ބާ ޖަމާލުއްދީން ހުރި ބިމުގައި މާލޭ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް ހައުސިންގ މިނިސްޓްރީ އިން އެންގީ، ކައުންސިލުގެ ފަރާތުން ރައްޔިތުންނަށް ފަސޭހަ ކޮށްދޭތީ އެކަން ހުއްޓުވާލުމަށް ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
މިނިސްޓްރީ އިން ވަނީ ބާ ޖަމާލުއްދީންގައި ކައުންސިލުން ކުރަމުންދާ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް، އަންގާރަ ދުވަހު ކައުންސިލަށް އަންގާ، ސިޓީ އެއް ފޮނުވާފަ އެވެ. އެ ސިޓީގައި ބުނެފައި ވަނީ އެ ބިމުގައި ކައުންސިލުން މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަވެފައިވާ ކަމަށާއި އެއީ އެއްވެސް އިރެއްގައި ކައުންސިލުގެ ބޭނުމަށް ހަވާލުކޮށްފައިވާ ބިމެއް ނޫން ކަމަށެވެ. އެހެންކަމުން އެ މަސައްކަތް ވަގުތުން ހުއްޓާލުމަށް ވަނީ އަންގާފަ އެވެ.
މިކަމާ ގުޅިގެން ރާއްޖެޓީވީ އަށް މައުލޫމާތު ދެއްވަމުން މޭޔަރު އާޒިމް ވިދާޅުވީ އެތަނުގައި ސިޓީ ކައުންސިލުން ކުރަމުންދާހާ ވެސް މަސައްކަތަކީ އެ ތަނަކީ ސާފު ތަނެއްގެ ގޮތުގައި ބޭއްވުމަށް މަސައްކަތް ކުރުން ކަމަށެވެ. އަދި އެތަނަށް ވަދެ، ބައެއް ފަރާތްތަކުން ނޭދެވޭ އަމަލުތައް ކުރުން ހުއްޓުވުމާއި އެތަނުގެ ގޮނޑުކަން ފިލުވުން ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.
އެގޮތުން އެ ބިން ހުސްކޮށް އޮންނާތީ އެ ބިމުގައި ނޭދެވޭ އަމަލުތައް ކުރަމުންދާ ފަރާތްތައް ގިނަވުމާއި ކުނި އަޅަމުންދާތީ އާންމުންގެ ކަންބޮޑުވުންތަކާ ގުޅިގެން، ވަށާފާރު ތިރިކޮށް ގޯތި ސާފުކޮށް ބެލެހެއްޓުމުގެ ހުއްދައަށް ކައުންސިލުން 2024 ވަނަ އަހަރު އެދިފައިވާނެ ކަމަށާއި، އެގޮތުގެ މަތިން އެ މަސައްކަތް ކުރަމުން ދަނިކޮށް، އެ މަސައްކަތް ހުއްޓާލުމަށް އެންގީ މި ސަރުކާރުން ރައްޔިތުންނަށް ފަސޭހަ އެއް ވާން ނޭދޭތީ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.
ހައުސިންގ މިނިސްޓްރީ އިން ބުނީ އެއީ އަންޑަރ ގްރައުންޑް ޕާކިން ފެސިލިޓީއަކާ އެކު ހިތް ފަސޭހަ މައިޒާނެއް ތަރައްގީކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ބިމެއް ކަމަށާއި އެ ބިމުގައި ސައިކަލުތަކަށް ހާއްސަކޮށް އަންޑަރ ގްރައުންޑް ޕާކިން ފެސިލިޓީއަކާއި ކުޑަކުދިންނާއި އާއިލާތަކަށް ހާއްސަ ޕާކެއް އަދި ޖެނަރަލް ޕްރެކްޓިޝަނާ (ޖީޕީ) ކްލިނިކެއް ތަރައްގީކުރަން ނިންމިކަން ފެބްރުއަރީ 2024 ގައި ރައީސް އޮފީހުން އެ މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ.
އެކަމަށް އަލިއަޅުއްވާލައްވާ މޭޔަރު ވިދާޅުވީ އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށެވެ. މޭޔަރު ވިދާޅުވީ ރައްޔިތުންނަށް ފަސޭހައެއް މި ސަރުކާރުން ނުކޮށްދޭއިރު، އެހެން ބަޔަކު އެ މަސައްކަތް ކުރާތީ ކޮންމެވެސް ބަހަނާ އެއް ދެއްކުމަށްފަހު ސަރުކާރުން މަސައްކަތް ކުރަނީ އެކަން ހުއްޓުވުމަށް ކަމަށެވެ.