މިނިސްޓަރ
އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސައީދު ނޫސްވެރިންނާ
ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅެއްގައި، ރާއްޖޭގައި ދުޅަހެޔޮ ދިރިއުޅުމަކަށް
މަގުފަހިކުރުމަށްޓަކައި ބައިސްކަލް ދުއްވުމާއި ހިނގާބިނގާވެ އުޅުމުގެ އާދަ އަލުން އަށަގަންނުވަން
ޖެހޭ ކަމަށް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު
ވިދާޅުވީ މިއީ މުޖުތަމައުގެ ސިއްހީ ދުޅަހެޔޮކަމަށްޓަކައި ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.
ނޫސްވެރިންނާ
ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ބައިސްކަލުގައި ދަތުރުފަތުރު ކުރުމަށް
ބާރުއެޅުމަށްޓަކައި ހާއްސަ މޫވްމަންޓުތަކެއް ނުވަތަ ހަރަކާތްތަކެއް ފެށެންޖެހޭ ކަމަށް
ގަބޫލުކުރައްވާ ކަމަށެވެ. އަދި ބައިސްކަލް ދުއްވުމަކީ އެއީ "އޮލްޑް ފެޝަން"
ނުވަތަ ބޯދާ ކަމެއް ނޫންކަމަށް ވިދާޅުވި އެވެ.
މި މޭރުމުން
ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ހަތްދިހައިގެ އަހަރުތަކާއި އައްޑިހަ ނުވަތަ
ނުވަދިހައިގެ އަހަރުތަކުގައި ދިވެހިން އުޅުނު ގޮތަށް ބަލައި، އެ ދުވަސްވަރު އޮތް ބައިސްކަލް
ދުއްވުމުގެ ސަގާފަތަށް ރުޖޫއަވުން ރަނގަޅު ކަމަށް ފެންނަ ކަމަށެވެ. މިއީ ހަމައެކަނި
ދަތުރުފަތުރުގެ ނިޒާމަށް އަންނަ ބަދަލެއްގެ އިތުރުން، ދުޅަހެޔޮ ދިރިއުޅުމަކަށް އެޅޭ
މުހިންމު ފިޔަވަޅެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވި އެވެ.
މީގެ އިތުރުން،
މިފަދަ ކަންކަމަކީ މުޖުތަމައުގެ ތެރޭގައި ފެޝަނެއްގެ ގޮތުގައި ބަލައިގަންނަ ކަންކަމަށް
ހެދުން މުހިންމު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިފަދަ ބަދަލުތަކަކީ މުސްތަގުބަލަށްޓަކައި
ވިސްނަންޖެހިފައިވާ ކަންކަން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.