ރާއްޖޭގައި
އެތެރޭގެ އުދުހުންތަކުގެ ޚިދުމަތް ދެމުން އަންނަ ތިން އެއާލައިންގެ ތެރޭގައި ހިމެނޭ
މަންޓާ އެއަރގެ ޑޮމެސްޓިކް އޮޕަރޭޝަންތައް ހުއްޓާލައި، ހަމައެކަނި ސީޕްލޭން ދަތުރުތަކަށް
ބަދަލުކުރަން އެ އެއާލައިނުން ނިންމާފައިވާތީ އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ
ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ކަންބޮޑުވުން ފާޅުކުރައްވައިފި
އެވެ.
މިކަމާ ގުޅިގެން
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަމްހީދު ވިދާޅުވީ، މަންޓާ އެއަރގެ ޚިދުމަތް ހުއްޓުމަކަށް
އައުމަކީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އަދި ދިވެހިންނަށް އެންމެ
މަތީ ފެންވަރުގެ ވަޒީފާތައް އުފައްދައިދޭ މިފަދަ އެއަރލައިންތައް ފެއިލްވެގެންދާއިރު،
ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅައި ހިމޭނުން އޮތުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމަށްވެސް
އޭނާ ވިދާޅުވި އެވެ.
ނޫސްތަކުން
ރިޕޯޓުކޮށްފައިވާ ގޮތުގައި މަންޓާ އެއަރއިން މިހާރު ނިންމާފައިވަނީ ކުރިއަށް އޮތް
ތިން މަހާއި ހަ މަސް ދުވަހުގެ ތެރޭގައި އޭޓީއާރު މަތިންދާބޯޓުތަކުގައި ކުރާ ދަތުރުތައް
އެއްކޮށް ހުއްޓާލުމަށެވެ. ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ އެއާލައިނުން
މިފަދަ ނިންމުމެއް ނިންމީ އެއާލައިނަށް ފައިދާވާ ގޮތަކަށް އޮޕަރޭޝަންތައް ފުޅާކުރެވޭނެ
މަގުތައް ބަންދުވެފައިވުމުގެ ސަބަބުންނެވެ.
މި ބަދަލާއެކު
މަންޓާ އެއަރގެ ފްލީޓުގައި ހިމެނޭ އޭޓީއާރު ބޯޓުތައް އޮޕަރޭޝަނުން ބޭރުކޮށްފިނަމަ،
އެ ކުންފުނީގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒަފުންގެ ވަޒީފާ ގެއްލިގެންދާނެ
ކަމުގެ ބިރު ވަނީ ހީވެފަ އެވެ.
މަންޓާ އެއަރއަކީ
ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ކުރު މުއްދަތެއްގެ ތެރޭގައި އާންމުންގެ ބޮޑު އިތުބާރެއް
ހޯދާފައިވާ އެއާލައިނެކެވެ. އެހެންކަމުން އެ އެއާލައިންގެ ޑޮމެސްޓިކް ދަތުރުތައް ހުއްޓާލުމަކީ
ދަތުރުފަތުރުގެ ނިޒާމަށްވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް ގިނަ ބަޔަކު
ދެކެއެވެ.