ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސް އޮކްޓޯބަރު މަހުގެ
އެއް ވަނަ ދުވަހުން ފެށިގެން، ތިން ވަނަ ދުވަހަށް ބާއްވަން ނިންމައިފި އެވެ.
ބުރާސްފަތި ދުވަހު އެމްޑީޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ
ދައްކަވަމުން އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން މުހައްމަދު ޝިފާޒް ވިދާޅުވީ، މި
އަހަރުގެ ކޮންގްރެސް ބާއްވަން ނިންމާފައިވަނީ މާލެ ސިޓީ ހޯލުގައި ކަމަށެވެ. އަދި
ކޮންގްރެސްގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު އެއް ވަނަ
ދުވަހުގެރޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝިފާޒް ވިދާޅުވީ ކޮންގްރެސްގައި ބައިވެރިވާ މަންދޫބުން އަދި ކޮންގްރެސްގެ
ފުލް ޑެލިގޭޝަން ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި ހާމަކުރާނެ ކަމަށެވެ.
މިއަހަރުގެ ކޮންގްރެސްގެ ޝިއާރަކީ ރަށްވެހި އުފެއްދުން ކަމަށް ފާހަގަކޮށް
ޝިފާޒް ވިދާޅުވީ، ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން ކޮންގްރެސްގެ އެއް ސެޝަން
އިންވެސްޓްމެންޓް ފޯރަމްގެ ނަމުގައި ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މިކަމުގެ
މަގުސަދަކީ ކައުންސިލްތަކުން ކުރަން ބޭނުންވާ މަޝްރޫއުތައް ފާހަގަކޮށް އެ
މަޝްރޫއުތައް ހިންގުމަށް ރާއްޖޭގެ އަދި ބޭރު ޤައުމުތަކަށް ނިސްބަތްވާ
އިންވެސްޓަރުން ހޯދުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޝިފާޒް ވިދާޅުވީ އެމްޑީޕީގެ އަމާޒަކީ ކޮންގްރެސްގެ އިންވެސްޓްމެންޓް
ފޯރަމްގައި 100 އަށް ވުރެ ގިނަ މަޝްރޫއުތައް އިންވެސްޓަރުންނާ ހިއްސާކުރުން
ކަމަށެވެ.
އެމްޑީޕީގެ ކޮންގްރެސްއަކީ ކޮންމެ 5 އަހަރަކު ބާއްވަމުންދާ ބައްދަލުވުމެކެވެ.
މި އަހަރުގެ އެމްޑީޕީ ކޮންގްރެސް އެންމެ ފުރަތަމަ ބާއްވަން ނިންމާފައިވަނީ
ސެޕްޓެންބަރު މަހުގެ 19 ވަނަ ދުވަހުން 21 ވަނަ ދުވަހަށެވެ. ނަމަވެސް ކޮންގްރެސް
ބޭއްވުމަށް އެކި މާލަމުތަކުން ޖާގަ ހޯދުމަށް ސަރުކާރުގެ ފަރާތުން އެދުމުން
އެއްވެސް ތަނެއް މިހާތަނަށް ދީފައި ނުވެ އެވެ.