ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަދި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އުވާލައިގެން ސަރުކާރުގެ ހަރަދު ކުޑައެއް ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ޓީވީޓޯކް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެންބަރު ޒިޔާދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އުވާލައްވަން ނިންމެވީ ހަމައެކަނި "ފެނަކަ" އަދި "އާރުޑީސީ" ނަން ކަމަށާއި މީގެން ހަރަދެއް އުނިވާނަމަ ނުވަތަ އިތުރުވާނަމަ ވެސް ވާނީ ނަން ބޯޑު ބަދަލުކުރަންދާ ހަރަދު ކަމަށެވެ. އަދި އިތުރު އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ޒިޔާދު ވިދާޅުވި އެވެ.

ރަށްރަށުގައި ހިންގަން ނިންމާފައިވާ ގިނަ މަޝްރޫއުތައް ހުރީ ފެނަކަ އަދި އާރުޑީސީއާ ހަވާލުކޮށްފައި ކަމަށް ޒިޔާދު ވިދާޅުވި އެވެ. މި ދެ ކުންފުނި އުވާލަން ނިންމެވިއިރު މި ހުރިހާ މަޝްރޫއެއް އާރުޑީސީ އަދި ފެނަަކައާ ހަވާލުކުރެއްވީ ވެސް ރައީސް މުއިއްޒު ކަމަށް ޒިޔާދު ވިދާޅުވި އެވެ. 

ދެ ދުވަސް ފަހުން އަޑުއެހިން ނޫސްވެރިންނާ ބައްދަލުކޮށް މީގެން އެއްވެސް މީހަކަށް ގެއްލުން ނުވާނެޔޭ އެއްވެސް ފަރާތަކަށް ދެ ކުންފުނި އުވާލަނީ އެއްވެސް މުވައްޒަފަކު މަދެއް ނުވާނެ، އެއްވެސް އޮފީހެއް ދުލެއް ނުކުރާނެ، ހުރިހާ ތަނެއްގައި ކަރަންޓް ވެސް ލާފައި ހުރިހާ އެންމެން ވެސް ތިބޭނީ. ދެ ކުންފުނި އުވާލަނީ. މީގަ ނެތީ ހަމަ އެކަނި "ފެނަކަ" "އާރުޑީސީ" ދެން އިތުރު އެއްވެސް ކަމެއް ނެތް. ހަމައެކަނި ނަން ބޯޑު ނެތީ 
ހުސައިން ޒިޔާދު

ރައީސް މުއިއްޒު މިހާތަނަށް ނުކުރައްވާނެ ކަމަށް ވިދާޅުވާ ކޮންމެ ކަމެއް ކުރައްވާކަން ފާހަގަކުރައްވައި ޒިޔާދު ވިދާޅުވީ، މިހާރު އެދަނީ ރައީސް މުއިއްޒު ދޮގު ހައްދަވާކަން ދިވެހި ރައްޔިތުންގެ ކުރިމަތީ ބޭޒާރު ވަމުން ކަމަށެވެ. އަދި ސިއްރު ކުރެވޭނީ ވަކި ވަރަކަށް ކަމަށާއި މިހާރު އެދަނީ އެ ސިއްރުތައް ބޭޒާރުވަމުން ކަމަށް މެންބަރު ޒިޔާދު ވިދާޅުވި އެވެ. 

މީގެ، އިތުރުން ޒިޔާދު ވަނީ ރައީސް މުއިއްޒު ފެއްޓެއްވި އިހުތިރާމް އަދާކުރުމުގެ މަޝްރޫއާ ބެހޭ ގޮތުން ވެސް ވާހަކަދައްކަވާފަ އެވެ. އެގޮތުން އިހުތިރާމް އަށަގަތުމަށް ކުރަން ޖެހޭ އެންމެ މުހިއްމު ކަމަކީ އެ ވާހަކައެއް ދެކެވޭ މީހުންގެ ފަރާތުން އެ ވާހަކައެއް އަމަލުން ދެއްކުންކަން މެންބަރު ޒިޔާދު ވިދާޅުވި އެވެ. 

ޒިޔާދު ވަނީ ރައީސް މުއިއްޒު އޭރު އިދިކޮޅުގައި ހުންނަވައިގެން ހިންގެވި ހަރަކާތްތައް ލޯ މައްޗަށް ފެންނަން ހުރިއިރު އިހުތިރާމް އަދާކުރާނީ ކިހިނެއްތޯ ސުވާލު އުފައްދަވާފަ އެވެ.