ދިވެހިރާއްޖޭގައި 2008 ވަނަ އަހަރު އައު ގާނޫނު
އަސާސީއަށް އަމަލުކުރަން ފެށި ފަހުން، އެ ގާނޫނު އަސާސީއާ މުޅިން ޚިލާފުވެވަޑައިގެން
އެ ބޮލާލައި ޖެއްސެވި ފުރަތަމަ ރައީސަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު
ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި
ދުވަހުގެރޭ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން "ފެހި ސިގްނަލް"
ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ މި ސަރުކާރުގެ
ސިޔާސަތުތަކަށާއި މުއައްސަސާތަކުގެ ހާލަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ކުރީގެ ރައީސް ޔާމީން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ
އަމަލުކުރައްވަމުން ގެންދަވަނީ ރަސްގެފާނަކު އަމަލުކުރައްވާ ފަދަ ގޮތަކަށް ކަމަށެވެ.
ނަމަވެސް ރަސްގެފާނަކަށް ވިޔަސް ހިތުހުރި ގޮތަކަށް ކަންކަން ނުކުރެވޭނެ ކަމަށާއި، ރަސްގެފާނުގެ
ބާރުތައް މަޑުޖައްސަން ޖެހޭ ކަމަށް ރައްޔިތުން މިހާރު ބުނަމުންދާ ކަމަށް އެމަނިކުފާނު
ވިދާޅުވި އެވެ.

އިގްތިސާދީ ކަންކަމަށް އަލިއަޅުއްވާލައްވަމުން
ރައީސް ޔާމީން ވިދާޅުވީ، ފާއިތުވި ތިން އަހަރުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން
ޑޮލަރު ވަދެފައިވަނީ މި ސަރުކާރުގެ ދުވަސްވަރު ކަމަށެވެ. ނަމަވެސް އެ ފައިސާ ރައްޔިތުންނަށް
ފައިދާހުރި ގޮތުގައި ބޭނުންކުރުމުގެ ބަދަލުގައި، ބިއްލޫރި ޓަނަލް ފަދަ ބޭކާރު މަޝްރޫއުތަކަށް
ހޭދަކުރާނަމަ އެ ފައިސާ ބޭކަރުވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރުގެ ތެރޭގައި
ކޮރަޕްޝަންގެ އެތައް މައްސަލައެއް ފެންމަތިވަމުންދާ ކަމަށާއި، ނަމަވެސް އެކަންކަން
ބެލޭނެ އެއްވެސް މަގެއް މިހާރު ނެތް ކަމަށެވެ. އެގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން
(އޭސީސީ) ގެ ރައީސަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ މީހެއްގެ ގޮތުގައި ކަނޑައަޅައި،
އެ މުއައްސަސާގެ މިނިވަންކަން ގެއްލުވާލާފައިވާ ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވި
އެވެ. މިފަދަ ކަންކަން މިހާ ހިސާބަށް ދިއުމުން ސިޔާސީ މީހުން ގައުމުގެ ހައްގުގައި ތެދުވަން
ޖެހޭ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

ދައުލަތުގެ މުއައްސަސާތަކުގެ ދައުރާ ގުޅޭގޮތުން
ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، މުއައްސަސާތައް ހުރި ނަމަވެސް އެ ތަންތަން
މިހާރު ވަނީ ނާގާބިލުވެފައި ކަމަށެވެ. އަދި މުއައްސަސާތަކުން ކުރާ އެއްވެސް މަސައްކަތެއް
ފެންނަން ނެތްކަން ފާހަގަކުރައްވައި، ރާއްޖެއިން މިހާރު ފެންނަނީ ފުރިހަމަ ޑިކްޓޭޓަރެއްގެ
ދައުރު ކަމަށް އެމަނިކުފާނު ސިފަކުރެއްވި އެވެ.

މުއައްސަސާތައް ފެއިލްވެ، ރައީސް މުއިއްޒުގެ އަތްޕުޅަށް
ހުރިހާ ބާރުތަކެއް ނަންގަވަމުންދާ މި ދަނޑިވަޅުގައި، ސިޔާސީ މީހުން ކިތަންމެ ފޫހިވެފައި
ތިބި ނަމަވެސް ސަރުކާރު ހަމަ މަގަށް އަޅުވަން ނުކުންނަން ޖެހިފައިވާ ކަމަށް ޔާމީން
ވިދާޅުވި އެވެ.