ސިޔާސީ ޕާޓީތަކުން ހިންގާ އެކިއެކި ހަރަކާތްތަކާއި ބާއްވާ ބައްދަލުވުންތަކުގައި ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑުތަކާއި ޤާނޫނުތަކަށް ފުރިހަމައަށް ތަބާވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިލްތިމާސްކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތަކާއި ބާއްވާ ބައްދަލުވުންތަކުގައި ޤާނޫނާ ޚިލާފަށް ސާބިތުނުހިފޭ ވާހަކަތައް ދައްކަމުންދާކަން އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ސާބިތުކޮށްދެވެން ނެތް ތުހުމަތުތަކުގެ މައްޗަށް ބިނާކޮށް އެއްވެސް ޕާޓީއަކާ ނުވަތަ ޕާޓީއެއްގެ މެންބަރަކާ މެދު ފާޑުކިޔުމަކީ، ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 45 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑާ ކަނޑައެޅިގެން ޚިލާފު ކަމެއްކަން ވެސް އެ ބަޔާނުގައި ވަނީ ހަނދާންކޮށްދީފަ އެވެ.

އީސީގެ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޤާނޫނުއަސާސީ އިން ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވާ އަސާސީ ހައްޤަކަށް ވީނަމަވެސް، އެ މިނިވަންކަމުގެ ބޭނުން ހިފަންވާނީ ޒިންމާދާރުކަމާއެކުގަ އެވެ. އަދި ސިޔާސީ ހަރަކާތްތައް ވެސް ހިންގަންވާނީ އެފަދަ ޒިންމާދާރު އުސޫލުތަކުގެ ތެރެއިން ކަމަށް އެ ކޮމިޝަނުން ބުނެފައިވެ އެވެ.

އެހެންކަމުން، ސިޔާސީ ޕާޓީތަކުގެ އެއްވުންތަކާއި ހަރަކާތްތައް އިންތިޒާމުކޮށް ހިންގުމުގައި، ސިޔާސީ ޕާޓީގެ ޤާނޫނުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑުތަކަށް ތަބާވުމަށާއި، އެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގައި ސިޔާސީ ޕާޓީއަކުން ކޮށްގެން ނުވާނެ ކަމަށް ކަނޑައަޅާފައިވާ އެންމެހައި ކަންކަމުން ދުރުހެލިވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނަސޭހަތްތެރިވެފަ އެވެ.

މީގެއިތުރުން، ދިވެހިރާއްޖޭގައި އަމަލުކުރަމުންދާ ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފުނުވާނޭހެން އަމަލުތައް ބެހެއްޓުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.