ރާއްޖެއަށް ވޭޕް އެތެރެކޮށްގެން 723 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދަކަށް ޖޫރިމަނާ ކޮށްފައިވީ ނަމަވެސް، އޭގެ ތެރެއިން މިހާތަނަށް ދައުލަތަށް ލިބުނީ 850،000 ރުފިޔާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނެފި އެވެ.
ކަސްޓަމްސްއިން މިހެން ބުނެފައިވަނީ އާރުޓީއައިއެއްގެ ޖަވާބުގައި އެވެ. އެގޮތުން، ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާވި ތާރީހުން ފެށިގެން 2026 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 232 މީހުން ޖޫރިމަނާކޮށްފައިވާ ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދީފައިވެ އެވެ.
ކަސްޓަމްސްއިން ބުނީ އެ މީހުންގެ ޖޫރިމަނާގެ އަދަދު ވަނީ 732،520،000،00 ރުފިޔާ އަށް އަރައިފައިވާ ކަމަށެވެ. އޭގެތެރެއިން ލިބުނީ 850،000 ރުފިޔާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.
ޖޫރިމަނާ ކޮށްފައިވާ މީހުންގެ ތެރެއިން އެންމެ ބޮޑު އަދަދަކުން އެކަކު ޖޫރިމަނާ ކޮށްފައިވަނީ 156 މިލިއަން ރުފިޔާއިން ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އޭނާ ޖޫރިމަނާ ކޮށްފައިވަނީ 15،601 ވޭޕް ރާއްޖެއަށް އެތެރެކުރުމާ ގުޅިގެންނެވެ.
މީގެ އިތުރުން، ވޭޕް އެންމެ ގިނައިން އަތުލައިގެންފައިވަނީ މެލޭޝިއާ އިން ރާއްޖެ އަންނަ މީހުންގެ އަތުން ކަމަށް ވެސް ކަސްޓަމްސްއިން މައުލޫމާތު ދީފައިވެ އެވެ.
ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން މަނާކުރުމަށް ރައީސް މުއިއްޒު އަންގަވާފައިވަނީ 15 ނޮވެމްބަރު 2024 އިން ފެށިގެންނެވެ.