ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ނުކުރައްވާނެ ކަމަށް ވިދާޅުވި ހުރިހާ ކަމެއް ފާޅުގައި ކުރައްވާފައިވާ ކަމަށާއި، ވެރިކަމަށް ތިން އަހަރު ވާއިރު
ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެއްވެސް ކަމެއް ރައްޔިތުންނާ ހިސާބަށް ތިލަވެފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު
އީސަ ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އީސަ ވިދާޅުވީ
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އެއްވެސް މުވައްޒަފެއްގެ
ވަޒީފާ ނުގެއްލޭނެ ކަމަށް ވިދާޅުވި ކަމަށެވެ. ނަމަވެސް މި ސަރުކާރުގައި
ދައުލަތަށް ނިސްބަތްވާ ކުންފުނިތަކުގެ މުވައްޒަފުން ކެނޑުން އިންތިހާއަށް
އިތުރުފައިވާ ކަމަށް އީސަ ވިދާޅުވި އެވެ.
ވަޒީފާތަކުން މުވައްޒަފުން ކެނޑުމުން
އެބޭފުޅުންގެ ހައްގުތައް ހޯދުމަށް ދާން އޮތް ޓްރައިބިއުނަލް އަކީ މީގެ ކުރިން އެ
މުވައްޒަފުން އިތުބާރު ކުރާ މުއައްސަސާއެއް ކަމަށް ފާހަގަކޮށް އީސަ ވިދާޅުވީ، ޓްރައިބިއުނަލް އިން މިހާރު މަސައްކަތް ކުރަމުންދަނީ ކޯޓުތަކުން ކޮށްފައިވާ
އަމުރުތަކާ ހިލާފަށް، އަދި އެ މުއައްސަސާ އިން މީގެ ކުރިން ކޮށްފައިވާ
ހުކުމްތަކާ ވެސް ހިލާފަށް ކަމަށެވެ.
މުވައްޒަފުން ކެނޑުން މިއޮތީ އިންތިހާއަށް ގޮށްސަ. ހިތައްއެރި ގޮތަކަށް މުވައްޒަފުން ކަނޑަމުން އެ ގެންދަނީ. އަދި ވަޒީފާއިން ވަކި ކުރާ މުވައްޒަފުން އެ މީހުންގެ ހައްގުތައް ހޯދުމަށް ދާ ޓްރައިބިއުނަލް އެއީ އުފެދުނީއްސުރެ އެއްވެސް ވެރިކަމެއްގައި ސިޔާސީ ނުފޫޒު ނުފޯރާ އޮތްތަނެއް. ވަރަށް ބޮޑަށް ޓްރައިބިއުނަލް އާ ދޭތެރޭގައި ވަޒީފާ އަދާކުރާ މީހުން އިތުބާރު އޮންނަ ތަނެއް. މިހާރު އެއޮތީ އެތަނުގެ ދުވަސް ގޮށްސަ. ހަމަ ސީދާ ސިޔާސީ މީހުން އެތަނަށް އައްޔަނު ކޮށްގެން މީގެ ކުރިން ކޮށްފައިވާ ހުކުމްތަކާއި ދިމާ ހިލާފަށް އެއް ދޮރުން މައްސަލަ ލާއިރަށް އަނެއް ދޮރުން މައްސަލަ ބޭރުކުރަމުންއަހުމަދު އީސަ
ފެނަކަ އަދި އާރްޑީސީ އުވާލަން ރައީސް މުއިއްޒު ނިންމަވާފައިވާއިރު، އީސަ ވިދާޅުވީ ރައީސް މުއިއްޒު މި ކުރަމުންދާ މަސައްކަތަކީ
މުވައްޒަފުންތައް ނުހައްގުން ކެނޑުމުގެ މަސައްކަތް ކަމަށެވެ.
