ސަރުކާރުން
ރަސްމާލެ މަޝްރޫއަށް 700 މިލިއަން ޑޮލަރު ހޭދަކޮށްގެން ރައްޔިތުންގެ ފައިސާ
އިސްރާފު ކޮށްފައިވާކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް
ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ
ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ ދިވެހިންނަށް ޑޮލަރުގެ
ދަތިކަން އިންތިހާއަށް ކުރިމަތިވެފައި އޮތްއިރު ސަރުކާރުން ކަންކުރާގޮތް ބަލަންޖެހޭ
ކަމަށެވެ.
މެންބަރު
ވިދާޅުވީ ސަރުކާރުން އެއްވެސް ޕީއެސްއައިޕީ މަޝްރޫއެއް ނުހިންގާ ކަމަށެވެ. އާންމު
ގޮތެއްގައި ޕީއެސްއައިޕީ މަޝްރޫއުތައް ހިންގާނަމަ އެ ޑޮލަރު ކޮންމެ ވެސް ގޮތަކަށް ރައްޔިތުންނާ
ހަމައަށް ފޯރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެއްވެސް މަޝްރޫއެއް ނުހިންގާ
ސަރުކާރުން 700 މިލިއަން ޑޮލަރު ހޭދަކޮށްލީ ރަސްމާލެ މަޝްރޫއަށް ކަމަށް މީކާއިލް ފާހަގަކުރެއްވި
އެވެ.
މީކާއިލް
ވިދާޅުވީ މިއީ ޑޮލަރަށް ޖެހިފައި އޮތް ޤައުމަކުން ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ.
މިއަށް ކިޔަނީ ނުފޯރާ ފޮތިން ފޫގެޅުން ކަމަށް އޭނާ ވިދާޅުވި އެވެ.
މި ސަރުކާރުން
ނިމިދިޔަ ސަރުކާރަށް ފާޑުކިޔުމަށް ދައްކާ ވާހަކައަކީ ކަނޑުން ގޯތިދިން ވާހަކަ ކަމަށް
މީކާއިލް ވިދާޅުވި އެވެ. ނަމަވެސް އެ ވާހަކަ ދައްކަމުން ވެރިކަމަށް އައިސް މި ސަރުކާރުން
މި ކުރި ކަމަކީ 700 މިލިއަން ޑޮލަރު ކަނޑަށް އަޅާ ހުސްކޮށްލުން ކަމަށް އޭނާ ވިދާޅުވި
އެވެ.
މީކާއިލް
ވަނީ މިއަދު ޑޮލަރުގެ ރޭޓު 23 ގައި ހުރިކަން ވެސް ފާހަގަކުރައްވާފަ އެވެ. ނުވިތާކަށް
އެ ވާހަކަ ދެއްކުން ވެސް މަނާކުރުމަށް ބާރުގެ ބޭނުންކޮށްގެން އެކި ޤާނޫނުތައް ހަދަމުންދާ
ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.
ރާއްޖޭގައި
ޑޮލަރުގެ ދަތިކަން އިތުރުވަމުންދާއިރު ސަރުކާރުން ބޮޑެތި މަޝްރޫއުތަކަށް ހޭދަކުރާ
ގޮތާމެދު ވަނީ ފާޑުކިޔުންތައް އިތުރުވެފަ އެވެ.