފޯޅަވަހީގެ މައްސަލައިގައި
ދިވެހިރާއްޖެ އިން އިނގިރޭސި ސަރުކާރަށް އެއްބާރުލުން ދެއްވާނެ ކަމުގެ
ޔަޤީންކަން ވެސް ރައީސް މުއިއްޒު ވަނީ ދެއްވާފަ އެވެ.
މިއަހަރުގެ މިނިވަން ދުވަހުގެ
މުނާސަބަތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ފޯޅަވަހި ހަވާލުކުރަން ޖެހޭނީ ދިވެހިންނަށް ކަމަށާއި، އެގޮތަށް އެކަން ވާން ނެތް ނަމަ މިހާރު
އޮތްގޮތަށް ކުރިއަށް ދިޔުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ.
ނަމަވެސް މިކަމުގައި
ކުރީގެ ސަރުކާރުން ގެންގުޅެފައިވާ ސިޔާސަތަކީ ރާއްޖޭގެ ގާނޫނު އަސާސީ އާއި
ގާނޫނުތަކާ ފުށުއަރާގޮތަށް އަދި ދިވެހިރާއްޖޭގެ މަސްލަހަތު ގެއްލޭ ގޮތަށް
ނިންމާފައިވާ ނިންމުމެއްކަމަށް ވިދާޅުވެ، ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ސާދަ
ހަފުތާގެ ތެރޭގައި ފުރިހަމަ ކުރާނެ މަސައްކަތްތަކުގެ ތެރޭގައި ފޯޅަވަހީގެ މައްސަލައިގައި
އިޓްލޮސް އިން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް ކުރަންޖެހޭ އެންމެހައި
ކަންކަން ކުރުމަށް ބަންޑާރަ ނައިބުގެ އޮފީހާ ހަވާލުކޮށްފައިވެ އެވެ.
އޭގެ ފަހުން މި
މައްސަލައިގައި، ސަރުކާރުން ބުނި ގޮތަށް ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމަށް
އެދެވޭ މަސައްކަތެއް ކުރެވެމުންދާތަނެއް ރައްޔިތުންނަކަށް ފެނިފައި ނުވެ އެވެ.