ސިނަމާލެ ބްރިޖް ހައިވޭގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެގެން އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.

ފުލުހުންގެ އިދާރާއިން މައުލޫމާތު ދިން ގޮތުގައި، ހައިވޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ހުކުރު ދުވަހުގެރޭ 21:13 އެހައިކަންހާއިރު އެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ އެކްސިޑެންޓްވި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު ދުއްވަން އިން މީހާއަށެވެ. އެ މީހާއަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް އައިޖީއެމް ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ. ނަމަވެސް، އެ މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، މި މައްސަލައާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.