ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ހުކުރު ދުވަހުގެ ހެނދުނުން ފެށިގެން ގއ، ގދ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ ރަށްތަކަށް ބޯކޮށް ވާރޭވެހި އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށާއި، އެ ރަށްތަކުގެ ހާލަތު މޮނިޓަރ ކުރަމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.  

އެންޑީއެމްއޭ އިން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއި ދިވެހި ސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. މިހާތަނަށް އައްޑޫ ސިޓީ ފޭދޫގެ 30 އަށްވުރެ ގިނަ ގެއަކަށް ފެންވަދެ ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ކަން އެ އޮތޯރިޓީ އިން ފާހަގަކުރެ އެވެ.

މީގެއިތުރުން، ޚާއްސަ އެހީއަށް ބޭނުންވާ 2 މީހުން ހިމެނޭހެން، ޖުމްލަ 8 މީހުން ދިރިއުޅޭ ގެއެއްގައި ފެންބޮޑުވެ ދިރިނޫޅެވޭ ހާލަތަށް ދިއުމާ ގުޅިގެން، ކައުންސިލާ ގުޅިގެން އެ އާއިލާއަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ވެސް އެންޑީއެމްއޭ އިން ވަނީ ބުނެފަ އެވެ. 

މި އަތޮޅުތަކުގެ ހާލަތު އެ އޮތޯރިޓީން ދަނީ ވަރަށް ގާތުން މޮނިޓަރ ކުރަމުން ކަމަށް ވެސް އެންޑީއެމްއޭ އިން ވަނީ ބުނެފަ އެވެ. 

ބޯކޮށް ވާރޭވެހި ވައި ގަދަވާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލަރޓް އަދި ދެކުނުގެ ސަރަހައްދުތަކަށް ޔެލޯ އެލަރޓް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ހުކުރު ދުވަހު ވަނީ ނެރެފަ އެވެ.  

މެޓް އޮފީހުން މި އެލަރޓްތައް ނެރެފައިވާއިރު މީގެ ކުރިން އެ އިދާރާ އިން ވަނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑު ވާނެ ކަމަށް ލަފާކޮށް، ފުވައްމުލަކު ސިޓީ އިން ފެށިގެން އައްޑޫ ސިޓީ އަށް އޮރެންޖު އެލަރޓް ވެސް ނެރެފަ އެވެ. 

ރާއްޖޭގެ މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެތީ ކަނޑުމަގުން ދަތުރުފަތުރުކުރާ ފަރާތްތަކުން ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

އެގޮތުން، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި ދަތުރާ ގުޅޭ މައުލޫމާތު ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުމަށް އެމްއެންޑީއެފް އިން ވަނީ އެދިފަ އެވެ. ހާއްސަކޮށް، މޫސުމީ ގޮތުން ރީނދޫ ނުވަތަ އޮރެންޖު އެލާޓް ނެރެފައިވާ ވަގުތުތަކުގައި އެއްވެސް އުޅަނދެއް ކަނޑުމައްޗަށް ނުނިކުތުމަށް ވަނީ އަންގާފަ އެވެ.