ކީރިތި ގުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތް ފަށައިފި އެވެ.

ބުރާސްފަތި ދުވަހުގެރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހިރާއްޖޭގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވަނީ މި މުބާރާތް ޝަރަފުވެރިކޮށްދެއްވާ ރަސްމީކޮށް ފަށްޓަވައި ދެއްވާފަ އެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ކީރިތި ގުރުއާނުގެ އިލްމު ޅަ ޖީލަށް ފޯރުކޮށްދިނުމާއި ގުރުއާން ކިޔެވުމުގެ ރިވެތި އާދަ ކުދިންގެ ހިތްތަކުގައި ފަނިކޮށްލެވޭ ގޮތަށް ހަރުލެއްވުމާއި ބޮޑުވަމުން އަންނަ ޖީލު ގުރުއާންއާ ގާތް ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ، ފަރުދީ ނުވަތަ ވަކި ބައެއްގެ ޒިންމާއެއް ނޫން ކަމަށާއި، ފުރިހަމަ ތަޢާވުނާ އެކު ފުރިހަމަ ކުރަންޖެހޭ ޤައުމީ ވާޖިބެއް ކަމުގައި ވިދާޅުވި އެވެ.

ހަމަ މި ރަސްމިއްޔާތުގައި، ނައިބު ރައީސް ވަނީ ބެލެނިވެރިންނާއި ތައުލީމީ ދާއިރާގެ ހުރިހާ ފަރާތްތަކަށް ވަރަށް ހާއްސަ ގޮތެއްގައި ނަސޭހަތް ދެއްވައިފަ އެވެ. އަދި ވިދާޅުވީ، ސަމާލުކަން ހުއްޓަންވީ ހަމައެކަނި ނަތީޖާ ހޯދުމަށް ނޫން ކަމަށާއި، ކުދިންގެ ހިތްތަކުގައި ގުރުއާނަށް ދެވިފައިވާ ލޯތްބާއި ގަދަރު ދިރިދެމި ހުންނަ ގޮތަށް ދަމަހައްޓައިދިނުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށެވެ.

އިސްލާމިކް މިނިސްޓްރީން ހާމަކުރި ތަފްސީލުތަކަށް ބަލާއިރު، ހިންގުމުގެ ނިޒާމަށް ގެނެވުނު ބަދަލުތަކާ އެކު، ފެށިގެން ދިޔަ މި ބުރުގައި މާލެ ސަރަހައްދު ހިމެނޭހެން، ބޮޑު ތިލަދުންމަތިން ފެށިގެން ރާއްޖޭގެ ދެކުނާ ހަމައަށް 20 ސަރަހައްދެއްގައި ވަނީ ކޮލިފިކޭޝަން ބުރު ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން 2742 ދަރިވަރުން ކޮލިފިކޭޝަން ބުރުގައި ގުރުއާން ކިޔެވި އިރު، 379 ދަރިވަރަކު ސެމީ ފައިނަލަށް ދަތުރުކޮށްފައިވެ އެވެ.

ސެމީ ފައިނަލްގެ ކިޔެވުން ކުރިއަށް ދާނީ ހުކުރު ދުވަހުން ފެށިގެން ކުރިއަށް އޮތް ހޯމަ ދުވަހުގެ ނިޔަލަށެވެ. އަދި ފައިނަލު ބުރު ތާވަލު ކޮށްފައިވަނީ ކުރިއަށް އޮތް ބުދަ ދުވަހާއި ބުރާސްފަތި ދުވަހަށެވެ.