އީސަ ވިދާޅުވީ މީގެ ކުރިން އާރްޑީސީ އަދި ފެނަކައިގައި މަސައްކަތް ކުރާ
އާދައިގެ މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކައި، ވެރިކަން ހިންގާ ޕީއެންސީ އަށް ސޮއި ކުރުމަށް މަޖުބޫރު ކޮށްފައިވާ ކަމަށެވެ. އަދި އެ ކުންފުނިތަކުގެ
އިސް ބޭފުޅުން އެ މަގާމުތަކުގައި ތިބެން ބޭނުން ނަމަ، އާއިލާގެ ދިހަ މީހުން
ޕީއެންސީ އަށް ސޮއި ކުރަން މަޖުބޫރުކޮށްފައިވާ ކަމަށް އީސަ ވިދާޅުވި އެވެ.
6000 މުވައްޒަފުން ކަނޑާ ވާހަކައެއް އެބަ ދައްކާ. އެ މުވައްޒަފުން ކެނޑުމުގެ މަސައްކަތް މިހާރު ކުރިއަށް މި ދަނީ. މިކަމުގައި ވެސް ވަރަށް މަކަރުވެރިކޮށް ކަންތައް ކުރެއްވީ. ފުރަތަމަ ފެނަކަ އަދި އާރްޑީސީގައި ވަޒީފާ އަދާކުރާ ހުރިހާ އާދައިގެ މުވައްޒަފުންނަށް އެންގީ ޕީއެންސީއަށް ވަންނާށޭ. ޕާޓީއަށް ނުވަންނަންޏާ ވަޒީފާ ގެއްލޭނެ ކަމުގެ ފުރުސަތު އެބަ އޮތޭ. އިސް މީހުންނަށް އެންގީ އެ މަގާމުގައި ތިބެން ބޭނުމީއާ ކޮންމެ މީހަކު އާއިލާ ދިހަ މީހުން ލައްވާ ސޮއި ކުރާށޭ. މި ހުރިހާ ކަމެއް ކޮށްފައި މިހާރު މި ކުރިއަށް ދަނީ މި ދެ ކުންފުނީގެ ހުރިހާ މުވައްޒަފުން ވަޒީފާއިން ކަނޑާލުމުގެ މަސައްކަތްއަހުމަދު އީސަ
އީސަ ވިދާޅުވީ ސަރުކާރުން ކުންފުނިތައް އުވާލަމުންދަނީ ރައްޔިތުންގެ
ހައްގުތައް ހިމާޔަތް ކުރުމަށް ނޫން ކަމަށާއި، ކުންފުނިތައް އުވާލަނީ އެތައް
ރައްޔިތުންނެއް މަގުމަތިކޮށްލުމުގެ މަގްސަދުގައި ކަމަށެވެ.
ހޯމަ ދުވަހު
ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ
ފެނަކަ އުވާލައި ސްޓެލްކޯއާ އެއްކޮށްލުމަށާއި، އާރްޑީސީ އުވާލައި އެމްޓީސީސީއާ
އެއްކޮށްލުމަށް ނިންމަވާފައިވާކަން ހާމަކުރައްވާފަ އެވެ. ރައީސް މުއިއްޒު ވިދާޅުވީ
މިއީ ކުންފުނިތައް ރައިޓްސައިޒްކޮށް، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ
މަގުސަދުގައި ކޮށްފައިވާ ކަމެއް ކަމަށެވެ.
ނަމަވެސް މި
ކުންފުނިތައް އެއްކޮށްލުމުގެ ސަބަބުން އެ ކުންފުނިތަކުގައި މިހާރު މަސައްކަތް ކުރާ
މުވައްޒަފުންގެ ވަޒީފާއާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. އަދި ސަރުކާރުން މި
ކުންފުނިތައް އުވާލުމުގެ މަގްސަދަކީ އާންމު ރައްޔިތުން ވަޒީފާއިން ވަކި ކުރުން
ކަމަށް އެތައް ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.