ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އިންކްލޫސިވް އެޑިއުކޭޝަން ފޯރުކޮށްދިނުމުގެ ބަދަލުގައި އެ ކުދިން ވަކިކުރުމަކީ މާޒީވެ ގޮސްފައިވާ އުސޫލެއް ކަމަށާއި، މިހާރު މަޖިލީހަށް ހުށަހެޅިފައިވާ ބިލަކީ އެ ފަދަ ކުދިން ތައުލީމީ ނިޒާމުން އެކަހެރިކޮށް ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ، ދުނިޔެ މިއަދު ގަބޫލުކުރަނީ އާންމު ކްލާސްރޫމުގައި އިންނަ ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީގެން އުނގަންނައިދޭ އިންކްލޫސިވް ނިޒާމެއް ކަމަށެވެ. އަދި އެ ކުދިންނާ ގުޅޭގޮތަށް ފިލާވަޅުތައް އުނގަންނައިދިނުމާއި، ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްދިނުމަކީ ދައުލަތުގެ މައްޗަށް ލާޒިމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު އެ ހުށަހެޅުނު ބިލަކީ އިންކްލޫސިވް އެޑިއުކޭޝަން ދޫކޮށް ސެގްރިގޭޝަނާ ދިމާލަށް އަނެއްކާ އަލުން އަނބުރާ ފަހަތަށް ދިއުމަށްޓަކައި އެޅުނު ފިޔަވަޅެއް. އެކަން އެހެންވިޔަ ދީގެން ނުވާނެ. އަޅުގަނޑުމެން ހަމަހިލާ އެކަން އެހެންވިޔަ ނުދޭނަން
މުހައްމަދު އިހުސާން

އިހުސާން ވިދާޅުވީ، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިކަމާއި އަޅާލުން ބޭނުންވާކަން ގަބޫލުކޮށް، އެ ކުދިން އާންމު ތައުލީމީ ނިޒާމުގެ ތެރޭގައި ހިމެނުމަށް އެންމެ ފުރަތަމަ އިސްނަގައިގެން މަސައްކަތް ފެށީ އެމްޑީޕީން ކަމަށެވެ. އަދި މި ބަދަލު މިހާރު ގެނައި ނަމަވެސް، ކުރިއަށް އޮތް އެމްޑީޕީގެ ވެރިކަމެއްގައި އަލުން އިންކްލޫސިވް އެޑިއުކޭޝަންގެ އުސޫލުތައް ގާއިމުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، މި ސަރުކާރު އުފެދުނީއްސުރެ ރާއްޖޭގެ ތައުލީމީ މަންހަޖު ވަކި އެޖެންޑާއަކަށް ބަދަލުކުރުމަށް ސިއްރިޔާތުގައި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އިހުސާން ތުހުމަތު ކުރެއްވި އެވެ. އަދި މަޖިލީހަށް ހުށަހެޅިގެން އެ ދިޔައީ އެ ކަމަށް ގާނޫނީ ބާރުވެރިކަން ދިނުމުގެ ބިލެއް ކަމަށާއި، މި ބިލު ގާނޫނަކަށްވުމާ އެކު އެޑިއުކޭޝަން މިނިސްޓްރީގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން މަންހަޖު ބަދަލުކުރުމުގެ މަސައްކަތް އަވަސްކޮށް ނިންމާލާނެ ކަމަށް ވިދާޅުވި އެވެ.

މި ސަރުކާރުން ގަސްތުގައި ތައުލީމީ ނިޒާމު ހަލާކުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ އިހުސާން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެގޮތުން، މި ބިލުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އަންހެން ކުދިން ސްކޫލަށް ފޮނުވުން ހުއްޓުވުމަށް މަގުފަހިވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.