ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯ ސެކްޝަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި އެވެ.
އިތުބާރު ހުރި މަސްދަރަކުން ރާއްޖެއެމްވީ އަށް މައުލޫމާތުދެމުން ބުނެފައިވަނީ ރާއްޖެޓީވީން ގެނެސްދޭ "ފަށާއިރު" ޕްރޮގްރާމް ނުބެލުމަށް އެއަރޕޯޓްގެ ކާގޯގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މީގެ ދުވަސްކޮޅެއް ކުރިން އަންގާފައިވާ ކަމަށާއި އެ މުވައްޒަފުން ޕްރޮގްރާމް ބަލާތީ އެތަނުން މީޑިއާ ނެޓް ވެސް ކަނޑާލާފައިވާ ކަމަށެވެ.
ނަމަވެސް އެތަނުގެ މުވައްޒަފުން އިތުރު ގޮތެއް ހޯދައި ޕްރޮގްރާމް ބަލަމުން ދިޔުމާ ގުޅިގެން އަދި ފަށާއިރު ޕްރޮގްރާމްގެ ތެރެއިން ސްޓެލްކޯއަށް ގުޅާ ޕީއެންސީއަށް ވަނުމަށް މުވައްޒަފުންނަށް މަޖުބޫރު ކުރަމުންދާކަން ފަޅާއަރުވާލުމާ ގުޅިގެން، އަނެއްކާ ވެސް އެ ޕްރޮގްރާމް ނުބެލުމަށް އަންގާފައިވާ ކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވެ އެވެ.
ނަމަވެސް އެތަނުގެ ބައެއް މުވައްޒަފުން މިކަމާ ދެކޮޅު ހެދުމުގެ ސަބަބުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ޝަރީފް އަރިހަށް ހާޒިރުކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ދިން ފަރާތުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމަކީ ނިއުސް އެންޑް ކަރަންޓް އެފެއާރޒް ޚަބަރުތަކާއި މުޖުތަމައުގައި ހުންނަ އެކިއެކި މައްސަލަތަކާއި ރައްޔިތުންގެ ކަންބޮޑުވުންތަކާއި ސިޔާސީ ވާހަކަތައް ނުރަސްމީ އަދި މީހުންނަށް ކަމުދާ ސްޓައިލަކަށް ގެނެސްދޭ ޝޯވްއެކެވެ. މި ޝޯވް ރާއްޖެޓީވީން ފާއިތުވި 12 އަހަރުގެ ތެރޭގައި މެދުކެނޑުމެއް ނެތި ކޮންމެ ދުވަހެއްގެ ހެނދުނު 6:30ން 8:45ށް ދަނީ ގެނެސްދެމުންނެވެ.