އަޕަރ
ސައުތު ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި 22 އަހަރުގެ އަންހެނަކަށް ބަޔަކު
ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ ސީރިއަސް މައްސަލައެއް ފުލުހުން ތަހުގީގު
ކުރަން ފަށާފައިވާއިރު، މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ބަންދުގެ މުއްދަތު
އިތުރުކޮށްފި އެވެ.

ފުލުހުން
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، 22 އަހަރުގެ އަންހެނަކަށް ޖިންސީ
ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2026
އޮކްޓޫބަރު 20 ވަނަ ދުވަހު ކަމަށެވެ. މި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު،
އިތުރު މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފަ
އެވެ.

އެގޮތުން
މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިން
އެކްސްޕްލޮއިޓްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް
ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. މިކަމާ ގުޅިގެން ފުލުހުން
މިހާރު ގެންދަނީ މިއީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، ފުޅާ
ދާއިރާއެއްގައި ތަހުގީގު ހިންގަމުންނެވެ.

މި
މައްސަލައިގެ ތަހުގީގު އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، މާލެއިން ފުލުހުންގެ
ހާއްސަ ޓީމެއް މިހާރު ވަނީ އެ ރަށަށް ފޮނުވާފަ އެވެ.

މި
މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މުހައްމަދު މައިސަން ޝިޔާޒު (21އ) އާއި
އަހްމަދު އިފްތިޝާމް ޒަރީރު (24އ) އާއި ނަޖުމުﷲ ހަސަން (35އ) އާއި އާޒިމް މުފީދު
(24އ) އާއި އަލީ ހުޒާމް ސައީދު (31އ) އާއި މުހައްމަދު ސާލިހު އަހްމަދު (26އ) އާއި
އަހްމަދު ނޫހު ނިޔާޒު (20އ) އާއި މުހައްމަދު މިޝަލް އަހްމަދު ޒުހައިރު (20އ) އަދި
އަހްމަދު ސާނިޖު ސާދިޤު (32އ) އެވެ

މި މައްސަލައާ
ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ބަންދާމެދު ގޮތެއް ނިންމުމަށް ދެވަނަފަހަރަށް
ކޯޓަށް ހާޒިރު ކުރުމުން، އަޙްމަދު ނޫޙު ނިޔާޒު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް،
މުޙައްމަދު މިޝަލް އަޙްމަދު ޒުހައިރު އިތުރު 30 ދުވަހަށް ބަންދު ކުރުމަށް، ނަޖުމުﷲ
ޙަސަން 45 ދުވަހަށް ބަންދުކުރުމަށް އަދި  މުޙައްމަދު
ޞާލިޙު އަޙްމަދު އާއި އަޙްމަދު ޞާނިޖު ޞާދިޤު އިތުރު 5 ދުވަހަށް ބަންދު ކުރުމަށް ވަނީ
އަމުރުކޮށްފަ އެވެ.