ދިވެހިރާއްޖޭގެ
ބިން ބޭރުގެ ފަރާތްތަކަށް މިލްކުކުރެވޭ ގޮތަށް ހެދުމަށްޓަކައި، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން،
ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތޮލިބް ހުށަހެޅުއްވި ކަރުދާހެއް
ވަޒީރުންގެ މަޖިލީހުން ފާސްކޮށްފައިވާއިރު، އެ ބަދަލުތައް ގެންނައިރު ރައްޔިތުން
ކަންބޮޑުވާންޖެހޭ ކަންކަމަށް ރިއާޔަތްކޮށް ޕީއާރް ޖެއްސުމަށް ހިމަނާފައިވާތީ ފާޑުކިޔުން
އަމާޒުވެއްޖެ އެވެ.

2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ކެބިނެޓުން
މި ނިންމުން ނިންމާފައިވަނީ ބޭރުގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް އިތުރުކުރުމަށް
ކަމަށް ބުނެ، ގާނޫނީ އަދި އިދާރީ އޮނިގަނޑެއް އެކުލަވާލުމާ ގުޅޭގޮތުން ހުށަހެޅި ކަރުދާހެއްގެ
މައްޗަށް ބިނާކޮށެވެ.
މި ނިންމުމުގެ
ދަށުން ކުރަން ނިންމާފައިވާ މައިގަނޑު ކަންކަމުގެ ތެރޭގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ގާނޫނުއަސާސީއަށް އިސްލާހު ގެނައުމާއި، ބިދޭސީންނަށް ރިއަލް އެސްޓޭޓް ޕްރޮޕަޓީ މިލްކުކުރެވޭނެ
ގާނޫނެއް އެކުލަވާލުން ހިމެނެ އެވެ.
މީގެ އިތުރުން
ރިއަލް އެސްޓޭޓް ތަރައްގީކުރުމުގެ ގާނޫނެއް އެކުލަވާލުމާއި، ޕްރޮޕަޓީއާ ގުޅޭ މައްސަލަތައް
ހައްލުކުރުމަށް ހާއްސަ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ އެވެ. އަދި އިމިގްރޭޝަން
ގާނޫނަށް ބަދަލު ގެނެސް، އިންވެސްޓްކުރާ މިންވަރަށް ބަލައި ހާއްސަ ރެސިޑެންޝަލް ވިސާ
ދޫކުރުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ރަޖިސްޓްރާ އޮފް ޕްރޮޕަޓީޒް އައްޔަނުކުރުން
ވެސް މީގެ ތެރޭގައި ހިމެނެ އެވެ.
ސަރުކާރުގެ
މި ސިޔާސަތުތައް ތަންފީޒު ކުރުމަށްޓަކައި "ޕްރޮޕަޓީ ރެގިއުލޭޓަރީ އޮތޯރިޓީ އޮފް
މޯލްޑިވްސް" ގެ ނަމުގައި އައު އިދާރާއެއް އުފެއްދުމަށް ވެސް ކެބިނެޓުން ވަނީ ނިންމާފަ އެވެ.
ފާހަގަކޮށްލެވޭ
ގޮތުގައި، މި ސިޔާސަތުތައް ތަންފީޒު ކުރާއިރު ރައްޔިތުންގެ މެދުގައި އުފެދޭނެ ކަންބޮޑުވުންތަކަށް
ރިއާޔަތްކޮށް، ފުރިހަމަ ޕަބްލިކް ރިލޭޝަން (ޕީއާރް) ސްޓްރެޓެޖީއެއް އެކުލަވާލައި ތަންފީޒު
ކުރުމަށް ވެސް ފާސްކުރި ކަރުދާހުގައި ބަޔާންކޮށްފައިވެ އެވެ. މިއީ މިކަމާ ގުޅިގެން
ރައްޔިތުންގެ މެދުގައި އުފެދިދާނެ ނުރުމާއި ފާޑުކިއުންތައް ކުޑަކުރުމަށް ކުރަން ނިންމާފައިވާ
ކަމެއްގެ ގޮތުގައި ބެލެވެ އެވެ.

ކެބިނެޓުން ފާސްކުރި ކަރުދާސް|ރާއްޖެ އެމްވީ
މި މައްސަލައާ
ގުޅިގެން ދީނީ އިލްމުވެރިޔާ ޝެއިހް ޒަމްޒަމް ފާރިޝް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް
ފާޑުވިދާޅުވެފަ އެވެ. ޝެއިހް ވިދާޅުވީ ސަރުކާރުގެ ކަމާބެހޭ އިސް ފަރާތްތަކާ ވާހަކަ ދެއްކުމުން،
ބޭރު މީހުންނަށް ބިން މިލްކުކުރެވޭ ގޮތަށް އޮތް މި ލިޔުމަކީ ސައްހަ ލިޔުމެއްކަން ކަށަވަރުވެފައިވާ
ކަމަށެވެ. އަދި މި ލިޔުމުގައިވާ ނުކުތާތަކުން ސާފުވަނީ ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ
ހައްގުގައި ހިންގާ މަޝްރޫއެއް ނޫންކަން ކަމަށް ވެސް ޝެއިހް ވިދާޅުވި އެވެ.
ޝެއިހް
ޒަމްޒަމް ފާރިޝް އިތުރަށް ވިދާޅުވީ، ރަސްމާލެ މަޝްރޫއުގެ ފަހަތުގައި ވަނީ މުޅިން އެހެން
އެޖެންޑާއެއް ކަމަށާއި، އެހެން ނޫންނަމަ ރައްޔިތުން "މައިތިރިކުރަން" ޕްރޮޕެގެންޑާ
ޖައްސަންޖެހޭ ކަމަށް ސަރުކާރުގެ ރަސްމީ ލިޔުމެއްގައި ބަޔާންކުރަންޖެހޭ އެއްވެސް ސަބަބެއް
ނެތް ކަމަށެވެ.
މިކަމުގެ
ސަބަބުން ރާއްޖޭގެ ބިމުގެ މިލްކުވެރިކަމާއި ގައުމީ ސަލާމަތަށް ކުރާނެ އަސަރުތަކާ މެދު
ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.