މާލެ ސަރަހައްދުން ވެހިކަލް ފީ އާއި ރަޖިސްޓްރޭޝަން
ފީގެ ގޮތުގައި ލިބޭ 220 މިލިއަން ރުފިޔާ، ޓްރާންސްޕޯޓް މިނިސްޓްރީން ރާވާފައިވާ ކަންކަން
ތަންފީޒުކުރުމަށް ބޭނުން ކުރުން މާ އެކަށީގެންވާކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް
ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން
މިނިސްޓަރު ވިދާޅުވީ، މީގެކުރިން މާލެ ސިޓީ ކައުންސިލަށް ލިބެމުންދިޔަ މި ފައިސާ، ދަތުރުފަތުރުގެ
ޤާނޫނަށް ގެނައި އިޞްލާހާއެކު ދެން ބޭނުންކުރާނީ ސީދާ ޓްރެފިކްގެ މައްސަލަތައް ހައްލުކުރުމަށާއި
ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ކަމަށެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ، ވެހިކަލް ބޭނުންކުރާ
ފަރާތްތަކުން ދައްކާ ފައިސާ މީގެކުރިން ސިޓީ ކައުންސިލުން ބޭނުންކުރަމުން ދިޔައީ ޑިޒާސްޓަރ
މެނޭޖްމަންޓާއި މިސްކިތްތައް ބެލެހެއްޓުން ފަދަ އެހެނިހެން ހަރަކާތްތަކަށް ކަމަށެވެ.
ނަމަވެސް، އިސްލާމިކް މިނިސްޓަރާ މަޝްވަރާކުރެއްވުމުން، އެ މިނިސްޓްރީން އެކަނި މިސްކިތްތައް
ބެލެހެއްޓި ނަމަވެސް މިހާރަށްވުރެ މާ ރަނގަޅަށް އެކަން ކުރެވޭނެކަމުގެ ޔަޤީންކަން ލިބިފައިވާ
ކަމަށް ސައީދު ފާހަގަކުރެއްވި އެވެ. އަދި ވެހިކަލް ފީ ނުލިބުނު ކަމުގައިވިޔަސް، ކައުންސިލްތަކަށް
ބަޖެޓު ދީފައި އޮންނަކަންވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ދަތުރުފަތުރުގެ ޤާނޫނަށް ގެނައި މި އިސްލާހާ ގުޅިގެން
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވަނީ ނުހަނު ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފަ
އެވެ. މޭޔަރު ވިދާޅުވީ ވެހިކަލް ފީގެ ގޮތުގައި ލިބޭ އާމްދަނީ ކަނޑާލުމަކީ މާލެ ސިޓީގެ
ލާމަރުކަޒީ ހިންގުމަށް އެޅުނު ވަރަށް ބޮޑު ހުރަހެއް ކަމަށެވެ.

މި ފައިސާއަކީ މާލޭގެ މަގުތައް މަރާމާތުކުރުމާއި،
ފެންބޮޑުވާ ހާލަތްތަކުގައި ފެން ހިންދުމާއި، ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ރައްޔިތުންނަށް
އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން މަގުމަތި ކުނިކަހައި ސާފުކުރުމަށް ބޭނުންކުރާ
މައިގަނޑު ފަންޑު ކަމަށް އާޒިމް ވިދާޅުވި އެވެ.

މޭޔަރު އިތުރަށް ވިދާޅުވީ، ކައުންސިލުން އުނިކުރި
މި ފައިސާގެ ސަބަބުން ރައްޔިތުންނަށް ދެމުންދާ ޒަރޫރީ ޚިދުމަތްތައް ހުއްޓުމަކަށް އައިސް،
މާލޭގެ އާންމު މަސްލަހަތަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް އިއާދަނުކުރެވޭނެ
ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމަށެވެ. ނަމަވެސް ސަރުކާރުން ބުނަމުންދަނީ
މި ބަދަލަކީ ހަމައެކަނި ވެހިކަލް ރަޖިސްޓްރޭޝަން ޒޯނަށް އަންނާނެ ބަދަލެއް ކަމަށާއި،
މީގެ ބޭނުމަކީ ދަތުރުފަތުރުގެ ކަންކަން ހަރުދަނާކުރުން ކަމަށެވެ.

މާލެ ސަރަހައްދުގައި އެއްގަމު ދަތުރުފަތުރުގެ ކަންކަން
ހަރުދަނާކޮށް ބެލެހެއްޓުމަށްޓަކައި، "ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ"
ގެ ނަމުގައި ވަކި އޮފީހަކާއި، އެޑްވައިޒަރީ ބޯޑެއްގެ އިތުރުން ޚާއްޞަ ފަންޑެއް އުފެއްދުމަށް
ހިމަނައި، އެއްގަމު ދަތުރުފަތުރުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު
ތަސްދީގުކުރެއްވީ މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުއެވެ.